ޑރ. އަބްދުﷲ މައުސޫމް

ކަނިމީދޫ އެއްކޮށް ކުއްޔަށް ދޭން ތައްޔާރުވަނީ

May 16, 2022

ތ. ކަނިމީދޫގައި ރިސޯޓެއް ހަދަން އެރަށް އެއްކޮށް ބީލަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކަނިމީދޫގައި ރިސޯޓެއް ހެދުމަށް ސަރުކާރުގެ ވިސްނުން މިހާރު ހުރި ގޮތެއް ސާފުކުރުމަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ތ. ވޭމަންޑޫ ބޭރުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކަނިމީދޫގައި ރިސޯޓެއް ތަރައްގީކުރުމަށް އެ ރަށުގެ ބިމުގެ ބައެއް ބީލަމަށް ލުމަށް ނިންމާ ޓޫރިޒަމް މިނިސްޓްރީން އެ އިއުލާންކުރީ 2019 ވަނަ އަހަރު އެވެ.

މައުސޫމް ވިދާޅުވީ ކްރޮސް ސަބްސިޑީ އުސޫލުން ކަނިމީދޫގެ 10 ހެކްޓަރުގެ ބިމުގައި ޓޫރިޒަމް ތަރައްގީކުރުމަށް މީގެކުރިން ހުޅުވާލުމުން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ. އެހެންވެ ސަރުކާރުގެ މިހާރުގެ ވިސްނުމަކީ ތ. ވިލުފުށީގައި އަޅަން ނިންމާފައިވާ އެއާޕޯޓް އަޅައިދޭ ގޮތަށް ކަނިމީދޫގައި ރިސޯޓެއް ހެދުމަށް އެރަށް އެއްކޮށް ބަޔަކަށް ކުއްޔަށް ދިނުން ކަމަށެވެ.

ސަރުކާރުގެ އާ ވިސްނުމާ އެއްގޮތަށް ކަނިމީދޫ ކުއްޔަށް ދޫކުރަން ބޭނުންވާތީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ކަމާގުޅޭ އިދާރާތަކުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ތ. ކަނިމީދޫ ކުއްޔަށް ދިނުމުގައި ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ހާއްސަކޮށް ވިލުފުށި އެއާޕޯޓްތަރައްގީ ކުރެވޭ ގޮތަށް އެކަންތައް ކުރުން. އަދި ކްރޮސް ސަބްސިޑީ އުސޫލުން ތ. ކަނިމީދޫގައި ފަތުރުވެރިކަން ތަރައްގީކުރުމަށް އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތަކާ އެކީ ސަރުކާރުން މިހާރު ދަނީ މަޝްވަރާ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.

ތ. އަތޮޅުގައި މިހާރު ހިންގާ ހަމައެކަނި ރިސޯޓަކީ 152 އެނދުގެ ކޯމޯ ރިސޯޓެވެ. މީގެއިތުރުން ތ. އަތޮޅުގެ ފަސް ރަށެއްގައި ޖުމްލަ ހަ ގެސްޓް ހައުސް ހިންގާއިރު އެ ތަންތަނުގައި ޖުމްލަ 700 އެނދު އެބަހުއްޓެވެ.

ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ސަރުކާރުން އެންމެ ފަހުން ބީލަމަށްލީ ރަށްތަކުގެ ތެރޭގައި ތ. އަތޮޅުގެ ދެ ރަށް ކަމަށްވާ ކާއްޑޫ އާއި އޮޅުފުށި ހިމެނެ އެވެ. މި ދެ ރަށުގެ ތެރެއިން ޕްރޮޕޯސަލެއް ލިބިފައިވަނީ ކާއްޑޫ އަށެވެ. އެރަށުގެ ޕްރޮޕޯސަލް އޮތީ ދިރާސާކުރުމުގެ މަރުހަލާއެއްގަ އެވެ.

ތ. އަތޮޅުގެ ޓޫރިޒަމާ ގުޅޭގޮތުން މިނިސްޓަރު މައުސޫމް މިއަދު އިތުރަށް ވިދާޅުވީ އެ އަތޮޅަކީ ޓޫރިޒަމުން މިވަގުތު ނަފާ ލިބެމުންދާ އަތޮޅެއް ކަމަށް ސަރުކާރުން ވެސް ނުދެކޭ ކަމަށެވެ. އެހެންކަމުން ޓޫރިޒަމުން ވީހާވެސް ބޮޑު ފައިދާއެއް ތ. އަތޮޅުގެ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި އެ އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅައި ކަނިމީދޫގައި އަވަހަށް ރިސޯޓެއް ތަރައްގީކުރުމަށް ސަރުކާރުން ވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް ކަނިމީދޫގައި ރިސޯޓެއް ހެދުމަށް އަމަލީ މަސައްކަތް ފަށާނެ ތާރީހެއް މިނިސްޓަރު މައުސޫމް ހިއްސާކުރައްވާފައެއް ނުވެ އެވެ.