ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު މިއަހަރުގެ އޮގަސްޓް އެއްވަނަ ދުވަހުން ފެށިގެން ހާމަކުރަން ނިންމައިފި އެވެ.
ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުން މިވަގުތު ހާމަކުރަނީ އެ ޕާޓީއެއްގައި ތިބޭ ޖުމްލަ މެންބަރުންގެ އަދަދެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވީ ބައެއް މީހުންނަށް ނޭނގި އެމީހުންގެ ނަންތައް ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި ޖައްސާ ކަމަށް ބުނެ އާންމުންގެ ފަރާތުން ވަރަށް ގިނައިން ކޮމިޝަނަށް ޝަކުވާ ލިބެމުންދާ ކަމަށެވެ. އެކަމަށް ހައްލެއް ހޯދުމަށް މިވަގުތަށް ކޮމިޝަނަށް ފެންނަ އެންމެ ރަނގަޅު ހައްލަކީ ސިޔާސީ ޕާޓީ ތަކުގެ މެންބަރުންގެ މައުލޫމާތު ކޮމިޝަންގެ ވެބްސައިޓްގައި ހާމަކުރުން ކަމުގައި ވިދާޅުވި އެވެ.
"ވަގު ފޯމު ހުށަހަަޅާ ކަމަށް ބުނެ އަބަދު އަބަދު ކޮމިޝަނަށް އާންމުން ގެންދަނީ ޝަކުވާ ހުށަހަޅަމުން. މިހާރު މި ނިންމި ގޮތަށް އެ މައުލޫމާތު ހާމަކުރީމާ އެ ޝަކުވާ އަންނަލެއް މުސްތަގުބަލްގައި މަދުވާނެ،" ފުވާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީ ތަކުން މެންބަޝިޕް ފޯމް ހުށަހެޅުމުން މިއަދުން ފެށިގެން އެ ފޯމްތަކުގައިވާ މީހާގެ ފުރިހަމަ ނަމާއި އެމީހާގެ އައިޑީކާޑުގެ ފަހު ތިން ނަންބަރު ކޮމިޝަންގެ ވެބްސައިޓްގައި އާންމުކުރުމަށްފަހު ޝަކުވާ ހުށަހަޅަން ހަތް ދުވަހުގެ ފުރުސަތެއް ދީފައި ނޫނީ ޕާޓީ ތަކުން ހުށަަޅާ ފޯމްތައް ކޮމިޝަނުން ބަލައިނުގަންނާނެ ކަމަށެވެ.
"މިވަރަށް މައުލޫމާތު ހިމަނާފައި އާންމުކުރީމާ އެ މީހަކަށް އެނގޭނެ އެއީ އޭނާގެ މައުލޫމާތު ކަމަށް. އޭރުން އަޅުގަނޑުމެން މި ދޭ މުއްދަތުގައި ޝަކުވާ ހުށަހެޅީމާ އަޅުގަނޑުމެން އެ ޝަކުވާއެއް ޕާޓީ ތަކަށް ފޮނުވާނަން،" ފުވާދު ވިދާޅުވި އެވެ.
ސިޔާސީ ޕާޓީ ތަކުން ހުށަހަޅާ ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި އަމަލުކުރާނެ ގޮތްތަކަކާ މެދު އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ޕާޓީ ތަކާ މަޝްވަރާ ވެސް ކޮށްފަ އެވެ. ނަމަވެސް ޕާޓީ ތަކުން ހުށަހަޅާ ފޯމްތަކުގައި ޖަހާފައި ހުންނަ އިނގިލީގެ ނިޝާން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން މެންބާޝިޕް ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ކޮމިޝަނަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުއްޓެވެ.
ކޮމިޝަނުން ކޮންމެހެން ބަލަންޖެހޭ ފޯމުތަކުގެ އިނގިލީގެ ނިޝާންތަކުގެ ސައްހަކަން މިހާރު ބަލަނީ ފުލުހުންނާ ގުޅިގެންނެވެ.