ސިވިލްސާވިސް ކޮމިޝަން

ހަޔާ އެޑިޔުކޭޝަންގެ ޕީއެސް ސަސްޕެންޑްކޮށްފި

Apr 3, 2022

ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ފާތިމަތު ހިލްމީ ސަސްޕެންޑް ކޮށްފި އެވެ.

ފާތިމަތު ހިލްމީ ސަސްޕެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާތިމަތު ހިލްމީގެ ސަސްޕެންޝަނާ ގުޅޭގޮތުން ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއާ އެކު އެ މިނިސްޓްރީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ އިސް ދެ ބޭފުޅަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބަލަނީ ގާނޫނައި ގަވައިދުތަކާއި އަދި ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބައެއް މީހުންނަށް ވަޒީފާ ދީފައިވާ މައްސަލަތަކެއް ކަމަށް އެނގިފައިވެ އެވެ.

ސަރުކާރުގެ ވުޒާރާތަކުގައި ސިވިލް ސާވިސްގެ އެންމެ އިސް ބޭފުޅަކީ ޕާމަނަންޓް ސެކްރެޓަރީންނެވެ. އަދި ލޯކަލް ކައުންސިލްތަކުގައި ސިވިލް ސާވިސްގެ އެންމެ އިސް ބޭފުޅަކީ އެ ކައުންސިލެއްގެ ސެކްރެޓަރީ ޖެނަރަލް އެވެ.

މިނިސްޓްރީތަކުގައި ތިއްބަވާ ޕާމަނަންޓް ސެކްރެޓަރީންގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެ ބައެއް ބޭފުޅުން މީގެކުރިން މަގާމުން ވެސް ވަކިކުރައްވާފައިވެ އެވެ.