ރިސޯޓް

ތިން އަހަރުތެރޭ ކުރިން ދޫކުރި 12 ރިސޯޓު ހުޅުވައިިފި

Apr 3, 2022

ރިސޯޓު ހަދަން ކުރިން ދޫކުރި ރަށްތަކުގައި ވޭތުވެދިޔަ ތިން އަހަރު ތެރޭ 12 ރިސޯޓެއް ހުޅުވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރު ރާއްޖޭގައި ރިސޯޓް / މެރީނާގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ 157 ރަށެވެ. ނަމަވެސް މިދިޔަ މާޗް މަހުގެ ނިޔަލަށް ރާއްޖޭގައި 169 ރިސޯޓެއް ހުޅުވާފައިވެ އެވެ. މިއީ 12 ރަށުގެ އިތުރުވުމެކެވެ.

ތިން އަހަރުތެރޭ 5،059 އެނދު އިތުރުވި

ތަފާސް ހިސާބުތައް ދައްކާ ގޮތުން 2019 ވަނަ އަހަރާ ހަމަ އަށް ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވަނީ 35,016 ޓޫރިސްޓު އެނދެވެ. ނަމަވެސް މާޗް މަހުގެ ނިޔަލަށް ބަލާއިރު އެނދުގެ އަދަދު ވަނީ 40,075 އަށް އިތުރުވެފަ އެވެ. މިއީ 5،059 އެނދު އިތުރުވުމެކެވެ.

ވޭތުވެދިޔަ ދިޔަ ތިން އަހަރު ދުވަހަށް ބަލާއިރު ގިނައިން ހުޅުވާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދޫކުރި ފަޅުތަކާއި ރަށްތަކުގައި ތަރައްގީ ކުރި ރިސޯޓުތަކެވެ. މި ރަށްތައް ހުޅުވިނަމަވެސް މިދިޔަ ތިން އަހަރު އަލަށް އެންމެ ރަށެއް ވެސް ދޫކޮށް ހުޅުވިފައި ނެތް ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ދެ ބުރައެއްގެ މަތިން ރިސޯޓު ހަދަން ރަށް ދޫކޮށްފަ އެވެ. އެގޮތުން ފުރަތަމަ ހަތް ރަށެއް ބިޑަށް ލައިގެން އެވޯޑު ކޮށްފައިވަނީ އެންމެ ރަށެކެވެ. އަދި ދެވަނަ ބުރަށް 18 ރަށެއް ބިޑަށް ލައިގެން މިހާރު ވަނީ ނުވަ ފަރާތަކުން ބިޑު ހުށަހަޅާފަ އެވެ.