ކްރިމިނަލް ކޯޓް

ސޯލިހްގެ މައްޗަށް ދައުވާ ސާބިތެއް ނުވި

Mar 30, 2022
2

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ދައުލަތުން ސޯލިހްގެ މައްޗަށް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

ސޯލިހްގެ މައްޗަށް މި ދައުވާ އުފުލީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުގީގު ކުރާ ކަމަށް ބުނާ ބައެއް ރަށްތަކުގެ ތަހުގީގެއް ނުކުރާ ކަމަށް ބުނެ ސޯލިހް ސޮއިކުރައްވާ ބައެއް ފަރާތްތަކަށް ފޮނުއްވި ސިޓީތަކަކާ ގުޅިގެންނެވެ.

ސޯލިހްގެ ދިފާއީ ވަކީލުން ދިފާއުގައި ވިދާޅުވީ ދައުލަތުން ބުނާ ސިޓީ ތަކުން ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކުރި މަސައްކަތެއް ފެންނަން ނެތް ކަމަށެވެ. އަދި ސިޓީ ތަކުގައި ބުނާ ރަށްތަކުގެ ތަހުގީގެއް އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިއަށް ނުގެންދާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމިޝަނުން ބައެއް ރަށްތަކާ ގުޅިގެން ބައެއް ކަންކަން ނުކުރަން އަންގާފައި ވަނިކޮށް އެންގުމާ ހިލާފަށް ސޯލިހް ބައެއް ކަންކަން ކުރައްވާފައިވާ ކަމަށްވެސް ދައުލަތުން ބުނެ އެވެ. ދިފާއުން ވިދާޅުވީ އެކަންކަން މިހާރު ވެސް މިނިސްޓްރީން ތެރެއިން ކުރަމުންދާ ކަމަށެވެ.

މިމައްސަލައިގައި ދެ ފަރާތުން ވެސް ހުލާސާ ބަޔާން އިއްވީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ކުށް ސާބިތުވާ ވަރުގެ ހެކި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ބައެއް ހެކިވެރިން ވެސް ބުނެފައިވަނީ ސޯލިހު ފޮނުއްވި ސިޓީތަކުގައި ދައުލަތުން ބުނާ ރަށްތަކުގެ ލީސް ބަދަލުކުރުމާ ގުޅޭ ވާހަކަތަކެއް ދައްކަވާފައި ނުވާ ކަމަށެވެ. އެހެންވެ މައްސަލަ ބެއްލެވި ގާޒީ ވަނީ ދައުވާ ސާބިތު ނުވާ ކަމަށް ހުކުމްކޮށްފަ އެވެ.