ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތުގެ ޕާކިން މައްސަލަ ހައްލުކުރަން އެއްބާރުލުމެއް ނުދިން

Apr 2, 2022
1

ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށުމާ އެކު އެ ސަރަހައްދުގައި އުޅަނދުތައް ތޮއްޖެހޭނެ ކަމަށް ބެލެވޭތީ ޕާކް ކުރާނެ ތަނެއް ހެދުމަށް ސޯމިލް ބިން ހަވާލުކުރަން ސަރުކާރުގައި އެދުމުން އެކަމަށް އެއްބާރުލުން ނުދިން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަލްމާން މިސްކިތުގައި ފުރަތަމަ ފަހަރަށް އިއްޔެ ހުކުރު ކުރަން ފެށުމާ އެކު އެ މިސްކިތަށް މާލެ އާއި ހުޅުމާލެ އިން އެތައް ބަޔަކު ގޮސްފައިވެ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުގެ ވަށައިގެންވާ ހުރިހާ މަގުތަކެއްގައި އުޅަނދުތައް ޕާކް ކުރުމުން އެ ސަރަހައްދުގެ މަގުތަކަށް ވަރަށް ބޮޑަށް ބާރުބޮޑުވެގެން ގޮސްފައިވެ އެވެ.

މާލެ ރައްޔިތުން ތިއްބަވާ ކޮމިއުނިޓީ ވައިބާ ގުރޫޕަކަށް މުއިއްޒު މިއަދު ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަލްމާން މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށިއިރު އެ މަސައްކަތް އެއްކޮށް ނިންމަން ކަނޑައަޅާފައިވާނީ ޖުލައި 2019ގައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސްކިތުގެ މަސައްކަތް ނިންމިތާ ދެ އަހަރު ފަހުން ނަމާދުކުރަން މިސްކިތް އިއްޔެ ބޭނުންކުރަން ފެށިއިރު، ރަސްމީކޮށް މިސްކިތް ނުހުޅުވިޔަސް ނަމާދުކުރަން ފުރުސަތު ދިނުމަށް މިދިޔަ އަހަރުގެ މެއި މަހު ރައީސް ސޯލިހަށް ދެންނެވި ކަމަށެވެ.

ސަލްމާން މިސްކިތަށް ދާ މީހުންގެ އުޅަނދުތައް ޕާކް ކުރުމަށް އެކަށީގެންވާ ޕާކިން ސަރަހައްދެއް ހެދުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ޕާކިން ސަރަހައްދު ހެދުމަށް ސަލްމާން މިސްކިތުގެ ކުރިމައްޗަށް އޮންނަ ހެންވޭރު ސޯމިލް ބިން ރައީސް ޔާމީންގެ ވެރިކަމުގައި ކަނޑައަޅާފައިވާ ކަމުގައި ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ސޯމިލް ބިމުގައި ރޯދައިގެ ކުރިން ޕާކިން ސަރަހައްދެއް ހަދާ ނިންމުމަށްޓަކައި އެ ބިން ކައުންސިލަށް ދިނުމަށް ސަރުކާރުގައި އެދުނު ނަމަވެސް އެ ފުރުސަތު ނުދިން ކަމަށެވެ.

"ސޯމިލް ބިން އެ އޮތީ ބޭކާރުކޮށް. ޕަބްލިކް ވޯކްސްގެ ބޭރު މުވައްޒަފުން ނިންދަވާ ތަނެއްގެ ގޮތުގައި އަދި ޕީޑަބްލިއުގެ ވެހިކަލްތައް ޕާކް ކޮށްފައި އޮންނަ ތަނެއްގެ ގޮތުގައި [ސޯމިލް އެއޮތީ]،" މޭޔަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ސޯމިލް ބިމުގައި ޕާކިން ސަރަހައްދެއް ހެދުމަށް އެ ބިން ހުސްކުރުމަށް ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސަރުކާރުގައި އަދިވެސް އެދޭނެ ކަމަށެވެ.

"ކީއްވެ ކަމެއް ނޭނގޭ ސަރުކާރުން މިކަހަލަ ފަސޭހައިން ހައްލުވާން ހުރި ކަންކަމުގައިވެސް އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވުމުގައި ފަހަތަށް ޖެހެނީ. ސިޓީ ކައުންސިލުން މިއެދެނީ ރައްޔިތުންނަށް ފަސޭހަވާ ކަންކަން ކުރުމުގައި އެއްބާރުލުން ދެއްވުމަށް. އިރާދަކުރެއްވިއްޔާ މި ޕާކިން ޒޯން ހެދުމުގެ ފުރުސަތު ލިބޭނެ ކަމުގެ އުއްމީދުގައި އަދިވެސް މިތިބީ،" މުއިއްޒު ވިދާޅުވި އެވެ.