ކާށިދޫ

ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަނީ

Apr 4, 2022

ކ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ކާށިދޫ ފަޅުގައި ކޮންމެހެން ރިސޯޓެއް ހަދަންޖެހޭ ކަމަށް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ރިސޯޓް ހިންގާނެ ދެ މޮޑެލް އަކަށް މިހާރު މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކާށިދޫ ފަޅުގައި ރިސޯޓެއް ހެދުމަށް ޕްލޭނިން މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ މަޝްވަރާ ކޮށްގެން ތިން ސަރަހައްދެއް ބަލައި އެއް ސަރަހައްދު ޝޯޓްލިސްޓް ކޮށްފައިވާ ކަމަށެވެ.

"އޭގެ އިދާރީ މަސައްކަތްތައް ނިންމާލާފައި އަޅުގަނޑު ހިތުން އެރަށް ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓްގައި ވެސް އަދި އިންޓަގްރޭޓް މޮޑެލްގައި ވެސް ކާށިދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރެވިދާނެ ކަމަށެވެ.

ވަން އައިލެންޑް ވަން ރިސޯޓު ކޮންސެޕްޓުގައި ރަށް ތަރައްގީކޮށްފި ނަމަ އެ ރަށް އަންނާނީ ސަރުކާރުގެ ރަށްތަކުގެ ދަފްތަރަށެވެ. އިންޓަގްރޭޓް މޮޑެލްގައި ރަށް ތަރައްގީ ކުރުމުން އެ ރަށް ދާނީ ކާށިދޫ ކައުންސިލްގެ އިހްތިސޯސްގެ ތެރެއަށެވެ.