ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ ރިސޯޓުގެ މެނޭޖަރުކަމާއި ހިއުމަން ރިސޯސް މެނޭޖަރު ކަމާއި އެކައުންޓްސް މެނޭޖަރު ފަދަ މުހިންމު މަގާމުތައް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަގާމުތަކަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ގަރާރު މަޖިލީހަށް ތައާރަފު ކުރުމެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިފައިވާއިރު ރިސޯޓުގެ މެނޭޖަރުކަމާއި ހިއުމަން ރިސޯސް މެނޭޖަރު ކަމާއި އެކައުންޓްސް މެނޭޖަރު ފަދަ މުހިންމު މަގާމުތައް އަދިވެސް ގިނަ އަދަދަކަށް ފުރަމުންދަނީ ބިދޭސީންކަން ފާހަގަކޮށްފައިވެ އެވެ.
ގަރާރުގައި ބުނެފައިވަނީ މިފަދަ މުހިންމު ވަޒީފާތަކަށް ބޭނުންވާނޭ ދިވެހީންނަށް ތައުލީމާއި ތަމްރީނު ދެވޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި މިހާރު ހުންނަންވާނީ ފުރިހަމައަށް ގާއިމު ކުރެވިފައި ކަމަށް ދެކޭ ކަމަށެވެ.
މި ތިން މަގާމަކީ ސީދާ ދިވެހިން އިސްވެ ތިބެންޖެހޭ މަގާމުތަކެއްކަމުގައި ދެކޭ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
ގަރާރުގައި ބުނެފައިވަނީ ބައިގަރުނު ވެގެން ދިޔައިރުވެސް މިކަންކަމަށް ހައްލެއް ނުލިބި މިފަދަ ބޮޑެތި މަގާމުތަކުގައި ބޮޑު މުސާރައިގައި ބިދޭސީން ތިބުން ނިމުމަކަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށް މެންބަރުން ދެކޭ ގޮތެއް ހާމަވެގެން ދިއުމަކީ މުހިންމު ކަމެއްކަމުގައި ދެކޭ ކަމަށެވެ.