ސިޔާސީ ޕާޓީ ތަކަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުން 32.9 މިލިއަން ރުފިޔާ ޖަމާކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބެނީ އެމްޑީޕީ އާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އަށެވެ. މީގެތެރެއިން ޕީޕީއެމް ފިޔަވާ ދެން އޮތް ތިން ޕާޓީ އަކީ ވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީ ތަކެކެވެ.
އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިމަހުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީއާއި ޕީޕީއެމް އަށް ފައިސާ ދޫކުރަން ފިނޭންސްގައި އެދިފައިވާނެ ކަމަށެވެ. އަދި މިދިޔަ ހަފްތާގެ ތެރޭގައި އެމްޑީޕީއާއި އަދާލަތު ޕާޓީއަށް ފައިސާ ދޫކުރަން ވެސް ފިނޭންސަށް ހުށަހަޅާފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ޕާޓީ ތަކަށް ފައިސާ ދޫކުރަން ފިނޭންސްގައި އެދެނީ ފައިސާ ލިބޭ ޕާޓީ ތަކުން ކޮންމެ އަހަރަކުވެސް ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓާއި، އޮޑިޓް ރިޕޯޓް ހުށަހެޅުމުން އެ ރިޕޯޓްތަކުގެ ސައްހަ ކަމަށް ބެލުމަށްފަހު އެވެ.
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ތިން މަސް ނިމުމުގެ ކުރިން ސިޔާސީ ޕާޓީ ތަކަށް ފައިސާ ޖަމާކޮށްދޭންޖެހެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ޕާޓީ ތަކަށް ފައިސާ ޖަމާކޮށްދިން ކަން އެ މިނިސްޓްރީގެ ބަހެއް ލިބިފައި ނުވާތީ ޔަގީންވާ ގޮތެއް ނުވި އެވެ.
ޕާޓީތަކަށް ފައިސާ ލިބޭ އަދަދާއި މެންބަރުންގެ އަދަދު:
- އެމްޑީޕީ - 15،024،009.96 ރުފިޔާ | 54،660 މެންބަރުން
- ޕީޕީއެމް - 9،410،483.51 ރުފިޔާ | 34،237 މެންބަރުން
- ޖޭޕީ - 5،526،669.74 ރުފިޔާ | 20،107 މެންބަރުން
- އަދާލަތު ޕާޓީ - 2،900،903.79 | 10،554 މެންބަރުން
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާ އަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.
ބަޖެޓުން ފައިސާ ލިބެނީ ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ހިނގަމުންދާ އަހަރު ފާސްކުރާ ދުވަހުގެ ކުރިން 10،000 މެންބަރުން ހިމެނޭ ޕާޓީ ތަކަށެވެ.