ރައީސް އަބްދުﷲ ޔާމީން

ރާއްޖެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި: ޔާމީން

ރާއްޖެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާ އާންމު ކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ވިދާޅުވީ ރަމަޟާން މަސް ބައްދަލުވާއިރު ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެ ގޮތުން ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ.

އަދި އިގްތިސާދީ ހާލަތުވެސް ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލާފައި ކަމަށެވެ. މީގެ އިތުރުން ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމުގައިވެސް އެތައް ގޮންޖެހުމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"އެހެން ކަމުން މި ހުރިހާ ކަމަކުން ގައުމު ސަލާމަތްކޮށްދެއްވައި ގައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވާ، ކާމިޔާބީ މިންވަރު ކުރެއްވުން އެދި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ދުއާ ދަންނަވަމެވެ،" ރައީސް ޔާމީންގެ ފަރާތްޕުޅުން ތަހުނިޔާ ފޮނުއްވާ ޕީޕީއެމުން އާންމުކުރި ބަޔާނުގައިވެއެވެ.