ޑރ. އަބްދުﷲ މައުސޫމް

ރަޝިއާ މާކެޓުން 70 ޕަސެންޓް ގެއްލުންވެއްޖެ: މައުސޫމް

Apr 4, 2022
1

ރަޝިއާ ޔުކްރޭން ހަނގުރާމަ ފެށުމާއެކު ރަޝިއާ މާކެޓުން 70 ޕަސަންޓްގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރަޝިއާ ޔުކްރޭން ހަނގުރާ ފެށުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އެ މާކެޓުން ލިބުނު ގެއްލުމާ އެކު އިތުރު މާކެޓްތައް ހޯދުމަށް ސަރުކާރާއި ރިސޯޓުތަކުން އަތް އުރާލައިގެން ނުތިބޭ ކަމަށްވެސް ވިދާޅުވި އެވެ.

"އިތުރު މާކެޓެއް ހޯދަން އެއްވެސް އިރެއްގައި ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުން ޕްރައިވެޓް ސެކްޓަރުގެ ބޭފުޅުން ވެސް އަތް އުރާލައިގެން ނުހުރޭ. ހުރިހާ ދިމާލަކުންވެސް ފެންނަގަން މަސައްކަތް ކުރޭ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ކުރިން ރަޝިއާ ޔުކްރޭން މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ 20 އިންސައްތަ ހިއްސާ ކުރާ މާކެޓެއް ކަމަށެވެ. އެހެންކަމުން އެ މާކެޓުން ލިބެމުންދާ ބޮޑު ގެއްލުމާ އެކު އިތުރު މާކެޓް ހޯދުމަށް ވަރުގަދައަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓް ލީޑް ކުރީ އިންޑިއާ އިން ކަމަށްވާތީ އެ މާކެޓް އަލުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. މިވަގުތު އިންޑިއާ މާކެޓް ހިއްސާކުރަނީ 10.9 ޕަސަންޓް ކަމުގައިވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަމުގެ މާކެޓްގައި މިވަގުތު އިނގިރޭސިވިލާތް 12 ޕަސަންޓާ އެކު ކުރި ހޯދާފައިވާއިރު ރަޝިއާ މާކެޓް މިވަގުތު ހިއްސާކުރަނީ 11.9 އިންސައްތަ ކަމަށެވެ. އަދި ކުރިން ގަދަ 10 ގައި އޮތް ޔުކްރޭން މާކެޓް މިވަގުތު ހިއްސާކުރަނީ 1.9 އިންސައްތަ ކަމުގައިވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިވަގުތު އޮތީ ބައްޓަން ކުރެވިފައި އޮތީ ރާއްޖެ އަށް އަންނަން ބޭނުންވާ އެންމެންނަށް ވެސް ރާއްޖެ އާދެވޭ ގޮތަށް ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ދުނިޔެއަށް އަންނަ ލޮޅުންތައް ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ކުރާނެ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަނގުރާމައާއި ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަމަށް އަންނަ ލޮޅުން ކުޑަކުރުމަށް ކަމަށެވެ.

"ދުނިޔޭގައި ހިނގާ ހަނގުރާމަ އާއި ބަލިމަޑުކަމަކާ ފަތުރުވެރިކަން ރަށްޓެއްސެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ މިއަހަރު ރާއްޖެ އަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ ފަތުރުވެރިންގެ އަދަދު ކަނޑައަޅާފައިވާނީ ކުރިން ރާއްޖެއަށް އެންމެ ގިނަ އިން ފަތުރުވެރިން އައިސްފައިވާ ޗައިނާގެ ފަތުރުވެރިންނަށް ވެސް ބަލައިގެން ކަމަށެވެ. ކޮވިޑަށް ފަހު ޗައިނާ މިއަހަރު އަލުން ހުޅުވާލުމާ އެކު އެ މާކެޓުން އެކަށީގެންވާ އަދަދެެއްގެ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ގެއްލުން ކުޑަވާ ގޮތަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ގުޅިގެން މަސައްކަތްތައް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.