ބޮލީވުޑް

މިސް.ޔުނިވާސް ހަރްނާޒް ބުނަނީ ފަލަވަނީ ބައްޔަކުންނޭ!

ކިތަންމެ ފަޚުރުވެރި މަގާމެއް ހޯދާފައިވާ މީހަކަށް ވެސް ސޯޝަލް މީޑިއާގައި މީހުންގެ މަލާމާތްކުރުމާ ކުރިމަތި ވުމަކީ މިހާރު ވަރަށް އާދައިގެ ކަމެކެވެ. އެގޮތުން މިހާރު އެންމެ ގަދަޔަށް ޓްރޯލްކުރާ އެކަކީ މިސް ޔުނިވާސް 2021 ގެ ފަޚުރުވެރި ތާޖު ހޯދާފައިވާ އިންޑިޔާގެ ހަރްނާޒް ސިންދޫ އެވެ.

މިސް. ޔުނިވާސް ކާމިޔާބު ކޮށްގެން އިންޑިޔާއަށް ބޮޑު ފަޚުރަކާއި ޝަރަފެއް ހަރްނާޒް ހޯދައި ދިނަސް އޭނާއަށް މިހާރު މަލާމާތް ކުރަމުންދާ މީހުން އެކަން ހަނދާނެއް ނެތެވެ. މިސްޔުނިވަސް ކާމިޔާބު ކުރުމާ ގުޅިގެން އޭނާއަށް އަދާކުރަން ޖެހޭ ބައެއް ޑިއުޓީތައް ފުރިހަމަ ކުރުމަށްފަހު ހަރްނާޒް އިންޑިޔާއަށް ދިޔައީ ދާދި މިދާކަށް ދުވަހު އެވެ.

އިންޑިޔާގެ ދިއުމާއެކު އޭނާ ވަނީ އެކި ރަށްތަކަށް ދަތުރުތައް ކޮށް އިވެންޓްތަކުގައި ބައިވެރިވެ އިންޓަވިއުތައް ދިނުމުގައި އަވަދިނެތި އުޅެން ފަށާފަ އެވެ. އެގޮތުން ދާދިފަހުން އޮތް އިވެންޓެއްގައި އޭނާ ރޭމްޕްގައި ވެސް ހިނގި އެވެ. މީހުން އެންމެ ބޮޑަށް އޭނާއަށް މަލާމާތްކުރަން ފެށީ ރޭމްޕްގައި ހިނގަނިކޮށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތައް ފެނިގެންނެވެ. އެ މަންޒަރުތަކުގައި އޭނާ ކުރިޔަށް ވުރެ ފަލަވެފައި ހުރެގެންނެވެ.

ފާޑުކިޔާ މީހުންނަށް ޖަވާބުދެމުން ހަރްނާޒު ބުނީ މީހުން ކޮންމެ އެއްޗެކޭ ކިޔަސް އޭނާއަށް އޭނާ ވަރަށް ރީތި ކަމަށެވެ. އަދި ޕީޓީއައި އަށް ދިން އިންޓަވިއު އެއްގައި ހަރްނާޒް ވަނީ އޭނާގެ ބަރުދަން އިތުރުވީ ސަބަބު ކިޔައިދީފަ އެވެ.

ހަރްނާޒް ބުނި ގޮތުގައި އޭނާއަކީ ސީލިއަކް ޑިޒީޒް ކިޔާ ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. މި ބަލި ޖެހުމުން ވާ ގޮތަކީ ގުލޫޓަން އެކުލެޥޭ ކާނާއެއް ކެވިއްޖެނަމަ އެމީހާގެ ދިފާއީ ނިޒާމް އެ އެއްޗަކަށް ރިއެކްޓް ކުރަނީ އެވެ. ގުލޫޓަން އަކީ ގޮދަނާއި ބާރްލީ ފަދަ އެއްޗެތީގައި ހުންނަ ޕްރޮޓީން އެކެވެ.

"މީގެ ކުރިން މީހުން އަހަރެންނަށް ހަނގާ ކުރީ މާ ހިކިއްޔޭ ކިޔާފަ. މިހާރު އެ ހަނގާ ކުރަނީ މާ ފަލައޭ ކިޔާފަ. މަލާމާތްކުރާ މީހުންގެ ތެރެއިން އެކަކަށް ވެސް ނޭނގޭ އަހަންނަކީ ބޮޑު ބައްޔެއް ތަހައްމަލުކުރަމުންދާ މީހެއް ކަމެއް. އަހަންނަށް ގޮދަން ފުޑް ކަހަލަ އެއްޗެތި ނުކެވޭކަމެއް،" ހަރްނާޒް ބުންޏެވެ.

އޭނާ ބުނި ގޮތުގައި މިސް.ޔުނިވާސްގެ މަގާމު ލިބުމަށްފަހު އޭނާ މިހާތަނަށް އުޅެމުންދިޔައީ އެކި ގައުމުތަކަށް ދަތުރުކުރުމުގަ އެވެ. މިއީ ވެސް ކެއުން އެއްގޮތަކަށް ބަހައްޓަން އުނދަގޫ އަދި ވަރަށް ފަސޭހައިން ބަރުދަން އިތުރުވާން ދިމާވާ ސަބަބެއް ކަމަށް އޭނާ ބުންޏެވެ.
ހަރްނާޒް ބުނީ މަލާމާތްކުރާ މީހުންގެ ވާހަކަތައް އޭނާ ނަގަނީ ޕޮޒިޓިވްކޮށް ކަމަށެވެ.