ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އަދީބުގެ ބޭސް ފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ސިންގަޕޫރުން ސިއްހީ ފަރުވާ ހޯދުމަށް ދީފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި އެވެ.

ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރާވަޑައިގަތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ ސެކިއުރިޓީންގެ ބެލުމުގެ ދަށުން ޖުލައި 11 ވަނަ އެވެ. ސިންގަޕޫރަށް ބޭސްފަރުވާއަށް އަދީބު ވަޑައިގަތީ 10 ދުވަހަށެވެ.

އެ މުއްދަތު ހަމަވުމުގެ ކުރިން އަދީބުގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމެންޓްތަކަށް ބެލުމަށްފަހު އިތުރުކުރި މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވެފައިވާއިރު އަނެއްކާވެސް މުއްދަތު އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ އަދީބުގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރުމަށް ބޯޑަށް ހުށަހެޅުމުން ބޭސްފަރުވާގެ މުއްދަތު އަންނަ މަހުގެ 15އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދީބްގެ ޕާޓީ -- މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނީ އެކި ހޮސްޕިޓަލްތަކުގެ އެތައް ޑޮކްޓަރެއްގެ ލަފާގެ މަތިން ސިއްހީ ފަރުވާ ހޯއްދެވުމަށް އަދީބް ސިންގަޕޫރަށް ފުރާވަޑައިގަތީ ފުރާނައަށް ނުރައްކާވާ ނާރުގެ ބައްޔަކަށް ފަރުވާ ހޯއްދެވުމަށް ކަމަށެވެ.

އަދީބަށް މީގެކުރިންވެސް ސިއްހީ އެތައް މައްސަލައެއް ކުރިމަތިވެ ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވާފައިވެ އެވެ.