ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް

Aug 6, 2020
2

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހުހަށް އޮތް މިނިސްޓާ އޮފް ޓޫރިޒަމްގެ މަގާމަށް، ޑރ. ޢަބްދުﷲ މައުސޫމް، އިސް ކުރައްވައި، އޭނާއަށް މިއަދު މަަގާމުގެ ފަތްކޮޅު ދެއްވައިފި އެވެ.

އޭނާ އަލުން ވަޒީރު ކަމަށް މި ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގެ ގޮތުގަ އެވެ. މިއަދު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު އޭނާ މަގާމު ފުރުއްވާފައި ވެއެވެ.

މި ސަރުކާރާއެކު މައުސޫމް މިހާތަނަށް ހުންނެވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގަ އެވެ. -- ސަފީރުކަމުގެ މަގާމަށް މައުސޫމް ވަޑައިގެންނެވީ ފެބުރުއަރީ 18، 2019 އިގަ އެވެ. އޭގެ ކުރިން މައުސޫމް ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރެއްވި ޓްވީޓް

އޭނާއަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީގައި އާބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ހާއްސިލު ކުރައްވާފައިވާ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރެކެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެލާ ދާއިރާގެ މެމްބަރުކަމާއި ސަން އައިލެންޑް ރިސޯޓްގެ ކުރީގެ މެނޭޖަރުކަން ވެސް ކުރެއްވެވި މައުސޫމް މިއަދު ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިއަ ޖުލައި މަހުގެ ނުވަނަ ވަނަ ދުވަހު އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން ވަކިކޮށް ހަމަ އެދުވަހު އިކްނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ޓޫރިޒަމް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި އޮންނަތާ މަހެއްހާ ދުވަސް ފަހުންނެވެ.

މިއަދު އެ މަގާމަށް މައުސޫމް އައްޔަން ކުރައްވާފައި ވަނީ ކޮވިޑް-19 އާއެކު އައި ދިގުލޮކްޑައުނަށް ފަހު މިދިއަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ޓޫރިޒަމާއެކު އިގްސޯދު ފަށާފައިވާއިރު މިއަދާ ހަމައަށް އާއިރު ވެސް ޓޫރިޒަމް މިނިސްޓަރަކު ނެތުމުން އެކަމަށް ވަރަށް ބޮޑަށް ޓޫރިޒަމް އިންޑަސްޓްރީގަ އާއި އާންމުންގެ ތެރޭގައި ވެސް ފާޑުކިޔުންތައް އަމާޒުވެފައި ވަނި ކޮށެވެ. މީގެ އިތުރުން ކޯލިޝަންގެ ޕާޓްނަރުގެ ތެރޭގައި ގުރުއަތުލައިގެން ނަމަވެސް ޓޫރިޒަމަށް ވަޒީރަކު ލުމަށް އިދިކޮޅުން ވެސް ގޮލާފައި ވެއެވެ.

އެނގިފައިވާ ގޮތުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން ލަސްވީ ޖުމްހޫރީ ޕާޓީން އެ މަގާމަށް ހުށަހަޅާ ނަމަކީ މި ސަރުކާރުގައި ވަރަށް ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ކަމުދާ ނަމަކަށް އެ ނަމެއް ވާން ޖެހިގެނެވެ. އޭގެ އިތުރުން މައުސޫމް ސިންގަޕޫރުން ރާއްޖެ ވަޑައިގެން 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަން ޖެހި ވަޑައިގަތުމުން ވެސް މަގާމާ ހަވާލުވެ ވަޑައިގަތުން ލަސްވި އެވެ.