(ބުރާސްފަތި ދުވަހުގެ ނޫހާ ގުޅޭ)
ގަޑީގެ ކަށި ހިންގަމުން ދާވަރަކަށް ސައުންގެ ހިތުގެ ހިނގުން ވެސް ދަނީ އިތުރު ވަމުންނެވެ. އާލިޔާގެ ފަރާތުން ލިބޭނެ ޖަވާބަކާ މެދު ޚިޔާލުކުރެވެމުން ދިޔައެވެ. ބައެއްފަހަރަށް މާޔޫސް ވާގޮތް ވެއެވެ. އެއީ އާލިޔާ ސައުންގެ ހުށައެޅުން ގަބޫލު ނުކޮށް ފާނެތީއެވެ. އާލިޔާއަށް ރީތި ކަމަށް ބުނި ކުލައިގެ ގަމީހެއް ލުމަށް ފަހު ގަމީހުގެ އަތް ހެޔޮވަރު ވަރަކަށް އޮޅާލިއެވެ. އަދި ބޮލުގެ އިސްތަށިގަނޑު އަތުން ރަނގަޅު ކޮށްލުމަށް ފަހު ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ތައްޔާރު ވެވެން ހުރި އެންމެ ރަނގަޅަކަށް ތައްޔާރުވެލިއެވެ. ޖަހާފައި ހުރި ސެންޓުގެ ވަހުން މުޅިތަން އެއްވަސް ވެގެންދިޔައެވެ. ރީތިވެ ނިމިގެން ހިނގައި ގަތް އިރު ސައުންގެ އަތުގައި ކުޑަ ފޮއްޓެއް އޮތެވެ. މައުނަވީ ބެލުމަކުން ފޮޓަށް ބަލާ ލުމަށް ފަހު ޖިންސުގެ ޖީބަށް ލިއެވެ. ފުރަގަހު ޖީބަށް ވޮލެޓް ޖަހާލުމަށް ފަހު ކޮޓަރިން ނުކުންނަށް ދޮރުގެ ތަޅުގައި ހިފާލިއެވެ. އެވަގުތު ކޮންމެސް އެހެން މީހަކު ބޭރުން ތަޅުގައި ހިފާފައި ހުރިކަން އެނގުމުން އަތް ދޫކޮށް ލުމަށްފަހު ދޮރު ހުޅުވާތޯ މަޑު ކޮށްލިއެވެ. ޚަބަރެއް ނުވުމުން ދޮރު މަޑުމަޑުން ހުޅުވާލިއެވެ. ސައުންނަށް ލިބުނީ ސިހުމެކެވެ.
ކުރިމަތީގައި ހުރީ ސައުންގެ ދޮށީ ދަރިފުޅު ޒޯޔާއެވެ. ސައުން ފެނުމުން ޒޯޔާ ރޯންފެށިއެވެ. ކިހިނެއްވީތޯ ސުވާލު ކުރުމުން މަންމަ ރޮނީއޭ ބުންޏެވެ. ހުއްޓާލާށޭ ބުނުމުން މަންމަ ހުޢްޓައެއް ނުލިޔޭ ކިޔާ ސައުންގެ އަތުގައި ހިފައިގެން މިޝްކާ އޮތް ކޮޓަރިއާއި ދިމާލަށް ގެންދަން މަސައްކަތް ކުރިއެވެ. އެވަގުތު ޒޯޔާގެ ދެއަތުގައި ހިފުމަށް ފަހު ކައިރީގައި އުޑަފައިން އިށީނުމަށް ފަހު ބޮލުގައި ފިރުމާލަމުން އެއީ މަންމަ ބޮލުގައި ރިއްސާތީ ކަމަށް ބުނެ ވާހަކަ އޮޅުވާލިއެވެ. ބޭސް ކެޔަސް ރަނގަޅު ވާނީ ތަންކޮޅެއް ގިނަ އިރުން ކަމަށް ބުނެ ދަރިފުޅު ހިތްހަމަޖައްސައި ދދޭން މަސައްކަތް ކުރިއެވެ. ބައްޕަ އޮފީހަށް ދާން ޖެހޭތީ މަޑުކުރެވޭކަށް ނެތޭ ބުނީ ހިތާ ދެކޮޅަށެވެ. ދަރިފުޅުގެ ކުރިމަތީގައި ދޮގެއް ހަދަން ޖެހުނަތީ ޖެހިލުންވިއެވެ. އަދި މިހެން ގޮސް ކިތައް ދޮގު ހަދަން ޖެހޭނެ ބާއޭ ހިތަށް އެރިއެވެ. މަންމަ ކައިރީ ދަރިފުޅު ގޮސް އޮންނާށޭ ބުނެ ފޮނުވާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޒޯޔާ ހުރިތަނުން ގުޑުވައި ވެސް ނުލިއެވެ. ތުންފިއްތައިގެން އިސްޖަހައިގެން ހުރިގޮތް ފެނިފައި ސައުން ކަންބޮޑުވެ ހާސްވާގޮތް ވިއެވެ. އެންމެފަހުން މިޝްކާއޮތް ކޮޓަރިއަށް ޒޯޔާ ގޮވައިގެން ވަނެވެ.
ސައުން ކޮޓަރިއަށް ވަދެގެން އަންނަ ތަން ފެނުމުން މިޝްކާގެ ގިސްލުން ވީ ބާރެވެ. މިޝްކާއަށް ޒޯޔާ ހުރިކަން އެނގުމުން ގިސްލުން މަޑުކޮށް ލުމަށްފަހު ދެއަތުން މޫނު ފޮހެލިއެވެ. ސައުންނާ އެކުގައި ޒޯޔާ ދާން އުޅޭތީ ސައުން އައީ ކަމަށް ހީކޮށް ޒޯޔާއަށް މިޝްކާ ގޮވާލިއެވެ. މިޝްކާ ގޮވާލުމުން ވެސް މަންމަ ކައިރިއަށް ދާކަށް ބޭނުމެއް ނުވިއެވެ. މިޝްކާ ގޮވާލުމުން ކުރިއަށް ވުރެ ބޮޑަށް ސައުންގެ ގައިގައި އޮޅުލައިގަތެވެ. ޚަޤީގަތުގައި މިޝްކާ ވެސް ސައުން ހުއްޓުވާން ބޭނުމެވެ. އެހެންނަމަވެސް މިއަދަކު އެބާރެއް މިޝްކާ އަކަށް ލިބިގެނެއް ނުވެއެވެ. ސައުންގެ ކުރިމަތީގައި މިޝްކާގެ ބަހެއް ނުވިކެއެވެ. ޒޯޔާ މިޝްކާގެ ކައިރިއަށް ނުދިއުމުން ޒޯޔާ ގޮވައިގެން ކޮޓަރިން ނުކުތެވެ. ކުދިންގެ ކޮޓަރިއަށް ސައުން އެނބުރި ދިޔައެވެ. އެންމެފަހުން ސައުންނަށް ޒޯޔާގެ ކިބައިން ސަލާމަތް ވެވުނީ އޭނާ ނިންދެވުމަށް ފަހުއެވެ. އޭރުގަޑީގެ ކަށި ވެސް އައީ ކުޑަތަން ވަމުންނެވެ. ލަސްވި ނަމަވެސް މިރޭ މިހިނގި ކަހަލަ ކަމެއް ދެވަނަ ފަހަރަށް ކުދިންގެ ކުރިމަތީގައި ތަކުރާރު ވުން ނޭދޭތީ މިޝްކާ އޮތް ކޮޓަރިއަށް ސައުން ގޮސްވަނެވެ.
ސައުން ހުރީ ހިތް ހަމަނުޖެހިފައެވެ. ކޮޓަރި ތަޅުނުލައި ދަރިންގެ ކުރިމަތީގައި ރޮއިރޮއިފަ އުޅެން މިޝްކާ ބޭނުންވާ ނަމަ ދެން މިގޭގައި މިޝްކާ ނުބެހެއްޓޭނެއޭ ބުނެ މިށަކާއާދިމަ ބަލާލިއެވެ. މީގެ ފަހުން ތިޔަ ގޮތަށް ކުދިންގެ ކުރިމަތީގައި އުޅޭނަމަ ގެއިން ނެރޭނަމޭ ބުނަން ސައުން ބޭނުންވި ނަމަވެސް މީޝްކާގެ މޫނު މަތިން އެފެނުނު ހިތާމަވެރި އަސަރުން އެހެން ބުނާކަށް ސައުންނަކަށް ނުކެރުނެވެ. އެމަންޒަރު ބަލަން ހިތަށްކެތް ނުވުމުން އަވަސްއަވަހަށް މިޝްކާގެ ކުރިމަތިން ދެވޭތޯ ބެލިއެވެ.
ސައުން ދިއުމުން ކޮޓަރި ތަޅުލުމަށްޓަކައި މިޝްކާ އެނދުން ފައިބައިގެން ހިނގައި ގަތް ތަނުން ފައިގައި އެއްޗެއް ޖެހުނު ހެން ހީވެގެން އެއީ ކޮންއެއްޗެއްތޯ ބަލާލުމުގެ ޝައުޤުވެރިކަމުގައި އެ ނެގިއެވެ. ކުޑަ ފޮއްޓެކެވެ. ހޮޅިބުރި ދިއްލާލުމަށްފހު އެފޮށީގައި ވަނީ ކޮންކަހަލަ އެއްޗެއްތޯ ރަނގަޅަށް ބަލާލިއެވެ. މިސްކާގެ ލޯބޮޑުވެގެން ދިޔައެވެ. ހީވީ މީހަކު ގަދަކަމުން މިޝްކާގެ ދިރިހުރުން ފޭރިގަނެގެން ގެންދަން އުޅޭހެނެވެ. ކަޅު ރަތް ކުލައިގެ ފޮއްޓެއްގެ ތެރޭގައި ވަނީ ވަރަށް ސާދަ ގޮތަކަށް ހަދާލެވިފައިވާ ރަނުގެ އަނގޮޓިއެކެވެ. މިސްކާއަށް ސައުން ބޭރަށް ދާން އުޅޭ މަޤްޞަދު ވަރަށް ރަނގަޅަށް އެނގުނެވެ. އޭގެ ކުރިންވެސް ސައުން ތައްޔާރުވެފައި ހުރި ގޮތުން ބޮލުގައި ރިއްސާލިއެވެ. އޮފިޝަލު ނޫން ގޮތަކަށް ހެދުން އަޅާފައި ހުރުމުން އޮފީހާ ގުޅުންހުރި ކަމެއް ނޫންކަން މިޝްކާއަށް ވިސްނުނެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް އޮޅުން ފިލުވަން ސުވާލެއް މިއަދަކު ކުރެވޭކަށް ނެތެވެ. ދެމަފިރިންއެކުގައި ބިނާކުރަމުންއައި ގަނޑުވަރު ފުނޑު ފުނޑުވެގެން ދިޔައީ މިޝްކާގެ ސަބަބުންނެވެ. ދުނިޔަވީ ތާޢުރީފް ތަކުގެ އަވައިގައި ޖެހެވި އުފާވެރި ދިރި އުޅުމާ ތިމާދެކެ އެންމެ ލޯބިވީ ފިރިމީހާއަށް ޚިޔާނާތްތެރި ވެވުނީއެވެ. މާޢަފް ލިބުން ނުވާ ފަދަ ބޮޑަތި ކުށްތައް ކުރެވުނީއެވެ. ކައިވެނީގެ ގުޅުމުގައި ރެނދުލައި އެރެނދުތައް ނުބެއްދޭ ވަރަށް ފޭވެގެން ދިޔައީ މިޝްކާގެ އިހުމާލުންނެވެ. މިއަދު އެކަން ގަބޫލުކޮށް ކުށަށް އިޢުތިރާފް ވީނަމަވެސް މަޢާފް ލިބުން ވަނީ މާދުރުގައެވެ. ޒާލިފުގެ މަކަރުވެރިކަމުގެ ދަޅުގައި މިޝްކާ ބެނދެވި ހައްޔަރުވެގެން ދިޔައިރު ސައުން ކުރި އާދޭސްތައް އަޑުއަހާ އެނބުރި ސައުންގެ ގެ ހަޔާތަސް އާދެވުނުނަމައޭމިހާރު ހިތަށް އަރައެވެ. އެހންނަމަވެސް ގެއްލިދާ ވަގުތާ ގެއްލިދާ އިތުބާރަކީ އެނބުރި އައުން ނުވާ ދެކަންތައްކަން އެނގުނުހިނދު ދިރިހުރުން މަތިން ފޫހިވިއެވެ. ލޯބިވާ މައިންބަފައިންނާއި އޯގާތެރި ފިރިމާހާގެ ބަސްގަބޫލު ނުކޮށް ދުނިޔަވީ އުފާތަކުގެ ފަހަތުން އެދުހެވުނަތީ މިހާރު ކިތަންމެހާވެސް ދެރަވެއެވެ. އެހެނަސް... ލޮލުން އޮހޮރެމުންދިޔަ ކަރުނައިން މިޝްކާގެ ކޯތާފަތް މަތި ފުރެމުން ދިޔައެވެ.
ފުން ނޭވަޔަކާއެކު ކަނާތުން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލިއެވެ. ކިތަންމެ ވަރަކަށް އެ ކަރުނަތައް ހުއްޓުވަންބޭނުންވި ނަމަވެސް ހިތްށްލިބެމުންދާ ވޭނާއެކު ލޮލުގައި ޖަމާވާ ކަރުނަ ވަނީ އިތުރެވެ. ފިސްފިސްވަމުންދާ ހިތުގެ ހާލާމެދު ހަމްދަރު ދީވާނެ މީހަކު މިހާރ ނެތް ކަން އެނގުމުންއެކަނިވެރިކަން އިހުސާސްވަމުން ދިޔައެވެ. ކުރެވުނު އެންމެ ކުށެއްގެ ސަބަބުންނެވެ. ލޯބިވާ ފިރިމީހާ އެހެން އަންހެނަކާއި މެދު ވިސްނަން މަޖުބޫރު ކުރުވީ މިޝްކާގެ ސަބަބުން ކަމަށް ގަބޫލުކުރެވުނެވެ. އަތުގައި އޮތް އަނގޮޓިއާ ދިމާލަށް ބަލާލި އަމިއްލަ ޒަމީރަށް މަލާމަތް ކުރަމުންނެވެ. މުޅިއުމުރަށް ސައުން އަތުން ބީވެގެން ދާކަން ޔަޤީންވިއެވެ. ކައިވެނި ކުރިރޭ މިޝްކާގެ އަތުގައި ސައުން އަޅައިދިން އަނގޮޓިއަށް ބަލާލުމަށް ފަހު ތުންފަތް ޖައްސާ ލެވުނީ ބޭއިހުތިޔާރުގައެވެ. ސައުންނާއެކު ހޭދަކުރެވުން އުވާފެރި ދުވަސްތަކުގައި ދެމީހުން ހިއްޞާކުރި އެކިއެކި ކަންތައްތަކުން ހިތަށްވޭން ލިބެމުން ދިޔައެވެ. ދިރިއުޅުމުގެ ހަޔާތުން ސައުންނާއެކު ދެން އެ ފުރުޞަތު ނުލިބޭނެކަން އެނގުމުން އަދީ މާބޮޑަށް ރޮވޭގޮތް ވިއެވެ.
އެހެން މީހަކާއި ސައުން ގުޅުމުން ދެ ކުދިންނަށް ލިބިގެން ދާނެ ގެއްލުމާ މެދު ވިސްނާލެވުނެވެ. ދޮންމަންމަ އިން ނަކީ ދޮންނިޔަދުރޭ ބުނާ ބަސްމަތިން ހަނދުމަވެ، ދެލޯ ފެންކަޅިވަމުން ދިޔައެވެ. ކުދިންގެ ހައްގުގައި ސައުންގެ ކައިވެނި އެހެން މީހަކާއި ކުރުން މަނާ ކުރެވޭތޯ ބެލުމަށްއަޒުމު ކަނޑައެޅިއެވެ. ރުއިމަކީ ހައްލު ނޫޏްކަމަށްދެކެ ހިތް ވަރާއެކު ސައުންނައި ކުރިމަތި ލުމަށް ނިންމިއެވެ. ސައުން ގުޅެނީ ކޮންކުއްޖަކާތޯ ބެލުމުގެ ވިސްނުންއައެވެ. އަބަދުވެސް އެފަދަ ގުޅުމަކުން ޝައްކު ކުރަމުންއައީ އާލިޔާއަށް ކަމަށް ވާތީ އާލިޔާތޯ ބެލުމުގެ ޝައުގު ހިތުގައި ވަކިން ބޮޑުވިއެވެ. މިޝްކާއަށް ވިސްނުނީ އާލިޔާ ނަމަ އާދޭސްކޮށްގެން އެކަން ހުއްޓުވާލެވޭނެ ކަމަށެވެ. އާލިޔާގެ ވިސްނުމާއި އޭނަ ޖަޒުބާތީ ވާ މިންވަރު މާރަނގަޅަށް މިޝްކާއަށް އެނގެއެވެ. އެހެންކަމުން އެކަމުގެ ފައިދާ މިޝްކާއަށް ނެގިދާނެ ކަމަށް ވިސްނާ ރުއިން އެއްކޮން ހުއްޓާލިއެވެ.
ވުމާއެކު ސައުންގެ ބޯކޮޅު ބަލަމުން ދާތަނެއް ބެލުމަށްޓަކައި ފާރަލާނެ ގޮތަކާމެދު ވިސްނަން ފެށިއެވެ. އަދި ރައްޓެއް ސަކަށް ފޯނުން ގުޅުމަށްފަހު ސައުންނަށް ފާރަލައިގެން ބައްދަލު ކުރާ މީހަކާ ދާތަނެއް ބަލަން ނިންމިއެވެ. ދެތިން ނަމްބަރަކަށްގުޅިއެވެ އެތަނުން އެންމެ ނަމްބަރަކާ ވެސް ގުޅޭ ގޮތެއްނުވިއެވެ. ހިތުގައި ދިއްލެމުން އައި އުއްމީދުގެ ބައްތި އަނެއްކާ ވެސް ނިވެމުން ދާކަމުގައި މިޝްކާއަށް އިހުސާސް ކުރެވުނެވެ. އެއްވެސް މީހަކު މެދުވެރި ނުކޮށް ޚުދު މިޝްކާ އަމިއްލައަށް ހިންގާ މިޝަންއެއްގެ ގޮތުގައި ނިންމިއެވެ.
ސައުން ޒޯޔާ ނިންދެވުމަށް ފަހު ބޭރަށް ދާން ހިނގައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ސައުން ސިޑިން ތިރިއަށް ފައިބައިގެން ދާތަން ބަލަން މިޝްކާ ހުއްޓެވެ. ބީވެގެންދާ ފިރިމީހާ އެނބުރި މިޝްކާގެ ހަޔާތަށް ގެނެވޭނެ ގޮތެއް ނެތްކަން އެނގި ކަންބޮޑުވަމުން ދިޔައެވެ.
ގަޑި ޖެހުމުގެ މާކުރިން ނަވާލު އާލިޔާމެން ގޭދޮށަށް އައިސް ބަރުގޮނު އަޅަމުން ދިޔައެވެ. އާލިޔާގެ ޚަބަރެއް ނުވުމުން އެންމެފަހުން ގެއަށް ވަންނަން ދާން ހިނގައި ގަތެވެ. އެވަގުތު ސައުންގެ މެސެޖެއް ނަވާލުއަށް ލިބުނެވެ. އެއީ އާލިޔާ ކޮބައިތޯ ބަލާށެވެ. މެސެޖުން ޖަވާބު ފޮނުވައި ނުލެވިގެން އުޅެނިކޮން އާލިޔާ އަންނަތަން ފެނުނެވެ. އަތުން ކުޑައަތް ދަބަހެއް ހިފައިގެން ހުރިއިރު އާލިޔާ ފެންނަނީ ވަރަށް ސާހީ ގޮތެއްގައެވެ. ނަވާލު އަށް އާލިޔާ ފެނުމުން ހާދަ ރީއްޗޭ ބުނެލެވުނީ ބޭއިޙްތިޔާރުގައެވެ. "ތޭންކުސް" އޭ ބުނެ ލުމަށްފަހު ނަވާލުގެ ސައިކަލުގެ ފަހަތަށް އާލިޔާ އަރާ ހަމަޖެހިލިއެވެ. އެހިނދު އާލިޔާގެ ގައިން ދުވަމުންދިޔަ ސެންޓުގެ ވަހާއެކު ނަވާލުގެ ވިސްނުންވެސް ޙަރާބު ކުރުވަމުން ދިޔައެވެ. އެހންނަމަވެސް މިހާރު އާލިޔާ އެވަނީ ނަވާލު އަތްޖެހޭ ވަރަށް ވުރެ މާދުރުގައެވެ. އެދެމެދަށްވަންނާކަށްލާހިކެއްނޫނެވެ. ވީމާ މިކަހަލަ ވަސްވާސްތަކާމެދު ވިސްނާ އަތުން ފައިން ގޯހެއްނުހެދެނީސް ހަމަވިސްނުން ގެނެސް ދާންވީ މަންޒިލަށް މިސްރާބު ޖެހިއެވެ. ޓްރެފިކު ލައިޓަށް މަޑު ކުރުމުގެ ސަބަބުން ދާން ބުނި ގަޑިއަށް ނުދެވިދާނެތީ ނަވާލު ކަންބޮޑުވަމުން ދިޔައެވެ. ލައިޓަށް މަޑުކޮށްލުމަށްފަހު ދުއްވާލި ތަނުން އަނެއްކާ ވެސް މެސެޖެއް އައެވެ. އެއީ ސައުންގެ މެސެޖެއްކަން ނަވާލުއަށް ޔަޤީންވި ނަމަވެސް މިފަހަރު އެމެސެޖަށް ޖަވާބު ދެވޭކަށް ނެތެވެ. ޓްރެފިކުން ސަލާމަތް ވުމުން ވަރަށް ބާރަށް ސައިކަލު ދުއްވާލިއެވެ. އާލިޔާ ބިރުގަންނަ ގޮތްވިއެވެ. ތިޔަހާ ބާރަށް ނުދުއްވާށޭ ކިޔާ ނަވާލުގެ ކޮނޑުގައި އަތުން ޖަހާލިއެވެ. އެވަގުތު ޖެހިގެން އޮތް ގޯޅިއެއްގެ ތެރެއިން ނުކުތް ކާރެއްގަ ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާއެވެ. ނަވާލުއަސްބުރެކި ނުޖެއްސުނު ނަމަ ކޮންމެސް އެއްބައެއްގެ ފުރާނަ ދާނެކަން ޔަޤީނެވެ. އާލިޔާއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަވާލުވެސްކުޑަކޮން ސަކަރާތް ވާގޮތްވިއެވެ. އެންމެފަހުން އާދައިގެ ދުއްވުމެއްގައި ގޮސް ސައިކަލު ޕާކިން އޭރިޔާ އަކަށް މަޑުކުރިއެވެ. ހަލަބޮލި ތްރެފިކުން ސަލާމަތްވެގެން ސަލާމަތުން އާދެވުނަތީ ﷲއަށް ޝުކުރުވެރިވިއެވެ. އާލިޔާ ގޮވައިގެން ރެސްޓޯރެންޓްގެ ތެރެއަށް ވަދެގެން ދިޔައިރު އެހެން މީހުންގެ ލޯތައް އާލިޔާއަށް ހުއްޓެމުން ދާތަން ފެނުމުން ނަވާލު މާބޮޑަށް ހާސްވާގޮތް ވިއެވެ. މީހުންގެ ބެލުން ތަކުން ސަލާމަތް ވުމަށްޓަކައި އާލިޔާ ވެސް ނަވާލުއާއި ވާހަކަ ދައްކަން ފެށިއެވެ. ނަވާލު ކުރެން ނަވާލުގެ ރައްޓެހިން މިހާރު އައިހޭ އެހިއެވެ. އެމީހުން މާކުރިން އައިސްފިއޭ ބުނެ، ނަވާލު ވާހަކަ އޮޅުވާލިއެވެ. މީހުންނާއި ދުރުގައި ވަރަށް ރީތިކޮށް ޒީނަތްތެރި ކޮށްފައި ހުރި މޭޒެއްގެ ކައިރިއަށް އާލިޔާ ގޮވައިގެން ގޮސް އިށީނެވެ. އެތާ އިށީނދެ ދެކޮޅު ހޯދާ ބަލާލިއެވެ. ސައުން ފެންނަށް ނެތުމުން ކުޑަކޮށް ނަވާލު ހާސްވާ ގޮތްވިއެވެ، އާލިޔާއަކީ ސުވާލު ގިނަ ކުއްޖެކެވެ. ނަވާލު އާ އާލިޔާ ފެނުމުން އެ އޮފީހުގައި އުޅޭ ޒަހާ އައިސް އެ ދެމީހުންގެ ކައިރީގައި އިށީނެވެ. ޒަހާއަށް އަންގައިވެސް ނުލަމެއް ނޫންހޭ ބުންޏެވެ. ޒަހާ އަކީ ވާހަކަ ދައްކަން ފަށައިފި ނަމަ ނިންމަން ނޭނގޭ ކުއްޖެކެވެ. ވުމާއެކު ޒަހާ ވާހަކަ ދައްކަން ފެށުމުން ނަވާލު ކަންތައް ބޮޑުވިއެވެ. އެއީ ޒަހާ މިތަނުން ނުގޮސްފި ނަމަ ސައުންނާއި އާލިޔާއާ ބައްދަލު ކުރުވަން ކުރި ހުރިހާ މަސައްކަތެއް ފަނު ފުލުން ދާނެކަން އެނގޭތީއެވެ. ޒަހާ ފޮނުވާލަެވޭނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. ނަވާލުގެ ލޯ އެކި ދިމަ ދިމާލަށް ހިންގަމުން ދާތަން އާލިޔާއަށް ފެނުނެވެ. އަދި ޒަހާ އެތަނަށް އައުމުން މާގަޔާ ނުވެއިންކަން ފާހަގަ ކުރެވުނެވެ. އަދި ކޮންމެސް މީހަކަށް އިންތިޒާރު ކުރާކަން އާލިޔާއަށް އެނގުނެވެ. ޒަހާގެ ވާހަކަތަކަށް ނަވާލުއާއި އާލިޔާ ސަމާލުކަން ނުދިނުމުން ކުޑަކޮށް ހިތްހަމަ ނުޖެހި ހުރެގެން އެ ތަނުން ދާން ހިނގައިގަތެވެ. ޒަހާ ދަމުން ބުންޏެވެ. މިއައީ ގޭމީހުންނާ އެކުގައެވެ. ނިމިގެން ދާން ދަނިކޮން ތިޔަ ދެ މީހުން އަންނަތަން ފެނުމުން މަޑު ކޮށްލީއޭ ބުނެ ނަވާލުގެ ކޮނޑުގައި ޖަހާލިއެވެ. އަދި ދަމުން މިހާރު ތިޔަ ދެމީހުން ވެސް ފެށި ދޯއޭ ކިޔާ ދިމާކޮށްލިއެވެ. ނަވާލުގެ ތުނބުގައި ޖަހާފަ ހުރި ފެންތައްޓާ އެކު އެހެން ބުނުމުން ހިނިއައިސް ކޮށިއަރާ ގޮތް ވިއެވެ. އަދި ޒަހާ އާއި ދިމާލަށް "ކިހިނެތް ވީ މަށާ އާލިޔާއާއ ނުގުޅެނީތަ؟" ނަވާލު ބުނި އެއްޗަކަށްނުބަލާ ޒަހާ ހިނގައްޖެއެވެ. ފެންތަށި މޭޒުމަތީ ބަހައްޓަމުން އަލްހަމްދު ލިއްލާހިއޭ ނަވާލުއަށް ހިތާހިތާ ކިޔާލެވުނެވެ. އެއީ ޒަހާގެ ކިބައިން ފަސޭހަ ރަހުމަތެއްގައި ސަލާމަތް ވެނުނަތީއެވެ.
ނަވާލުގެ ފޯނަށް މެސެޖެއް އައުމުން އެމެސެޖު ކިޔާލުމަށްފަހު ރައްޓެހި ކުދިންތައް ތިބީ އެހެންތާކުއޭ ބުނެ އަންނާނަމޭ ބުނުމަށް ފަހު އެތަނުން ތެދުވެގެން ހިނގައިގަތެވެ. ނަވާލު ދިއުމުން އާލިޔާ އެކަނި އިންނަށްޖެހިލުން ވަމުން ދިޔައެވެ އެއީ އިތުރު މީހަކު އައިސް އެތާ އިށީނދެ ފާނެތީއެވެ. ކަނބޮޑުވުމާއެކު ނަވާލު ދާތަން ބަލަން އާލިޔާ އިނެވެ. އަވަހަށްއަންނަށްޗޭ ބުނުމަށްފަހު މޭޒުމަތިގައި ހުރި ފެންތަށިން ފެން ކޯވަރެއް ބޯލިއެވެ. ކެތް މަދުވެފައި އެތަން ބަލަން ފަހަތުގައ ހުރި މޭޒެއްގެ ކައިރީ ސައުން އިނެވެ. ނަވާލު ދާތަން ފެނުމުން ތެދުވެގެން އައިސް އާލިޔާގެ ކުރިމައްޗަށް އަރާ ރަތް ފިނިފެންމަލެއް ދިއްކޮއްލިއެވެ. އާލިޔާ އިނި އިސްޖަހައިގެން ފޯނާ ކުޅެންކަމުން ކުރިމައްޗަސްއައި މަލާ ދިމަ ބަލާލުމަށް ފަހު ކުރިމަތީގައި ހުރީ ކާކުތޯ ވަރަށް ހާސްވެގެން އިނދެ ބަލާލިއެވެ. ހިނިތުންވެގެން ހުރި ސައުން ފެނުމާއެކު ހިތުން ބިރުވެރިކަން ފިލާ ދިޔައެވެ. ނަމަވެސް ހިތް ހާސްކުރުވަމުން ދަނީ އެމަލުފގައި ހިފާނި ތޯ ނުވަތަ ނުހިފާނި ތޯއެވެ. ދުރުގައި ތިބި މީހުންގެ ލޯތަކުން ސަލާމަތްވެ އަވަހަށްސަލާމަތް ވެވޭނީ އެމަލުގައި ހިފީގެންކަން އެނގުމުން ތޭންޚުސްއޭ ބުނަމުން މަލުގައި ހިފިއެވެ. އަދި ސައުން ގާތު އިށީންނާށޭ ބުނެ ނަވާލު މިކުރި ހުރިހާ ޕުލޭނެއްގެ ނިވަލުގައި ހުރީ ސައުންދޯއޭ ބުނެ ޝަކުވާ ކުރަން ފެށިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ސައުންގެ މޫނުމަތީގައި ރަސްކަން ކުރަމުން ދިޔައީ ލާނެއް ހިނިތުން ވުމެކެވެ. މޭޒާ ދުރަށް ގޮނޑި ދަމާލަމުން ހާދާ ރިއްޗޭ ބުނެލިއެވެ. އާލިޔާގެ މޫނަށްނަޒަރު ހުއްޓާލަމުން އާލިޔާ ލަދުގަންނަވާލިއެވެ. ސައުންގެ އެ ބަލާލުމުގައި އެވާ ހިތް ދަމައިގަންނަ ގޮތް އާލިޔާއަށް ވަރަށް ކަމުދިޔައެވެ. އެހެންނަމަވެސް މީހުންއެއްވެ އުޅޭ މިފަދަ މާހައުލަކުން މިގޮތަށް ސައުންނާއި ބައްދަލު ކުރުމަކީ އަދި އެހާ ރަނގަޅު ކަމެއްކަމަކަށް އާލިޔާ ނުދެކުނެވެ. ވުމާއެކު ތެދުވެގެން އެތަނުން ދާން މަސައްކަތް ކުރިއެވެ. އާލިޔާގެ ހަރަކާތް ތަކަށްބަލަން އިން ސައުންނަށް އާލިޔާގެ ވިސްނުން ދާދި އަވަހަށް ނަގައި ގަނެވުނެވެ. ވުމާއެކު މޭޒުގެ ދަށުން އާލިޔާގެ ފައިގައި ސައުންގެ ފައިން ދަތި އަޅުވާ ތެދު ވިޔަ ނުދީ ހިފެހެއްޓިއެވެ. މިރެއަކު ތިޔަހާ ފަސޭހައަކުން ނުދެވޭނެއޭ ބުނީ ހީފަ ހުރެގެންނެވެ. މިފުރުޞަތު މިހޯދީ ހާދަ ދަތި ހާލުންނޭ ބުނެ ވާހަކަ ދައްކަން ފެށިއެވެ. އާލިޔާ ކުޑަކޮށް ކަނބޮޑުވެ ލަދުގަންނަގޮތް ވިއެވެ. އަތުން ދޫކޮށްލަ ދިނުމަށް އެދެމުން ދިޔައެވެ. މީހުންއެތީބީ ބަލާށޭ ބުނެ ޝަކުވާ ކުރިއެވެ. އެހެން ބުނެ ނުނިމެނީސް "އެމީހުން ބެލިޔަ ދޭށެވެ. ނޫސްތަކުގެ ފަލަ ޞުރުޙީތަކަށް ވެސް އެރިއަ ދޭށެވެ. އެހެންބުނެ އިތުރަށް އާލިޔާ ތަޅުވާލިއެވެ. އާލިޔާގެ އަތުން ދޫކޮށްލާނެ ކަމަށް ބުނީ މަޑުކުރާ މަތިންނެވެ. އަދި ސައުން ދައްކާ ވާހަކަތައް އަޑު އަހާ މަތިންނެވެ. އެންމެފަހުން ހިތާ ޒަމީރު އެކަމަށް އެއްބަސްވެ، ސައުންގެ އެ ހުށައެޅުން ގަބޫލު ކުރިއެވެ. ކުރިން ބޭރަށް ދިއުމަށް ރޭވި ރޭ ކަންތައް ހިނގާ ދިޔަގޮތުން އާލިޔާގެ ކިބައިން މަޢާފަށް އެދޭ ކަމަށް ބުނެ އަތުގައި ހިފާ ބާރުކޮށްލިއެވެ. ޚަޤީގަތުގައި އެރޭ ކަންތައް ހިނގާ ދިޔަ ގޮތުން އެކަކު އަނެކަކަށް ވެސް ވީނުވީ ނޭގި ތީބީ އޮޅުމެއްގެ ތެރޭގައެވެ. އެރޭ ވަރަށް ގުޅަން މަސައްކަތް ކުރިކަމާއި އާލިޔާގެ ފޯނު އެންގޭޖު ވުމުގެ ސަބަބުން ނުގުޅުނު ކަމަށް ބުނެ ޝަކުވާ ކުރިއެވެ. އަދި އެހާ ގިނައިރު ވަންދެން ވާހަކަ ދެއްކީ ކޮންކުއްޖަކާހޭ ތަހުޤީގީ ނަޒަރަކުން ބަލާލުމަށް ފަހު އެހިއެވެ. އެއީ ރައްޓެއްސެއް ކަމަށް ބުނުމުން ސައުން ވަރަށް ކަންތައް ބޮޑުވިއެވެ. ކިހާވަރެއްގެ ރައްޓެއްސެއްތޯ އަހާލެވުނީ އިހުތިޔާރަކާއި ނުލައެވެ. އާލިޔާއަށް ސައުން އެކަމާއި ކަންބޮޑުވަމުން ދާތަން ފެނުމުން އަވަސް އަވަހަށް އެއީ ބެސްޓް ފުރެންޑް އުލާއޭ ބުނެ ހީލިއެވެ.
ސައުން ''ނަޞިބެއް ނޫން ބޯއީ އަކަށް ނުވިކަން" ''އެއީ ކިހިނެއްވީ ބޯއި އެއް ވެއްޖެއްޔާ!" އޭރުން ސައުންނަށް އާލިޔާ ގެއްލުމުގެ ފުރުޞަތު ބޮޑުވާނެއޭ ބުނެ ހީލިއެވެ. "ކިހިނެއް އެނގެނީ އަދި ވެސް އަހަރެންނަކީ ސައުންގެ މީހެއްކަން" އާލިޔާގެ ދެލޮލުން ފާޅުވާ ވިދުވަރާ އެކު ތިޔަ ބަލާލުމު ގައިވާ ހިތް ގައިމުކަމުން ތިޔަ ހިތުގައި ސައުންނަށްޓަކައި ޖާގައެއް އޮތްކަން ބުނެދޭތީ އޭ ބުނެ އާލިޔާގެ އަތުގައި ބޮސްދިނެވެ. އާލިޔާ ކުޑަކޮށް ރަކިވާގޮތް ވިއެވެ.
ދެމީހުންގެ ދެމެދުގައިވާ ދުރުކަން ފޫއަޅުވާ ލުމަށްފަހު ލޯބީގެ މަސްތުން ދެހިތް ފައްތަރު ވަމުން ދިޔައެވެ. އެކަކު އަނެކަކަށް ބޭނުން ވަމުންދާކަން އިހުސާސް ކުރުވަމުން ދިޔައެވެ. ދެހިތުގައި ވިންދު ޖަހަމުން ދިޔައީ ލޯބީގެ ރާގެވެ. އަތުގެ ބިހުމާއެކު އެދެމެދުގައި އުފެދެމުން ދިޔައި ލޯބީގެ ހައި ހޫނުކަމެވެ. ދުނިޔަވީ ހުރިހާ ފިކުރަކުން ހުސްވެ ލޯބީގެ ދުނިޔެއަށް ގެއްލެމުން ދިޔައީ ނުހަނު މިނިވަން ކަމާ އެކުގައެވެ.
އެ ދެމެދުގައިވާ ހަނު ހިމޭންކަން ފޫ އަޅުވާލީ އޯޑަރ ދިން ތަކެތި ހިފައިގެން ވޭޓަރ އައުމުންނެވެ. މަޑުމަޑުން އެކަކު އަނެކަކުގެ އަތުން ދޫކޮށް ލުމަށްފަހު ކުޑަކޮން ހަމަޖެހިލިއެވެ. އަދި އެހެން މީހުންގެ ބެލުމުން ސަލާމަތްވެ، ކެއުމަށް އިންސާފް ކުރަން ފެށިއެވެ.
އެވަގުތު ސައުން ޖީބުގައިވާ އަނގޮޓި ފޮއްޓާ އެކު އޮތްތޯ ޔަޤީން ކޮށްލުމަށް އަތް ކާއްތާލިއެވެ. ހުރިހާ ޖީބެއް ޗެކު ކުރިއިރު ވެސް އެފޮއްޓެއް ނެތެވެ. ކުޑަކޮށް ހާސްވާގޮތްވެ، ކޮޅަށް ތެދުވެ ރަނގަޅަށް ޖީބުތައް އަލުން ޗެކު ކޮށްލިއެވެ. އެތަން ބަލަން އިން އާލިޔާ ސުވާލުގެ ބެލުމަކުން ސައުންނާއި ދިމާލަށް ބާލީއެވެ އަދި ސުވާލު ކުރިއެވެ'' ކިހިނެއްވީ އެއްޗެއް ގެއްލުނީތަ؟ ވޮލެޓް ގޭގައި ބައްވާފައި އާދެވުނީތަ؟'' އެހެން ބުނިތަނުން ވޮލެޓް ނަގާ މޭޒުމަތީގައި ސައުން ބޭއްވިއެވެ. ގެއްލިގެން އުޅެނީ ތަޅުދަނޑި އެކޭ ބުނެ ވާހަކަ އޮޅުވާލިއެވެ. އެހެންނަމަވެސް ސައުންގެ މޫނުމަތިން ކުރިން ފެނުނު އުފާވެރިކަން ފަނޑުވެގެން ދިޔަތަން އާލިޔާއަށް ފެނުނެވެ. އަދި ތަޅުދަނޑިއެއް ނޫންކަން އާލިޔާއަށް ވިސްނުނެވެ.
ގޮނޑިގައި އިށީނދެ އާލިޔާގެ އަތުގައި ހިފާ މަޢާފް ކުރާށޭ ބުނަމުން މޫނުމަތިން ހާސްކަން ފިލުވާ އުފާވެރިކަން ދެއްކޭތޯ މަސައްކަތް ކުރިއެވެ. މިފަހަރު ވާހަކަ ދައްކން ފެށީ އާލިޔާއެވެ. ދަރިފުޅުގެ ހާލު ކިހިނެތްހޭ އަހާ މިހާރު މިޝްކާ ކޮބައިހޭ އެހިއެވެ. ދަރިފުޅު މުޅިން ބަރާބަރު ކަމަށް ބުނެ މިޝްކާއާއި ބެހޭގޮތުން އެއްވެސް ޖަވާބެއް ނުދިނެވެ. އަނެއްކާވެސް އާލިޔާ ސުވާލު ކުރިއެވެ. މިޝަކާގެއިން ފޮނުވާލީ ހެއްޔެވެ؟ އެހެން ބުނުމުން މިފަހަރު ޖަވާބު ނުދިނުމަކީ އާލިޔާ ހިތްހަމަ ނުޖެހިދާނެ ކަމަކަށް ވާތި ޖަވާބު ދިނެވެ.
"މިޝްކާ އަދި އިނީ އަހަރެންގެ ގޭގައި. އެއީ އޭނާގެ މައިންބަފައިން އޭނާގެ އުޅުމާމެދު ހިތް ހަމަނުޖެހި ގެއަށް ވައްދަން ބޭނުން ނުވީ. ދާނެތަނެއް ނެތުމުން ކުރި އާދޭހަށް ކޯޓުން ކައިވެނި ރޫޅާލަ، ދެން ދެން ކުދިންގެ ހައްޤުގައި ބޭންދީ" އެހެން ސައުން ބުނުމާ އެކު ކަންތައް ތިޔަ ކުރީ އެންމެ ރަނގަޅަށޭ ބުންޏެވެ.
"މިޝްކާ ގެއިން ހިނގައްޖެ ނަމަ އެ ކުދިންގެ މަންމަ ގޭގައި ނޫޅޭތީ އެތައް ސުވާލެއް ސައުން ނާއި ކުރިމަތިވާނެ. އެހުރިހާ ސުވާލަށް ޖަވާބު ދިނުމަކީ ދަތި ކަމަކަށް ވާނެ. އަދިވެސް މިޝްކާ ވަރި ކުރުމުގެ ވިސްނުން ބަދަލު ނުކުރެވޭނެތަ؟" އާލިޔާ އެހެން ބުނުމުން ސައުންގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އާލިޔާ ސައުންނާއި ގުޅެން ނު ނިންމާކަން ޔަޤިންވިއެވެ. މާޔޫސް ވާގޮތް ވިއެވެ.
"ތީގެ މާނައަކީ އާލިޔާ އަހަރެންނާއި ގުޅޭކަށް ބޭނުމެއްނޫން ދޯ!" "ނޫން އެހެންނެއް ނުބުނަށް އަހަރެން މިހުރީ ސައުނާއި ކައިވެނީގެ ގޮތުން ގުޅެން އެކަމަކު ސައުންގެ ކުދިން ހިތްދަތި ވާނެ އެއްވެސް ކަމަކަށް ހުރަސް އަޅާކަށް އަހަރެން ބޭނުމެއް ނުވެ. އެކުދިންނަށް އެކުދިންގެ މަންމައާ އެކު ދިރިއުޅުމުގެ ހައްޤު ނަގާލާ މީހަކީ އަހަރެންނޭ ބުނާތަން ދެކޭކަށް ބޭނުމެއް ނުވޭ" މިހެން އާލިޔާ ބުނުމުން އިތުރަށް ސައުން ވިސްނަން މަޖުބޫރު ވަމުން ދިޔައެވެ.
ސައުނަށް ކުރިމަތިމިވަނީ ހާދަ ބޮޑު އިމްތިހާނެކޭ ހިތަށް އެރިއެވެ. ކުދިންގެ ހައްޤުގައި މިޝްކާ ދޫކޮށް ލެވޭކަށް ވެސް ނެތެވެ. އަދި މިޝްކާ ދޫކޮށްލައިފި ނަމަ އާލިޔާ ސައުންނާއި ގުޅޭކަށް ބޭނުމެއް ނުވެއެވެ. އާލިޔާ ބޭނުން ނަމަ އިތުރު ވިސްނުމަކަށް ދާން ސައުނަށް މަޖުބޫރު ވަމުން ދިޔައެވެ.
އާލިޔާއާއި ބައްދަލު ވުމުން ދައްކަން ޕުލޭން ކުރި ހުރިހާ ވާހަކަތަކެއް ހަނދާން ނެތިއްޖެއެވެ. ދެމީހުންގެ ދެމެދުގައި އުފެދެމުންއައި ލޯބީގެ ގަނޑުވަރު ވަކި ހިސާބަކުން ހުއްޓުން އެރިއެވެ. ޚިޔާލުތަކާއި ފިކުރުތަކުގައި ޖެހެމުން އައި ލޯބީގެ ކުލަ ފަނޑުވެ ފުސްވަމުން ދިޔައެވެ. ދެކެމުންދިޔަ ހުވަފެން އަވާމެންދުރަކަށްވެ ނިމެނީ ނޫންބާއޭ ހިތާ ހިތާ ސުވާލު ކުރެވެމުން ދިޔައެވެ. ސައުން އާލިޔާގެ އަތުގައި ހިފާ އާދޭސް ކުރާ ރާގުގައި ބުނަމުން ދިޔައެވެ. އާލިޔާ އާއި ނުލައި މިހިތަށް ދެން ހަމަޖެހުމެއް ނުލިބޭނެއެވެ. މިގުޅުން އިތުރަށް ބެދެހި ވުމުގެ ހުރަހަކަށް މިޝްކާ މެދުވެރި ނުކުރާށެވެ. މިޝްކާއާއި ގުޅެން ދެން އަހަރެންނަށް މަޖުބޫރު ނުކުރާށެވެ. މިހިތުގައި މިޝްކާ އަށްޓަކައި ލޯބީގެ ކުޑަވެސް ކަންފުޅެއް ނެތެވެ. އަދިވެސް އަހަރެން ވަނީ ލޯބިކަމާމެދު އާލިޔާގެ ހިތުގައި ޝައްކު އުފެދެނީ ހެއްޔެވެ؟ މިހިތް ނަގާފައި ދެއްކެން އޮތް ނަމަ މިވަގުތުވެސް އެކަން ކުރަން ބޭނުމެވެ. އެހެންބުނެ އާލިޔާގެ މޫނާއި ނަޒަރު ސީދާކޮށް ނިތް ކުރީގައި ބޮސްދިނެވެ.
އާލިޔާއަށް މަޑުމަޑު މަޑުން ސައުންގެ މޫނާ ކައިރި ވެލެވުނެވެ. އަދި އެދެމެދުގައި ހިފެހެއްޓުމެއް ނެތި ލޯބީގެ ހޫނުން ދެހިތް ގުޅި ލާމެހެމުން ދިޔައެވެ. އެހަމަ ހިމޭންކަން ފޫދުއްވާލި ކައިރިން މީހަކު ކަރު ކެހިލުމުންނެވެ. އޭރު ނަވާލު ހުއްޓެވެ. ނަވާލު ފެނުމުން ކުޑަކޮން އާލިޔާ ލަދުގަނެ އިސްޖަހާލެވުނެވެ. ސައުންގެ ކަނާތް ފަރާތުން ހުރި ގޮނޑިއަށް ފަރުވާ ކުޑަގޮތަކަށް ނަވާލު ވެއްޓި ގަންނަމުން ހާދަ މާފޮޅޭ ވަސް ގަދައޭ ބުނެ ދިމާކޮށްލިއެވެ. (ނުނިމޭ)