ރައީސް އަބްދުﷲ ޔާމީން

"ދެރަގޮތް ނުހެދުމަކީ ރައީސް ޔާމީން ގެއަށް ގެނައުން"

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދެރަ އެއްވެސް ގޮތެއް ވާން އެދިވަޑައި ނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެފައިވާއިރު މިއީ ހެޔޮ އެދި ވަޑައިގަތުން ސާބިތުކޮށް ދެއްވޭނެ އެންމެ ރަނގަޅު ވަގުތު ކަމަށާއި ރައީސް އަބްުދުﷲ ޔާމީން ގެއަށް ބަދަލުކޮށް ދެއްވަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގޮވާ ލައްވައިފި އެވެ.

ޖާބިރު ވިދާޅުވީ މީހުން މެރުމާއި ޖިންސީ އަނިޔާ އާއި ޓެރަރިޒަމް ފަދަ ބޮޑެތި ކުށްކުށުގައި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ މީހުން ފިޔަވައި ދެން. ޖަލުތަކުގައި ތިބި އެންމެނަށް އަފޫއާންމެއް ނުދެވުނަސް ރޯދައަށް ގެއަށް ބަދަލުކޮށްލައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާއަކަށް އަދި ހޯމް މިނިސްޓަރަކަށް ކަރެކްޝަން އިދާރާއަށް ކުރެވޭނެ ހޮޔޮ ކަމެއް އަދި ކުރިޔަށް އެޅޭނެ ރަނގަޅު ފިޔަވަޅަކަށް ވާނެ ކަމަށެވެ.

އަދި ވިދާޅުވީ ކުށެއް ސާބިތުވެ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމަކީ ދިވެހި ރައްޔިތުންގެ ގިނަ އަދަދެއްގެ ބަޔަކު އެދޭ އެދުމަކަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުގެ މި އެދުން ވާނީ ހޯމް މިނިސްޓަރު އަރިހުގައި ވެސް ދަންނަވާފައި. އަދި އިއްޔެ ރައީސް ސޯލިހު އެ ވިދާޅުވީ މެޑަމް ފާތުން އެކަމަށް އެދި ވަޑައިގެންފައި އޮތް ވާހަކާއި އިދިކޮޅު ލީޑަރުންނާ ވެސް އެ ވާހަކަ ދެއްކެވި ކަމަށް އަދި ރައީސް ޔާމީނަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށް. އެހެންވީމާ މިއަދު ރޯދަ މަސް ފެށިގެން ދާއިރު ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދެއްވުމަކީ ދެރަގޮތެއް ނުހެއްދެވުމަކަށް ވާނީ. ރޯދަ މަހު ރައީސް ޔާމީން ޖަލުގައި ބެހެއްޓުވުމަކީ އަނިޔާވެރިވުން،" ޖާބިރު ވިދާޅުވި އެވެ.

އިއްޔެ ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ބަދަލުކޮށް ދިނުމަށް އެދި އާއިލާ އާއި އެމަނިކުފާނު ނިސްބަތްވާ ޕާޓީން އެދިފައިވާތީ އެކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. ރައީސް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދެއްވުމަށް އެދި މެޑަމް ފާތުމަތު އިބްރާހިމް ދީީދީ ފޮނުއްވެވި ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާ އަދި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ބައްދަލު ކުރައްވާ އެކަމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބައްލަވަމުން ގެންދަވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޔާމީނަކަށް ވެސް ދެރަ ގޮތެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވީ ވަރަށް ރަނގަޅު މާހައުލެއްގައި ކަމަށެވެ. އަދި އެމަނިކުފާނަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކާއި ގުޅިގެން ރާއްޖެއިން ބޭރުން ޓެސްޓްތަކެއް ހެއްދެވުމަށް ލަފާ ދެއްވި ނަމަވެސް ބޭރަށް ވަޑައިގަތުމަށް ޔާމީން ދެކޮޅު ހައްދަވާ ކަމަށެވެ. ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންފައިވާ ސިއްހީ މައްސަލަތައް މެޑަމް ފާތިމަތު އިބްރާހިމް ފޮނުއްވެވި ސިޓީގައި ތަފްސީލު ކޮށްދެއްވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަނޑު ގޮތްތަކެއް ނިންމާނަން،"

ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ބުނެފަ އެވެ.