ހަބަރު

ކޭބަލް ކާރު މައްސަލާގައި އަސްލަމާއި ޖާބިރު ހޫނުވެއްޖެ

ކ. ކާށިދޫގައި ކޭބަލް ކާރު އަޅަން ސަރުކާރުން ހުރަސް އަޅާ ކަމަށް އެ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުމުން، އެ ވާހަކައަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ހޫނު ރައްދެއް ދެއްވައިފި އެވެ.

ގއ. ކޮލަމާފުށީގެ ބަނދަރު ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން އަސްލަމް މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެންފަ އެވެ.

މިނިސްޓަރާ އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ޖާބިރު ވަނީ ކާށިދޫގައި ކޭބަލް ކާރު އެޅުމުގެ ޕްލޭން ސަރުކާރަށް ހުށަހަޅާފައިވީ ނަމަވެސް، އެކަމަށް ސަރުކާރުގެ ޕްލޭނުގައި ހިމަނަން ދެކޮޅު ހަދަނީ ކީއްވެގެންތޯ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލުގެ ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޭބަލް ކާރު އެޅުމަކީ އެއްވެސް ގޮތަކަށް ފީސިބަލް ކަމެއް ނޫން ކަމަށާއި، އޭނާ މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް އެއްވެސް ގޮތަކަށް ގަބޫލެއް ނުކުރެވޭ ކާށިދޫ އިން އެއްވެސްތާކަށް ކޭބަލް ކާރު އެޅުމަކީ ފީސިބަލް ކަމެއް ކަމަކަށް. ރައްޔިތުންނަށް ވެސް ސާފުކޮށް އެނގެން ޖެހޭ ކިތަންމެ ބާރަށް ދެއްކިޔަސް އެއީ ވާނެ ކަމެއް ނޫން ކަން. އެއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ކަމަށް ވެސް،" ހަމަ ބުއްދީގައި ހުރެ، މިނިސްޓަރުގެ ހައިސިއްޔަތުން ފީސިބަލް ނޫން ކަމެއް ނުކުރައްވާނެ ކަމަށް ޖާބިރަށް ރައްދު ދެއްވައި އަސްލަމް ވިދާޅުވި އެވެ.

އަސްލަމްގެ ވާހަކަތަކާ ގުޅިގެން، ޖާބިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، "ޕެރިހުން ލަންޑަނަށް ވެސް" ކޭބަލްކާރު އަޅަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އެ ވާހަކައަށް ރައްދު ދެއްވައި، އަސްލަމް ވިދާޅުވީ، "ކާށިދޫއަކީ ޕެރިހެއް ނޫން،" ކަމަށެވެ.

ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅައިލުމަކީ ޖާބިރު މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެވަޑައިގަތް ވައުދެކެވެ.