ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ބޭސް ފަރުވާއަށް ދިން މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުކޮށްފި އެވެ.

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން ޖުލައި 11 ވަނަ ދުވަހު އެވެ. ސިންގަޕޫރަށް ބޭސްފަރުވާއަށް އަދީބު އޭރު ވަޑައިގަތީ 10 ދުވަހަށެވެ.

އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބުގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތަކަށް ބެލުމަށްފަހު ބޭސް ފަރުވާގެ މުއްދަތު ފުރަތަމަ ފަހަރަށް އިތުރުކޮށްދިނީ މިދިޔަ އޮގަސްޓް 28 ވަނަ ދުވަހުގެ ނިޔަލަށެވެ. މިމުއްދަތު ހަމަވާތީ ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ހުށަހެޅުމުން އިތުރުކޮށްދިނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބޭސް ފަރުވާއަށް ދީފައިވާ މުއްދަތު އިތުރުކުރުމަށް ތިންވަނަ ފަހަރަށް އަދީބު ހުށަހެޅުމުން ކަރެކްޝަންސް އިން ވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.