އެމްޑީޕީ

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ފާލު ނެއްޓިފައި!

ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ އެމްޑީޕީ އަށެވެ. ޝަރުއީ ދާއިރާއަކީ ގާނޫނުއަސާސީގައި ވަކިކޮށްދީފައިވާ ދައުލަތުގެ ބާރަކަށްވީ ނަމަވެސް އެ ބާރުވެސް އޮތީ މަޖިލީހުގެ ކޮންޓްރޯލް އޮތް އެމްޑީޕީގެ އަތުގަ އެވެ. އެ ހުރިހާ ބާރެއް އޮވެ އެމްޑީޕީން ރައްޔިތުންނަށް ހާސިލްކޮށް ދޭން ވައުދުވި މުހިއްމު ކަންކަން ހާސިލްކޮށްދިނުމަށް އޮއްޓަރު ހުރި މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ.

އެމްޑީޕީގެ ވައުދުތައް ފުއްދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރެވޭނީ ސަރުކާރަށެވެ. އޭގެ ފަހުގައި އެ ދައުރު އަދާ ކުރެވޭނެ ދެވަނަ ފަރާތަކީ އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮތް މަޖިލީހެވެ. އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުންގެ އަމަލުތަކާއި ބަސް މަގު ހުރީ ސީދާ ސަރުކާރު ބަލިކޮށްލައި ފަލީހަތްކޮށް އިތުބާރު ގެއްލުވާލާ ގޮތަށެވެ. އެއީ ވަކި ބޭފުޅެއްގެ ސިޔާސީ މަންފާއަށް ކުރައްވާ ކަމެއްކަން އެނގޭ ވަރަށް އެފަދަ މެންބަރުންގެ ބަސްމަގު ސާފެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް އެ ޕާޓީ އޮތީ ދެފަޅިވެފަ އެވެ. އެކަން އެންމެ ބޮޑަށް އެނގެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ތެރެއިންނެވެ. އެ ގުރޫޕްގައި މިވަގުތު ތިއްބެވި ބޭފުޅުންނަކީ ކޮން ބޭފުޅެއްގެ ސަޕޯޓަރުންކަށް އެނގޭ ވަރަށް ކަންކަން މިހާރު ހުރީ ތިލަވެފަ އެވެ. މަޖިލިސް ތެރޭގައި ގުޅިގެން މަސައްކަތް ކުރަންޖެހޭ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ވަނީ ބައިބައިވެފަ އެވެ.

ރައްޔިތުން މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިދިޔަ ހަފުތާ މަޖިލީހަށް ހުށަހެޅުއްވި މައްސަލައެއް ބަލައިގަތުމުގައި ވެސް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ސާފު ނިންމުމެއް އޮތެވެ. އެ މައްސަލަ އަށް މެންބަރުން ރަތް ޖައްސަވައި މައްސަލަ ބޭރު ކޮށްލުމެވެ. އެކަމަކު ވިޕްލައިނާ ހިލާފަށް އެމްޑީޕީގެ އެންމެ ސީނިއާ ބައެއް މެންބަރުން ވޯޓު ދެއްވައިގެން މައްސަލަ ބަލައިގަތެވެ. ވޯޓު ދެއްވި މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ މެންބަރުންނެވެ. މީގެތެރޭގައި ރައީސް ނަޝީދަށް ބޮޑު ބޭބެ ވިދާޅުވާ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވެސް ހިމެނެ އެވެ.

ސައީދު ހުށަހެޅުއްވީ ލ. ގަމުގެ ރީޖަނަލް ހޮސްޕިޓަލްގެ ހިންގުން ބޮންސުއްލާފައިވާ ކަމަށް ވިދާޅުވެ އެކަމަށް ހައްލެއް ހޯދުމަށް ގޮވާލައި ހުށަހެޅުއްވި މައްސަލަ އެކެވެ. މައްސަލަ އަކީ ރައްޔިތުންނާ ގުޅިފައިވާ މައްސަލަ އެކެވެ. ނަމަވެސް ސަރުކާރު ހިންގާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން ސިޔާސީ ގޮތުން އެމްޑީޕީން ނިންމާނެ ނިންމުންތަކެއް ހުންނާނެ އެވެ. އެމްޑީޕީން އެ މައްސަލައިގައި ވިޕްލައިނެއް ނެރުނީ ވެސް ސިޔާސީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުގަ އެވެ. އެކަމަކު ޕާޓީގެ ވިޕްލައިނާ ހިލާފަށް އެމްޑީޕީގެ ބައެއް މެންބަރުން އެ މައްސަލަ ބަލައިގަތީ ސަރުކާރަށް ފާޑުކިޔައި މަލާމާތްކޮށް ފަލީހަތްކޮށްލުމަށެވެ. އެ ބަހުސްގައި ބައެއް މެންބަރުން ދެއްކެވި ވާހަކަފުޅުން އެކަން ޔަގީންކޮށްދެ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެސް ފެނިގެން ދިޔައީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ފެކްޝަނުން "ކްރެޑިޓް" ނެންގެވުމުގައި ވަގުތު ހޭދަކުރި މަންޒަރެވެ. ރާއްޖޭގެ ކޮވިޑް ހާލަތު ރަނގަޅަށް ދިޔައީ މަޖިލީހުން ކުރި މަސައްކަތުން ކަމަށް ދޭހަވާ ގޮތަށް ރައީސް ނަޝީދު އިސްވެ ވާހަކަފުޅު ދެއްކެވި އެވެ. އެކަމަށް ރައްދު ދެއްވި ރައީސް ސޯލިހްގެ މެންބަރުންނަށް އެ ވާހަކަފުޅު ކަމަކު ނުދިޔަ އެވެ. އެބޭފުޅުން ވިދާޅުވަމުން ގެންދެވީ ކޮވިޑްގެ ހާލަތު ރަނގަޅުކުރުމުގެ ހުރިހާ ކްރެޑިޓެއް ވެސް އޮތީ ރައީސް ސޯލިހާއި ސަރުކާރަށް ކަމަށެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ވަގުތުތައް މަޖިލީހުގައި މިހާރު ދުއްވާލަނީ ކަންކަމުގައި މެޑަލް ޖެހުމާއި ފަލީހަތް ކުރުމުގަ އެވެ. އެއީ ރައްޔިތުންނަށް އެމްޑީޕީން ކަންކުރާނެ ކަމަށް ބުނި ގޮތެއް ނޫނެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާއި ދެކޮޅަށް އަމަލު ކުރައްވާ މެންބަރުންނަށް މީގެކުރިން ފިޔަވަޅު އަޅަ އެވެ. އެގޮތުން ބައެއް މެންބަރުން ޕާޓީން ވަކިކޮށްފައި ވެސް ވެއެވެ. އެކަމުގެ އެއް މިސާލަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކެވެ. ނަމަވެސް މިފަހުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކާ ދެކޮޅަށް ވޯޓު ދެއްވާ މެންބަރުންނަށް ފިޔަވަޅު އަޅާ މަންޒަރެއް ވެސް ނުފެނެ އެވެ. އެއީ ޕާލަމެންޓްރީ ގުރޫޕްގެ ކޮންމެ މެންބަރަކު ވެސް ހުންނަވަނީ ރައީސް ނަޝީދު ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ހިޔަނީގައި ކަމަށްވުމުންނެވެ. ރައީސް ނަޝީދާއި ރައީސް ސޯލިހް، އެމްޑީޕީގެ ގުނަންތައް ދާދި އެއްވަރަކަށް ކޮންޓްރޯލް ކުރައްވާތީ މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުންކުރައްވާ މެންބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތެއް ނުފެނެ އެވެ. ފިޔަވަޅު އެޅުނަސް އޮއްޓަރު ހުރި ނިންމުމަކަށް އެކަމެއް ނުވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތަކަށް ބައެއް މެންބަރުން ގޮންޖައްސަވާތީ އެ ގުރޫޕްގެ މިހާރުގެ ލީޑަރު މުހައްމަދު އަސްލަމް ވެސް ކަންބޮޑުވެވަޑައިގަންނަވަ އެވެ. ޕާލަމެންޓްރީ ގުރޫޕްގެ ވަކި ނިންމުމެއް ވަކި މައްސަލައެއްގައި އޮތް ނަމަ އެގޮތަކަށް އަަމަލު ކޮށްދެއްވުމަށް އަސްލަމް ވެސް އެދިވަޑައިގެންފައިވެ އެވެ.

"އަޅުގަނޑުމެން ދެން އެކަން ވާހާކަ ދައްކާ، މަޝްވަރާ ކޮށްގެން ހައްލު ކުރާނީ. މީގައި މަޝްވަރާ ކުރުން ވަރަށް މުހިއްމު،" އަސްލަމް ވިދާޅުވި އެވެ.

ސިޔާސީ ތަޖުރިބާ ބޮޑު ބޭފުޅަކަށް އަސްލަމް ވެވަޑައިގެންނެވި ނަމަވެސް އޭނާ އަށް ވެސް އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް ހަމައަކަށް އަޅުއްވާލެއްވޭ ވަރެއް ނުވެ އެވެ. އެކަން ކުރިއަށް އޮތް ދުވަސްތަކުގައި ދެން ވެދާނެ ކަމަކަށްވެސް ނުފެނެ އެވެ.

ކުރިއަށް އޮތީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި ކޮންގްރެސް ކަމަށްވާތީ ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ފެކްޝަންގެ ވާދަވެރިކަން ދެން ދާނީ ބޮޑުވަމުންނެވެ. ދެ ބޭފުޅުންނަކީ ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށްޓަކައި އެމްޑީޕީގެ ޓިކެޓަށް މަސައްކަތް ކުރައްވާ ދެ ބޭފުޅުންނެވެ. މިހުރިހާ ސިޔާސީ ކޯޅުމެއްގެ އުދާސްގަނޑު އެންމެ ބޮޑަށް ފެންނާނީ މަޖިލިސް ތެރެއިންނެވެ. މި ދެ ބޭފުޅުންގެ ސިޔާސީ ހަނގުރާމަ އެންމެ ބޮޑަށް ހިންގާލާނީ ވެސް މަޖިލީހުގެ ތަޅުމުގަ އެވެ. އެންމެ ބޮޑަށް ފަޅިފަޅިވެ ކުދިވާން އޮތީވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕެވެ.