ޕްލޭނިން އަދި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.
މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ހެނދުނު ފަށަން ހަމަޖައްސާފައި ވާއިރު މާދަމާގެ ޖަލްސާއަށް މިނިސްޓަރު އަސްލަމް ހާޒިރު ކުރަން ވަނީ ނިންމާފަ އެވެ. އެއީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، މިނިސްޓަރު އަސްލަމާ ސުވާލު ކުރަން ހުށަހަޅުއްވާފައިވާތީ އެވެ. އޭނާ އަސަލަމާ ސުވާލު ކުރައްވަނީ މާވަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފެށޭނެ ދުވަހެއް ސާފު ކުރާށެވެ.
މާދަމާގެ ޖަލްސާއަށް އަސްލަމް ހާޒިރު ކުރާ ދަނޑިވަޅަށް އިޝާރާތް ކުރައްވާ ޖާބިރު މިރޭ އާންމު ކުރެއްވި އޯޑިއޯ މެސެޖެއްގައި މިނިސްޓަރަށް ވަނީ ވަރުގަދަ އިންޒާރު ދެއްވާފަ އެވެ. އަދި މިނިސްޓަރު އަސްލަމަށް ނިސްބަތްކޮށް ވަރަށް ގިނަ ތަފާތު ވާހަކަތައް އެ އޯޑިއޯގައި ޖާބިރު ވާހަކަ ދައްކަވާފައި ވެއެވެ.
"އަސްލަމް! މާދަމާ މަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި .... [އެކަށީގެން ނުވާ ބަހެއް ވިދާޅުވެފައި] ކޮށްގެން ނެރޭނީ،" އަސްލަމަށް އިޝާރާތް ކުރައްވާ ޖާބިރު ވިދާޅުވެފައި ވެއެވެ. ޖާބިރު އަދި ވިދާޅުވީ މާދަމާގެ ޖަލްސާގައި އޭނާ ވެސް އަސްލަމާއި ސުވާލުތައް ކުރައްވާނެ ކަމަށެވެ.
"ރާއްޖޭގެ އެއްވެސް ކަމެއް ކަލެއަކަށް [މިނިސްޓަރު އަސްލަމް] ނުވިކަން. ކަލޭ ސއކ ބޭފުޅަކާއެކު މާ މަތިން ތި އޮޕަރޭޓް ކުރަނީ. އަސްލަމަށް އެނގެންވާނެ މާދަމާ ހެނދުނު އަބްދުﷲ ޖާބިރު ސުވާލު ކުރާނެކަން،"
މީގެ ކުރިންވެސް ސިޔާސީ އެކި ބޭފުޅުންނަށް ވަރަށް ބޭއަދަބީކޮށް އަދި ހުތުރު ބަހުން ޖާބިރު ވާހަކަ ދައްކާ އަޑުއިވޭ އެތަށް އޯޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެ އޯޑިއޯތަކާއި ގުޅިގެެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ޖާބިރަށް އަމާޒުވެއެވެ.