ރ. މަޑުއްވަރީގައި ގާއިމުކުރި ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.
މަޑުއްވަރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.
ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން 55 ޓަނުގެ ދެ ޑީސެލިނޭޝަން ޕްލާންޓް ބަހައްޓައި ފެން ރައްކާކުރުމަށް 400 ޓަނުގެ ތާންގީ ބަހައްޓާފައިވެ އެވެ. މަޑުއްވަރީގައި ގާއިމުކުރި ޕްލާންޓް މެދުވެރިކޮށް ދުވާލަކު 110 ކިއުބިކް މީޓަރުގެ ފެން އުފައްދާނެ އެވެ.
މަޑުއްވަރީ އަށް ފެނުގެ ހިދުމަތް ދިނުމުގެ ގޮތުން 8.6 ކިލޯމީޓަރު ދިގުމިނުގެ ފެންވިއުގައެއް ގާއިމުކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ފެނުގެ ނިޒާމު ހިންގުމަށްޓަކައި 25 ކިލޯވޮޓުގެ ސޯލާ ޕެނަލް ވެސް ވަނީ ހަރުކޮށްފަ އެވެ.
މަޑުއްވަރީގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް 33.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
ފެނަކަ ކޯޕަރޭޝަނުން މަޑުއްވަރީގެ ފެނުގެ ނިޒާމު ހިންގުމުގެ ހުރިހާ ކަމަކާ ހަވާލުވެފައިވާއިރު ފެނުގެ މަޝްރޫއު ނިންމުމަށްފަހު ހިދުމަތް ފެށީ ރަށުގެ އާންމު ގޭބިސީތަކާއި އެހެންވެސް ބައެއް ތަންތަނުގައި ގާއިމުކޮށްފައިވާ 367 ފެން މީޓަރާ އެކު އެވެ.