މުހައްމަދު ނާޒިމް

ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނީ އެމްއެންޕީން: ނާޒިމް

Mar 31, 2022
2

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އިސް ސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ ގައުމަށްޓަކައި ގުރުބާންވި ބަޔަކަށް ވާތީ ރައްޔިތުންގެ އުއްމީދުތައް އެމްއެންޕީ އަށް ހާސިލްކޮށްދެވިދާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި އެމްއެންޕީގެ އޮފީހެއް ހުޅުވުމަށް ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްއެންޕީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ގައުމަށް ދިމާވި ބޮޑެތި ކަންކަމުގައި އެކަންކަމާ ކުރިމަތިލާ ކާމިޔާބު ހޯއްދެވި އަދި ގައުމީ ކަންކަމުގައި ގުރުބާންވެފައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"ރާއްޖެއަށް ދިމާވި ބޮޑެތި ކަންކަމުގައި އުޅެ ރައްޔިތުންގެ ތާއީދާއި ލޯބި ހޯދި އަދި ގައުމަށްޓަކައި ބޮޑެތި ގުރުބާނީތަކެއްވީ ބޭފުޅުން މި ޕާޓީގައި ތިބީ،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެންޕީ އަކީ ސިޔާސީ ގޮތުން ވަރަށް ހަގު ޕާޓީއެއް ކަމަށެވެ. ނަމަވެސް ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ ޓްރެކް ރެކޯޑަށް ބަލާއިރު އެމްއެންޕީ އަކީ ދިވެހި ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދޭނެ ޕާޓީއެއް ކަމަށެވެ.

އެމްއެންޕީ އުފެއްދީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ކަމަށާއި އެ އަސާސްތަކުގައި ހިފަހައްޓައިގެން އެމްއެންޕީން މަސައްކަތް ކުރައްވާނެ ކަމުގައި ނާޒިމް ވިދާޅުވި އެވެ. އެމްއެންޕީގެ މައިގަނޑު ތިން އަސާސަކީ އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ހިފެހެއްޓުމާއި އަދި ރައްޔިތުންނަށް ފުދުއްތެރި އުފާވެރިކަން ހޯދައިދިނުމެވެ.

"ފުދުންތެރި ރައްޔިތެއް އުފެއްދުމަށް އެމްއެންޕީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން. އަޅުގަނޑުމެންގެ އިހްލާސްތެރިކަން ސާބިތުކޮށްދޭނަން. އަޅުގަނޑުމެން ކޮށްދޭން ބުނާ ކަމެއް ކޮށްދޭނަން،" ނާޒިމް ވިދާޅުވި އެވެ.

ޒުވާނުން ގުނބޯ ހެއްދުން އެމްއެންޕީން ނިމުމަކަށް ގެންނާނެ ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްހަރު ބަދަލުކޮށްލުމަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް އިސް ދައުރެއް އަދާކުރެވޭނެ ކަމަށެވެ. އެމްއެންޕީއާ އެކު ސިޔާސީ މަސައްކަތުގައި ކުޅުދުއްފުށީގެ ރައްޔިތުން ކުރިއަށް ދިއުމަށްވެސް އެދިވަޑައިގެންނެވި އެވެ. އަދި މިހާރުވެސް މަޑުމަޑުން ކުޅުދުއްފުށީގެ ވިޔަފާރިވެރިން އެމްއެންޕީއާ ގުޅެމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ މިދިޔަ 16 ވަރަކަށް އަހަރުގެ މާޒީ އަށް ބަލާއިރު ރާއްޖޭގައި ވެރިކަން ކުރަނީ މައިގަނޑު ދެ އާއިލާއެއް ކަމަށެވެ. ވެރިކަމުގެ ސިޔާސަތުތައް ހުންނަ ގޮތުން ރައްޔިތުން އިތުރަށް ނިކަމެތިވެ ސިއްހީ ފަރުވާ އަށް މިއަދުވެސް އެތައް ރައްޔިތަކު ސަލާން ޖަހަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި އާސަންދައާއި އެންސްޕާގެ ތެރެއިން އާންމު މީހަކަށް ފަސޭހައިން ހިދުމަތެއް ލިބެމުން ނުދާ ކަމަށް ވިދާޅުވެ އެ އިދާރާތަކަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވި އެެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އެމްއެންޕީން ނިކުތީ ވަކި އާއިލާ ތަކަކުން ކުރަމުންދާ ވެރިކަމުގެ ވަކި ތަކުން ރާއްޖެ ސަލާމަތް ކުރަން ކަމަށެވެ. އެމްއެންޕީގެ ވެރިކަމެއްގައި ބޭސް ފަރުވާ ހޯދުމަށް ސަލާން ޖެހުން ނިމުމަކަށް ގެނެސް ރައްޔިތުންނަކީ ފުދުއްތެރި އުފާވެރި ބަޔަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވެސް ދެއްވެވި އެވެ.