މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ހިންގާލަން ހައްދުންމަތިން އެދި ތިބީ އާންމު ހައްދަށްވުރެ މާމަތިން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް (ފައްޔަ) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒުގެ ސްލޯގަން އަކީ ހިންގާލަން މި ސްލޯގަން އެވެ. ކެމްޕެއިނަށް ފައްޔާޒްގެ ޓީމުގެ ދަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރަމުންނެވެ.
ފައްޔާޒު ރައީސްކަން ކުރައްވާ ގަމު ދާއިރާ ހިމެނޭ ހައްދުންމަތީގެ ރަށްތަކަށް ކުރެއްވި ދަތުުރުފުޅާ ގުޅޭގޮތުން ފައްޔާޒު މިރޭ ވިދާޅުވީ ހައްދުންމަތިން ޕާޓީ ހިންގާލަން އެދި ތިބީ އާންމު ހައްދަށްވުރެ މާމަތިން ކަމަށެވެ.
އަދިއޮހެމުން ދިޔަ ތަރުހީބާ ލިބެމުންދިޔަ ވިސްނުންތަކުގެ މައްޗަށް އެމްޑީޕީގެ ހިންގުން ބައްޓަން ކުރެވޭނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީ އާއި ގައުމުގެ މުސްތަގުބަލު ބިނާކުުރުމަށް އެމްޑީޕީގެ މެންބަރުންނަށް މި ފަހަރު ލިބެނީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. މި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފާ ހިންގުންތެރި އަކަށް ޕާޓީ ހަވާލުކުރުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ.
ފައްޔާޒު ވިދާޅުވީ ޗެެއާޕާސަން ކަމަށް ވާދަކުރައްވަން ނިންމެވީ އެމްޑީޕީއަށް ހިންގުންތެރި އަކު ބޭނުންވާތީ ކަމަށާ އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ. އަދި ދެން ވާދަކުރައްވާ އިމްތިޔާޒު ފަހުމީ އާއި އޭނާއާ އަޅާ ބަލާ އެންމެ ރަނގަޅު ހިންގުންތެރިއަކީ ކޮބައިތޯ ބެލުމަށްފަހު ވޯޓް ދެއްވުމަށް އެދިވަޑައިގަތެވެ.
ފައްޔާޒު ވިދާޅުވީ އޭނާއާ ގުޅޭގޮތުން ވާދަވެރި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަން ބޭނުންނުވާ ކަމަށެވެ. އަދި ވިދާޅުވީ ބަޔަކު ފާޑުކީ ނަމަވެސް އިންތިހާބުގައި ފަހަތަށް ޖެހިވަޑައިގަތުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
ޗެެއާޕާސަން ހޮވުމުގެ ރޭހުގައި ފައްޔާޒުގެ ކެމްޕެއިން ޓީމު ފެންނަނީ ވަރުގަދަކޮށެވެ. ސަރުކާރުގެ އިސްވެރިންނާއި ކުންފުނިތަކުގެ ވެރީން އަދި އެމްޑީޕީގެ ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ވަރަށް ބޮޑު ތާއީދެއް ފައްޔާޒަށް އެބައޮތެވެ.
ރަށްރަށުންވެސް ފައްޔާޒުގެ ކެމްޕެއިން ޓީމަށް ބޮޑު ތަރުހީބެއް ލިބެއެވެ.