ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާލުމުގެ ކުރިން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާއެކު މަޝްވަރާ މޭޒުދޮށަށް ވަޑައި ނުގަންނަވާނެ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިއާ ބޯޓުތަކުން ބޮން އަޅަނިކޮށް ބޭރަށް ވަޑައިގެންނެވޭނެ ގޮތެއް ވެސް ނެތެވެ. އޭނާ އަދި ވިދާޅުވީ ޖާނަށް ބިރުފުޅު ގަންނަ ކަމަށާއި މަޝްވަރާއަށް ކަމަށް ހަދައި ބޭރަށް ނެރެ މަރާލުމަކީ ވެސް ކޮށްފާނެ ކަމެއް ކަމަށެވެ.
ގައުމަށް ޓަކައި ހަނގުރާމާއިގައި މަރުވުމާއި ބަޔަކު ރާވައިގެން ހައްޔަރުކޮށް އަނިޔާ ކުރުމަށް ފަހު މަރާލުމަކީ ތަފާތު ދެކަމެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
އެމެރިކާގެ ސީބީއެސްއަށް ޒެލެންސްކީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަޝިއާގެ މަސްލަހަތު މިހާރު އޮތީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ޔުކްރޭން ހަލާކުކޮށްލަން ކަމަށެވެ.
ދެ ލީޑަރުން މަޝްވަރާއަށް ވަޑައިގަތުމުގެ ކުރިން ޔުކްރޭނުން ސިފައިން މަދުކުރުމަކީ ވެސް އެދިވަޑައި ގަންނަވާ ކަމެއް ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަޝިއާއަށް މަދުކުރެވޭ އެންމެ ބޮޑަކަށް މަދުކުރުން ވެސް އެންމެ ރަނގަޅު ކަމަށެވެ.
ޔުކްރޭންގެ ފަރާތުން ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގެންނެވި މަންދޫބުން ކުރިން ވިދާޅުވި ގޮތުގައި ދެލީޑަރުންގެ މަޝްވަރާ އޮތީ ދާދި ގާތުގަ އެވެ. ދެލީޑަރުން ޑްރާފްޓް އެއްބަސްވުމަށް މަޝްވަރާ ކުރައްވައިގެން ނޫން ގޮތަކަށް އެއްބަސްވުން ފައިނަލް ނުވާނެ ކަމަށް ވެސް މަންދޫބުން ވިދާޅުވި އެވެ.
އެހެން ނަމަވެސް، ރަޝިއާގެ މަންދޫބުން ވިދާޅުވީ ދެލީޑަރުން އެއްމޭޒުދޮށަށް ވަޑައިގެން މަޝްވަރާ ކުރެއްވޭ ވަރަށް ޑްރާފްޓް އެއްބަސްވުމެއް އަދި އެކުލަވާ ނުލެވޭ ކަމަށެވެ. އެހެންކަމުން ފުރަތަމަ އޮތީ ޑްރާފްޓް އެއްބަސްވުމަށް މަންދޫބުން އެއްބަސްވުން ކަމަށެވެ.