ޔޫތު މިނިސްޓްރީ

ތަރައްގީކޮށް ނިމުމުން ރަސްމީ ދަނޑު އޮންނާނެ ގޮތް ދައްކާލައިފި

މާލޭގެ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިމުމުން އެތަން ފެންނަން ހުންނާނެ ގޮތުގެ ކުރެހުންތައް އާންމުކޮށްފި އެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން މި އަހަރަށް ކަނޑައަޅާފައިވާ ކުޅިވަރުގެ އެންމެ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވީ މިއަހަރަށް މަޖިލީސް ހުޅުވުމަށް ފެބްރުއަރީ 3، 2022 ގައި ދެއްވެވި ރިޔާސީ ބަޔާނުގައެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވަނީ ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑު ތަރައްގީކޮށް ނިމުމުން އެތަން ފެންނަން ހުންނާނެ ގޮތުގެ ކުރެހުންތައް އާންމުކޮށްފައެވެ. މިނިސްޓަރު ވަނީ ހަތަރު ކުރެހުމެއް އާންމުކޮށްފައެވެ.

އެގޮތުން މަތީން ދަނޑު ފެންނާނެ ގޮތާއި ބޭރުން ދަނޑު ފެންނަން ހުންނާނެ ގޮތް އަދި ދަނޑުގެ އެތެރެއާއި ސިޑިބަރި ހުންނާނެ ގޮތް ކުރެހުމުން ފެނެއެވެ.

މިނިސްޓަރު ވިދާޅުވީ ގަލޮޅު ދަނޑު ތަޅާލާ އައު ދަނޑެއް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށާ މިއީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓުކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށެވެ.

ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 40 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ހަމަޖައްސާފައިވާތީ އެ ލޯނުން ބައެއް މިއަހަރު ލިބޭނެ ކަމަށް ބަލައި ގަލޮޅު ދަނޑު ތަރައްގީކުރުމަށް ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި 55 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އަދި ދަނޑުގެ މަސައްކަތް މުޅިން ނިންމާލުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިތުރު 10 މިލިއަން ރުފިޔާ ހިމެނުމަށްވެސް ނިންމާފައިވެ އެވެ.

ގަލޮޅު ދަނޑުގެ ދެކުނު ފަރާތާއި އިރުމަތި ފަރާތުގެ ސިނޑި ބަރި ގިނަ ދުވަސްވުމާ ގުޅިގެން އެ ދެ ސިނޑި ބަރި ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން މީގެކުރިން އަންގާފައިވާތީ މީގެ ދެ އަހަރެއް ކުރިން އެ ސިނޑި ބަރި އާންމުކޮށް ބޭނުންކުރުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ބައެއް ހާއްސަ އިވެންޓްތަކަށް ވަރަށް މަދުން ބޭނުންކޮށްފައިވެ އެވެ.

ދެކުނު ސިނޑި ބަރީގެ ދަށުގައި ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ އޮފީސްތަކާއި ސްޕޯޓްސް މިނިސްޓްރީގެ ބައެއް ގުދަންތައް ހުރެ އެވެ. އަދި ޔޫތު މިނިސްޓްރީގެ އެކޮމަޑޭޝަން ބްލޮކް ވެސް ހުންނަނީ ދެކުނު ސިނޑި ބަރިއާ ދިމާލުގަ އެެވެ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މީގެކުރިން ވިދާޅުވި ގޮތުގައި ސަރުކާރުގެ ވިސްނުމަކީ ގަލޮޅު ދަނޑު އަވަސް އަވަހަށް މަރާމާތު ކުރުމުގެ ބަދަލުގައި އެ ދަނޑު ތަޅާލައި އާ ދަނޑެއް އެތަނުގައި އެޅުމެވެ.

ގަލޮޅު ދަނޑު މަރާމާތުކުރަން ފެށުމުން ގައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި މިހާރު ހަދާފައިވާ ޓާފް ދަނޑުތަކާއި ހުޅުމާލޭގައި ނިންމަމުންދާ ޓްރެކް ދަނޑު ބޭނުންކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.