ހަބަރު

އާއިލީ ބައްދަލުވުންތަކުގައި އަދީބާމެދު ތަފާތުކުރާ ކަމަށް ބުނެ ކޯޓަށް

Dec 27, 2015

ކުށުގެ ތުހުމަތުގައި ބަންދުކުރާ ސިޔާސީ ފަރާތްތައް އާއިލާއާއި ބައްދަލުކުރުމަށް ފުލުހުން އިންތިޒާމްކޮށްދޭ ފުރުސަތުތައް ދިނުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ތަފާތުކުރާ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

އަދީބުގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބަންދުގައި ތިބޭ އެހެންމީހުންނާ ހިލާފަށް އާއިލާއާ ބައްދަލުކުރުމުގައި އަދީބަށް އެކަނި ހާއްސަ އުސޫލެއް އޮތުމަކީ އަދީބާމެދު ސަރުކާރުން ގާނޫނާ ހިލާފަށް އަމަލު ބަހައްޓާކަމުގެ ހެއްކެއް ކަމަށެވެ. އަދި ފުލުހުންގެ ހައްޔަރުގައި ތިބޭ އެހެން މީހުންނަށް އާއިލާއާއި ބައްދަލުކޮށް ވަކި މާހައުލެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބޭއިރު އަދީބަށް އެ ފުރުސަތު ހަނިކުރެވިފައިވުމަކީ ގާނޫނު އަސާސީއާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ މުއާހަދާތަކާވެސް ހިލާފު ކަމެއް ކަމަށެވެ.

އަދީބާއި ދޭތެރޭ، ބަންދުގައި ތިބޭ އެހެންވެސް މީހުންނާ ދޭތެރޭ އަމަލުކުރާ އުސޫލުން ކަންކަން ކުރުމަށް އެ މައްސަލަ ކޯޓަށް ހުށަހެޅި އަދީބުގެ ވަކީލުން ވަނީ އެދިފަ އެވެ. އަދި އެގޮތަށް އަމަލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމަށްވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ވަކީލުން ވަނީ އެދިފަ އެވެ.