ފޮރިން މިނިސްޓްރީ

އިންޑިއާ ފްލައިޓްތައް ރާއްޖެއަށް ހުއްޓައެއް ނުލާ: ފޮރިން

ރާއްޖެ - އިންޑިއާ ފްލައިޓްތައް ހުއްޓާލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ އިންޑިއާގެ އެއާލައިނަކުން މިއަދު ރާއްޖެ އައުމަށް ޓިކެޓް ނަގާފައިވާ މީހުނަށް ފުރޭ ގޮތް ނުވެ އެ އާއިލައިންގެ ރާއްޖޭގެ ދަތުރުތައް ކެންސަލްކޮށްފައި ވަނިކޮށެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެއާ އިންޑިއާއާ ދެމެދު ވައިގެ ދަތުރުފަތުރު މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އަދި އެއް އެއާލައިންގެ މިއަދުގެ ފްލައިޓްތައް ކެންސަލް ކުރި ނަމަވެސް އެ އެއާލައިންގެ ފްލައިޓްތައް ވެސް ޝެޑިއުލްކޮށް އުދުހޭނެ ކަމަށެވެ.

މިއަދުގެ ދަތުރުތައް ކެންސަލް ކޮށްފައިވަނީ ގޯ އެއާ އިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ ގޯ އެއާގެ ފްލައިޓް މިއަދު ކެންސަލްވީ ކޮވޮޑްގެ ހާލަތާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކުރި އިރު ދިވެހިރާއްޖެއާ އިންޑިއާ ދެމެދު އެކުލަވާލި އެއާ ބަބްލްގެ މުއްދަތު ހަމަވެ އިންޑިއާގެ ބޯޑަރު ހުޅުވާލާފައިވާތީ އާއްމު އުސޫލުން އަނެއްކާވެސް ފްލައިޓްތައް ފެށުމާ ގުޅިގެން އިންޑިއާގެ ސިވިލް އޭވިއޭޝަން މުއައްސަސާތަކުގެ އުސޫލުތަކާ އެއްގޮތަށް ފްލައިޓްތައް ޝެޑިއުލް ކުރުމާއި ގުޅިގެން ކަމަށެވެ.

"ގޯ އެއާއިން ރާއްޖެ އުދުހުން ހުއްޓާލީކީ ނޫން،" ފޮރިން މިނިސްޓްރީގެެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވިއެވެ.