ތަރިކަ

އާސާރުތަކަށް ގެއްލުން ދޭނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

Apr 2, 2022

ރަށްރަށުގައި ހުރި އާސާރީ ތަންތަނާއި ތަކެއްޗަށް ގެއްލުންވާ ގޮތަށް ބައެއް ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ އެގޮތަށް އަމަލުކުރާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ދީފި އެވެ.

އެ މަރުކަޒުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް ރަށްރަށުގައި ހުރި އާސާރީ މިސްކިތް، ވެވު، ހަވިއްތަ ފަދަ އާސާރުތަކަށް ގެއްލުން ލިބޭގޮތަށް މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުން އިތުރުވެފައިވާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކުން ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާއިރު ތަރިކައަށް ކޮށްފާނެ އަސަރު ބެލުމަށްޓަކައި ހަދާ އެސެސްމަންޓް ހެދުމެއް ނެތި އަދި މަރުކަޒުގެ ހުއްދައަކާ ނުލައި މަސައްކަތް ކުރިއަށް ގެންދާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

މަރުކަޒުން ބުނީ އާސާރީ ތަންތަން ރައްކާތެރިކުރެވޭނެ ގޮތެއް ނުހޯދައި، އެ ތަންތަނަށް ކުރާނެ އަސަރަށް ބެލުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން ވެގެންދާނީ އެފަދަ ތަރިކަތައް ހުރި ރަށްރަށާއި މުޅި ރާއްޖޭގެ އަންނާން އޮތް ޖީލުތަކަށް ލިބޭ އިއާދަނުކުރެވޭ ވަރުގެ ގެއްލުމަކަށް ކަމަށެވެ.

"ވީމާ ސަގާފީ ތަރިކައާ ގުޅޭ ތަންތަނުގައްޔާއި މިތަންތަނުގެ ކައިރީގައި ކުރައްވަވާ މަސައްކަތްތައް ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އަދި މި ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރެއްވުމަށް އެންމެހައި ފަރާތްތަކަށް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

ގާނޫނުގައިވާ ގޮތަށް ލޯކަލް ކައުންސިލް ތަކުންނާއި އާންމު ފަރާތްތަކުން ޒިންމާ އަދާކުރުމަށާއި ގާނޫނުގެ ރޫހާ އެއްގޮތަށް ގާނޫނަށް ހުރުމަތްތެރިކޮށް ހިތުމާއެކު އަމަލުކުރުމަށް ވެސް މަރުކަޒުން ހަނދާންކޮށްދީފައިވެ އެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުގައި ހިމެނޭ އާސާރީ ބިނާތަކާއި، އާސާރީ ސަރަހައްދުތަކާއި، މައުނަވީ ސަގާފީ ތަރިކައާއި، ހިމާޔަތްކުރެވިފައިވާ ސަރަހައްދު ބަޔާންކޮށް، ރާއްޖޭގެ ސަގާފީ ތަރިކައިގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އާސާރީ ތަރިކައިގެ މައްޗަށް އޮތް ދައުލަތާއި ފަރުދުންގެ ޒިންމާއާއި، ރާއްޖޭގެ ސަގާފީ ތަރިކައާ ބެހޭ ދިރާސާތައް ކުރެވޭނެ ގޮތްތަކާއި، ތަރިކައާ މެދު އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ސަގާފީ ތަރިކައަށް ގެއްލުން ލިބޭ ގޮތަށް ހިންގާ އަމަލުތައް ކުށެއްގެ ގޮތުގައި ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

ގާނޫނުގައިވާ ކަންކަން ތަންފީޒު ކުރުމުގެ މައިގަނޑު ޒިންމާ ހަވާލުކޮށްފައިވަނީ ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒަށެވެ.

ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގަވާއިދުގައި ސަގާފީ ތަރިކައާ ގުޅޭ މަސައްކަތްތައް ކުރުމުގެ ކުރިން މަރުކަޒުގެ ހުއްދަ ހޯދަން ލާޒިމުކޮށްފައިވެ އެވެ. ތަރައްގީގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ކުރިން ސަގާފީ ތަރިކައަށް ގެއްލުމެއް ލިބިދާނެތޯ ޔަގީންކުރުމަށްވެސް ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ.