ރައީސް މުހައްމަދު ނަޝީދު

ކޮމިޓީގައިވާ ބިލްތައް އަވަސްކޮށްދޭން އެދިވަޑައިގެންފި

Apr 5, 2022

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ތަކުގައި ހުރި މަސައްކަތްތައް އަވަހަށް ނިންމައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ބިލްތައް ނިންމަން ހޭދަކުރާނެ މުއްދަތު ކުޑަކުރަން މެންބަރުންގެ އަމާޒެއް އޮންނަން ވާނެ ކަަމަށެވެ. އަދި މަޖިލީހުގެ އިދާރާ އިން އެކަމަށް ގަދަ އަޅާ މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވި އެވެ.

"އެގޮތް ގޮތް ބައްލަވައިގެން މަސައްކަތް ހަލުވި ކުރެއްވުމަކީ ބޭނުންތެރިކަމެއް،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގެ އެކި ކޮމިޓީތަކުގައި 25 ބިލް އެބައޮތެވެ.

ކޮމިޓީ ތަކުގައި ހުރި ބިލްތައް ނުނިމި ގިނަ ދުވަސް ވުމުގެ ބަދަލުގައި ބިލްތައް އަވަހަށް ނިންމެލޭވެނެ ފަދަ ވިސްނުމެއްް މެންބަރުން ގެންގުޅުއްވުމަކީ ބޭނުންތެރިކަމެއް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވަނީ ބިލްތަކުގެ މަސައްކަތް ކޮމިޓީގައި ކުރިއަށްދާއިރު އެ ބިލެއްގެ އިދާރީ މަސައްކަތްތަކަށް މެންބަރުން ވިސްނެވުމުގެ ބަދަލުގައި އެ ބިލެއްގެ މަފްހޫމަށް ވިސްނަވާ މަޝްވަރާކުރައްވައިގެން މަސައްކަތް ނިންމުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"އިދާރީ މަސައްކަތް އިދާރީ ބޭފުޅުންނަށް ދޫކޮށްލުމަކީ އަޅުގަނޑު ހިތުން މިބާވަތުގައި މަސައްކަތް ކުރާ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅާ ބައެއް ބިލްތަކުގެ މަސައްކަތް ނުނިމި ދިގުލައިގެންދާތީ މީގެކުރިން ވެސް ރައީސް ނަޝީދު ވަނީ ކޮމިޓީގެ މަސައްކަތްތައް އަވަސްކޮށްދިނުމަށް މެންބަރުންނަށް ދަންނަވާފަ އެވެ.