ހަބަރު

ފަސް އަހަރުގެ ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި 88 އަހަރުގެ މީހަކު ހައްޔަރުކޮށްފި

Jan 20, 2015

ފަސް އަހަރުގެ އަންހެން ކުއްޖަކާ ބެހުނު މައްސަލައެއްގެ ތުހުމަތުގައި އުމުރުން 88 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ކަމަށެވެ.

އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި 10 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

މީގެ އަހަރުތަކެއް ކުރިން 2009 ގައި އަމަލުކުރަން ފެށި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައިވެ އެވެ. އަދި އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން އެފަދަ އަމަލެއް ކުޑަކުއްޖަކާ މެދު ހިންގައިފި ނަމަ އިތުރަށް އަދަބު ބޮޑުވެ އެވެ.