އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ގައުމުތަކަށް އަސްކަރީ އުޅަނދާއި އާލާތްތައް ވިއްކުމުގައި ގެންގުއްވާ ސިޔާސަތުގެ ދަށުން ބަލްގޭރިއާއަށް އެފް16 އިގެ އަށް ފައިޓަރު ޖެޓް ވިއްކަން ހުއްދަ ދީފި އެވެ.
މިއީ ދެ ގައުމުގެ ގާތްކަމަށް ބަލައިގެން ހަދާ ޑީލެއް ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި އެވެ.
އެމެރިކާގެ ޑިފެންސް ސެކިޔުރިޓީ ކޯޕަރޭޝަން އޭޖެންސީ (ޑީއެސްސީއޭ) އިން ބުނާ ގޮތުން އެފް16 އިގެ ޖެޓްގެ އިތުރުން މިޑީލްގައި ސިފައިން ތަމްރީންކުރަން ބޭނުންވާ ސާމާނާއި މިސައިލް ފަދަ އަސްކަރީ ފެންވަރުގެ ވަރަށް ސާމާނު ހިމެނެ އެވެ.
ޑީއެސްސިއޭއިން ބުނާ ގޮތުން ބަލްގޭރިއާއަށް ހަތިޔާރާއި އަސްކަރީ އުޅަނދު ވިއްކުމުގެ ބޭނުމަކީ އަސްކަރީ ގޮތުން ބަލްގޭރިއާ ގާބިލުކުރުވުމެވެ.
ވާދަވެރި ގައުމުތަކުން ޔޫރަޕަށް ކުރިމަތިވެފައި އޮތް ނުރައްކާތެރިކަމުން ސަލާމަތްކުރުމަށް ޔޫރަޕަށް ހަތިޔާރު ބޭނުންވާ ފަދައިން ބަލްކަން ސަރަހައްއްދަކީ ވެސް ގާބިލު ސަރަހައްދަކަށް ވާން ޖެހެ އެވެ.
ބަލްގޭރިއާ ބުނާ ގޮތުން އަސްކަރިއްޔާ ޒަމާނީ ކުރުމަށް ހޭދަކުރުމަކީ ގައުމަށް ބޭނުން ޖެހިފައި އޮތް ކަމަކެވެ. އަދި އަސްކަރިއްޔާށް ހޭދަކުރެވޭ ފެންވަރު މާލިއްޔަތުގައި ހުރި ކަމަށް ވެސް ބުނެ އެވެ.
އެމެރިކާގެ ޑިފެންސް މިނިސްޓްރީން މި ކޮންޓްރެކްޓާ ހަވާލުވި ނަމަވެސް ހުރިހާ މަސައްކަތެއް އަމަލީ ގޮތުން ކުރާނީ އެމެރިކާގެ ލޮކްހީޑް މާޓިން އެވެ.