ސިޔާސީ ޕާޓީތަކުގައި މީހުން ހިމެނުމަށް ހުށަހަޅާ ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީ ޖޫރިމަނާ ކުރުން މަޑުޖައްސާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސައްހަ ނޫން ފޯމު ހުށަހަޅާ ޕާޓީތަކާއި ރަޖިސްޓްރާ ޖޫރިމަނާ ކުރަން ކޮމިޝަނުން ނިންމާފައިވީ ނަމަވެސް ޕާޓީތަކުން އެގޮތް ބޭނުން ނުވާތީ ފިޔަވަޅު އެޅުން މަޑުޖައްސާލާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ވަނުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކުގެ ތެރެއިން ސައްހަ ނޫން ކޮންމެ ފޯމަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމަށް ކޮމިޝަނުން ނިންމާ އެކަން ހާމަކުރީ މިދިޔަ ޖޫން އެއްވަނަ ދުވަހު އެެވެ.
ކޮމިޝަނުން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ސައްހަކ ނޫން ކޮންމެ ފޯމަކަށް ޕާޓީގެ ރަޖިސްޓްރާ އާއި ޕާޓީ ފުރަތަމަ ފަހަރު 5000 ރުފިޔާ އަދި ދެވަނަ ފަހަރު 10،000 ރުފިޔާ އިން ޖޫރިމަނާ ކުރާށެވެ.
ފުއާދު މިއަދު ވިދާޅުވީ ސައްހަ ނޫން ފޯމުތަކާ ގުޅިގެން ޕާޓީތައް ޖޫރިމަނާކުރަން ކޮމިޝަނުން ނިންމުމާ ގުޅިގެން އެ ނިންމުން މުރާޖައާކޮށް މިމައްސަލައިގައި ހަރުދަނާ އެހެން ފިޔަވަޅުތަކެއް އެޅުމަށް ޕާޓީ ތަކުން ކޮމިޝަންގައި އެދިފައިވާ ކަމަށެވެ.
"ބައެއް މީޑިއާތަކުގައި އެބަ ބުނޭ އަޅުގަނޑުމެން އެ ފިޔަވަޅު އެޅުން އެއްކޮށް ހުއްޓާލީ ކަމަށް. އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނޫން. ސިޔާސީ ޕާޓީތަކަށްވެސް އެގޮތަށް ބޮޑެތި އަދަދަކުން ޖޫރިމާނާ ކުރަން ފެށީމާ ދަތިވާނެތީ ޕާޓި ތަކުގެ އެދުމުގެ މަތިން އެކަން ފިޔަވަޅު އެޅުން މިވަގުތަށް މަޑުޖައްސާލީ،" ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސައްހަ ނޫން ފޯމު ހުށަހެޅުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ކޮމިޝަނުން މިހާެރު އާ ފޯމެއް ވެސް ހަދާފައިވާ ކަމަށާއި އަދި މިމަހުން ފެށިގެން އާ ފޯމު ފުރަންޖެހޭ ގޮތަށް ހަދާފައިވާ ކަމުގައިވެސް ފުއާދު ވިދާޅުވި އެވެ.
"މި އާ ފޯމުގައި ޖެހޭނެ ފޮޓޯ ޖަހަން އަދި ބައެއް އަމިއްލަ މައުލޫމާތު ހިމަނަން. މިސާލަކަށް މަންމަގެ ނަން، އެއްވެސް މައުލޫމާތު ސައްހަކުރަން އެޅި ފިޔަވަޅެއް،" ފުއާދު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސައްހަ ނޫން ފޯމުތަކުގެ ސައްހަކަން ޔަގީންކުރުމަށް ކަމާ ގުޅޭ ވަސީލަތްތައް ކޮމިޝަންގައި ނެތް ކަމަށެވެ. އެހެންކަމުން އެފަދަ ވަސީލަތްތައް ހޯދުމަށްފަހު ފިޔަވަޅުތައް ހަރުކަށި ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ބައެއް މީހުންނަށް ނޭނގި އެ މީހުން ސިޔާސީ ޕާޓީ ތަކަށް ވައްދާ މައްސަލަ ބޮޑުވެފައިވާތީ ޕާޓީތަކަށް ވެއްދުމަށް ހުށަހަޅާ މީހުންގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ އާންމުވެސް ކުރަމުންނެވެ.