ހިޔާ ފްލެޓްތަކަށް ކުލި ހިނގަން ފަށާފައިވާކަން ހަނދާން ކޮށްދީ ކުލި ދެއްކޭނެ ގޮތްތައް އެޗްޑީސީ އިން ހާމަކޮށްފި އެވެ.
އެޗްޑީސީ އިން ރޭ އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޕްރީލް ފުރަތަމަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ބަލައިގަންނަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން އޮންލައިން "ޕޭމަންޓް ޕޯޓަލް" އާއި އެޗްޑީސީ ކަލެކްޝަން ކައުންޓަރުން ފައިސާ ބަލައިގަންނާނެ ކަމަށެވެ.
އެޗްޑީސީގެ "މައިހުޅުމާލެ" ވެބް ޕޯޓަލް އިން ލޮގިން ކުރުމަށް ފަހު ފްލެޓަށް ފައިސާ ދެއްކޭނެ ކަމަށާ ނަމަވެސް އޮންލައިންކޮށް މި ވަގުތު ފައިސާ ދެއްކޭނީ ބެންކް އޮފް މޯލްޑިވްސްގެ ކާޑުން އެކަނި ކަމަށް ބުންޏެވެ.
މީގެ އިތުރުން އެޗްޑީސީގެ މައި އޮފީހުން ހިޔާ ފްލެޓްގެ ކުލި ބަލައިގަންނަން ވަނީ ހާއްސަ ކަައުންޓަރެއް ބަހައްޓާފައެވެ. އެ ކައުންޓަރުން ނަގުދު ފައިސާ އާއި ޗެކް އަދި ކާޑު މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ އެވެ.
ހިޔާ ފްލެޓްތަކަށް ކުލި ހިނގަން ފަށާފައިވާކަން ހަނދާން ކޮށްދީ ކުލި ދެއްކޭނެ ގޮތްތައް އެޗްޑީސީ އިން ހާމަކޮށްފައިވާއިރު ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދޭން ގޮވާލައި ހިޔާގައި ދިރިއުޅޭ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތައް އެޗްޑީސީއަށް ވަނީ ހުށައަޅާފައެވެ.
ހިޔާ ފްލެޓަށް ކުލީގެ ގޮތުގައި މަހަކު 7،500 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި މަހަކު 1،000 ރުފިޔާއާ އެކު ޖުމްލަ 8،500 ރުފިޔާ ދައްކަންޖެހެ އެވެ. ނަމަވެސް ހިޔާ ފްލެޓްތަކުގައި މިދިޔަ އޮގަސްޓް މަހުން ފެށިގެން މީހުން ދިރިއުޅެން ފަށާފައިވާއިރު މިދިޔަ މަހުގެ ނިޔަލަށް ކުލި ނަގާފައެއް ނުވެއެވެ.
ފްލެޓް ތަކުގައި ދިރިއުޅޭ މީހުންގެ ފެނާއި ކަރަންޓް ބިލަށް ވެސް ކުރިން ލުއި ދީފައިވެ އެވެ. އަދި ކުންޏަށްވެސް ސަރުކާރުން މިވަގުތު އެއްވެސް ފީއެއް ނުނަގަ އެވެ.
ހިޔާ ފްލެޓްތަކުގެ މީހުންނަށް ސަރުކާރުން ލުއިތަކެއް ދީފައިވަނިކޮށް ހިޔާ ފްލެޓްތައް ތަމްސީލް ކުރާ ހިޔާ ޔޫނިއަނުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ 1،500 މީހަކު ސޮއިކޮށްފައިވާ ސިޓީތައް އެޗްޑީސީއަށް ހުށައަޅާފައެވެ. ހިޔާ ފްލެޓްތަކުގެ ވެރިންގެ މައިގަނޑު ޝަކުވާ އަކީ ފްލެޓްތަކުގެ މަސައްކަތް ނުނިންމާ ހަވާލުކުރުމުން ފްލެޓްތައް ނިންމަން އެމީހުންގެ އަތުން ބޮޑު ހޭދައެއް ކުރަންޖެހިފައިވުމުން ދައްކަން ޖެހޭ ކުލި ބޮޑުވުމެވެ. އެމީހުންގެ އަނެއް ކަންބޮޑުވުމަކީ ފިނިޝިން ނިންމައި ކުރިން ހަވާލުކުރި ފްލެޓްތަތަކުގެ އަގު ހިޔާ ފްލެޓްތަކުގެ އަގަށް ވުރެ ކުޑަވުމެވެ.
ސަރުކާރުން ވަނީ ހިޔާ ފްލެޓްތަކުގެ ކުލި މިހާރަށް ވުރެ އިތުރަށް ކުޑަ ކޮށްދެވެން ނެތް ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ. އެކަމަކު ހިޔާ ޔޫނިއަނުން ގެންދަނީ ކުރީ ސަރުކާރުން ކަނޑައެޅި 5،600 ރުފިޔާ އަށް ކުލި ކުޑަކޮށްދިނުމަށް އެދެމުންނެެވެ.
ސިޓީތަކުގައި އެދިފައިވަނީވެސް އެ އަދަދަށް ކުލި ކުޑަކޮށްދޭށެވެ. ހިޔާ ޔޫނިއަން އިން ބުނީ އަދިވެސް އިތުރު ހަތަރު ބުރެއްގެ މަތީން ސިޓީތައް އެޗްޑީސީއަށް ހުށައަޅާނެ ކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 16 ޓަވަރުގައި 7،000 ފްލެޓް ހަދާފައިވާއިރު ވަރަށް ގިނަ ފްލެޓްތަކުގައި ދިރިއުޅެން ވަނީ ފަށާފަ އެވެ. މީހުން ދިރިއުޅެން މިސަރުކާރުން ދޫކޮށްފައިވަނީ 6،720 ފްލެޓެވެ.