އައިޖީއެމްއެޗް

ޗައިނާގެ ހިލޭ އެހީގައި ލޯ އޮޕަރޭޝަން ކޮށްދޭ އުސޫލު އާއްމުކޮށްފި

ޗައިނާގެ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިން ކޮމިޝަން އިން 100 ދިވެއްސެއްގެ ލޯ ހިލޭ އޮޕަރޭޝަން ކޮށްދޭން ހަމަޖެހިފައިވާ އުސޫލު އާއްމުކޮށްފި އެވެ.

މި އުސޫލުގެ ދަށުން އަންނަ ޖެނުއަރީ މަހު ހުޅުމާލެ ހޮސްޕިޓަލުން މި އޮޕަރޭޝަން ކުރަން ބޭނުންވާ ފަރާތްތައް ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފޯރިކޮށްދޭ މަރުކަޒުތަކުގައި ރެޖިސްޓްރީ ވާން ޖެހެ އެވެ.

އެފަރާތްތަކުން ސިއްހީ ހާލަތު ދެނެގަތުމައްޓަކައި ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒުތަކުން ހެލްތް ސްކްރީނިންގ އެއް ހަދަން ޖެހޭއިރު އެސްކްރީނިންގ އިން އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް ފެންނަ ނަމަ ބޭނުންވާ ޓެސްްޓްތައް ހަދަން ޖެހެއެވެ. އަދި ޓެސްޓްތަކުގެ ނަތީޖާ އާއި އެކު އޮޕަރޭޝަންގެ ކުރިން ކުރަންޖެހޭ ސްކްރީނިންގ އަށް ހުޅުމާލެ ހޮސްޕިޓަލުގެ ކަނޑައެޅުފައިވާ ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށް މި އުސޫލުގައި ބުނެއެެވެ. މި އުސޫލްގައިވާ ގޮތުން އަތޮޅު ތެރޭގައި ރަޖިސްޓްރީވާ ފަރާތްތަކުންވެސް މި ސްކްރީނިން ހެދުމަށް ދައްކަން ޖެހޭނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަނޑައެޅިފައިވާ ޑޮކްޓަރަށެވެ.

މި އުސޫލުގައިވާ ގޮތުން ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބެއްލެވުމަށްފަހު އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ފެންނަ މީހުން ޗައިނާގެ މެޑިކަލް ޓީމަށް ދެއްކޭނެ ކަމަށާއި އޮޕަރޭޝަން ކުރާނީ އެޓީމުން ބެލުމަށްފަހު އޮޕަރޭޝަން ކުރަންޖެހޭ ކަމަށް އެޓީމަށް ފެންނަ ފަރާތްތަކެވެ.

މި ކޭމްގެ ދަށުން ހިދުމަތް ހޯއްދަވަން ބޭނުންވާ ފަރާތްތަކުން ހުޅުމާލެ ހޮސްޕިޓަލުގައި ރަޖިސްޓްރީ ވުމަށް އަދި އިތުރު މައުލޫމާތު ހޯއްދެވުމަށް ހުޅުމާލެ ހޮސްޕިޓަލުގެ ފޯން ނަމްބަރު 3350037 އަދި 3350038 ގުޅުއްވުމަށް އައިޖީއެމްއެޗުން އެދެއެވެ.