މިމަހުގެ ހަޔަކުން ފެށިގެން ދިރާގު ފްރަންޓް އޮފީސް ދިރާގު ހެޑް އޮފީހަށް ބަދަލު ކުރުމުން ކަސްޓަމަރުންނަށް އެތައް ފަސޭހަ އެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނީ ހެޑް އޮފީހުގައި ގާއިމްކޮށްފައިވާ ކަސްޓަމާ ސާވިސް ސެންޓަރުގެ ކޮންމެ ކައުންޓަރަކީ އެއް ކައުންޓަރަކުން ދިރާގުގެ ހުރިހާ ހިދުމަތްތައް ދޭ ކައުންޓަރުތަކެއް ކަމަށާއި ކަސްޓަމާ ސާވިސް ސެންޓަރު ހުޅުވިފައިހުންނަ ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ކައުންޓަރެއްވެސް މަލްޓިޕާޕަސް ކައުންޓަރުތަކެއްގެ ގޮތުގައި މަސައްކަތްކޮށް، ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެއް ކައުޓަރަކުން، އެއް ޓޯކަން ބޭނުންކޮށްގެން ލިބިގަނެވޭނެ ކަމަށެވެ.
ދިރާގުން ބުނީ އެހިދުމަތް ވެގެންދާނީ، ރާއްޖޭގައި މިފަދައިން ހިދުމަތް ދޭ ފުރަތަމަ ފަހަރު ކަމަށާއި މިއީ ދިރާގު ކަސްޓަމާ ފްރަންޓު އޮފީހުން ހިދުމަތް ހޯދަން އެދޭ ދިރާގު ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.
"ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ދިރާގުގެ ކަސްޓަމާ ފްރަންޓް އޮފީހުގެ މުއައްޒަފުންނަކީ ކަސްޓަމާ ސާވިސް ދިނުމުގައި ރާއްޖޭގެ އެންމެ ޤާބިލް އަދި އެންމެ އުހުގައިވާ ޓީމުކަމުގައި ހެދުމަށާއި މިކަން ހާސިލް ކުރުމަށްޓަކައި ދިރާގުގެ މުއައްޒަފުންނަށް ދެމުން ގެންދާ ތަމްރީންތައް ބިނާކުރެވިފައިވަނީ، ޓެކްނޮލޮޖީ އާއި، ކަސްޓަމަރުންގެ ބޭނުންތަކާއި، ވިޔަފާރީގެ އުސޫލުތަކަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ހިދުމަތުގެ ފެންވަރުވެސް ރަނގަޅުކުރުމުގެ މައްޗައް" ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވި އެވެ.
ދިރާގު ހެޑް އޮފީހުގައި ގާއިމްކުރެވިފައިވާ އެލީޓް ލައުންޖަކީ، ދިރާގުގެ އެލީޓް ކަސްޓަމަރުންނަށް ކިޔުގައި މަޑުނުކޮށް، އެންމެ ފުރިހަމަ ހިދުމަތް ކަސްޓަމަރުންނަށް ގާތުން ހިދުމަތް ދިނުމަށް ތައްޔާރުކުރެވިފައިވާ ލައުންޖެކެވެ. މި ލައުންޖަށް އެކަސްޓަމަރެއްގެ އެލީޓްކާޑުއެކު ދިއުމުން ނަންބަރެއް ނުނަގައި، ކިޔުގައި މަޑުނުކޮށް، ދިރާގުގެ ހުރިހާ ހިދުމަތެއް ލިބެ އެވެ.
އަދި މީގެ އިތުރުން ދިރާގުން ވަނީ ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށް އަވަސް ހިދުމަތެއް ދިނުމަށް ހެޑް އޮފީހުގެ ލޮބީގައި، ބިލް ދައްކަން ހާއްސަ ކިއޮސްކް ތަކެއް ޤާއިމުކޮށްފައެވެ. މި ކިއޮސްކް ތަކުގެ އެހީގައި ކިޔުގައި މަޑުނުކުރައްވާ ބިލުދެއްކުން ފަދަ ހިދުމަތްތައް އަވަހަށް ލިބިގަނެވޭނެއެވެ.
އަދި ދިރާގުގެ ވެބްސައިޓުގައިވާ 'މައި އެކައުންޓް' ހިދުމަތް ބޭނުންކޮށްގެން 24 ގަޑިއިރު މިފަދަ ހުރިހާ ހިދުމަތެއް ހޯއްދޭނެ އެވެ.