ލައިފްސްޓައިލް

ދުވަސްވީ ދެ މީހަކަށް ލޯބި ލިބުނީ ހަޔާތުގެ ފަހުކޮޅު

ލޯބިވާކަށް ވަކި އުމުރެއް ނެތްކަންއިންޑިއާގެ ވެސްޓް ބެންގާލްގެ ނާދިއާގައި ދިރއުޅުނު އުމުރުން ދުވަސްވީ ދެ މީހަކު ސާބިތު ކޮށްދީފި އެވެ.
ސުބްރާތާ ސެންގުޕްތާ އާއި އަޕަރްނާ ޗަކްރަބަތީ ފުރަތަމަ ފަހަރަށް ބައްދަލުވެފައިވަނީ ރަނާގަޓްގައި ހުންނަ މުސްކުޅިން ބައިތިއްބާ ތަނަކުންނެވެ. އެ ތަނުން ބައްދަލުވެ ދެ މީހުންނަށް ލޯބި ވެވި ރަސްމީކޮށް ކައިވެނިކުރަން ނިންމީ އެވެ.

ސުބްރާތާއަކީ 70 އިގެ އަހަރުތައް ގުނަމުންދާ މީހެކެވެ. ޓްރާންސްޕޯޓް ޑިޕާޓްމަންޓްގައި ގިނަ ދުވަސް ތަކަކު މަސައްކަތްކުރުމަށްފަހު ރިޓަޔަ ވެގެން 2019ގައި މުސްކުޅިން ބައިތިއްބާ ގެޔަށް އޭނާ އައީ ހަޔާތުގެ ބާކީ ބައި އެ ގޭގައި ހޭދަ ކުރުމަށެވެ.

އަޕަރްނާ އަށް 65 އަހަރެވެ. ކޮލްކަތާގައި ހުންނަ ޕްރޮފެސަރެއްގެ ގޭގައި އޭނާ 30 އަހަރުދުވަހު މަސައްކަތް ކޮށްދީފައި ވެއެވެ. އަޕަރްނާ ވެސް އަޅާލާނެ މީހަކު ނެތުމުން މުސްކުޅިން ތިބޭ ގެޔަށް ދިޔައީ އެވެ.

މުސްކުޅިން ތިބޭ ގެއަށް އަޕަރްނާ އާއި ސުބްރާތާ ބަދަލުވީއިރު ދެ މީހުންވެސް ތިބީ ހުހަށެވެ. އަދި އެމީހުންނަށްޓަކައި ތަގްދީރުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް އެމީހުންނަކަށް ނޭނގެ އެވެ.

މި ދެ މީހުންނަކީ ވަރަށް ދުވަސްވީ ދެ މީހުންނަށް ވިޔަސް ދެ މީހުންގެ ލޯބީގެ ޒުވާން ޖޯޑެއްގެ ލޯބީގެ ވާހަކައަކަށް ދުލެއް ނުކުރެ އެވެ. ސުބްރާތާ އެންމެ ކުރިން އަޕަރްނާ ކައިރީ ކައިވެންޏަށް އެހީ 2019 ގައެވެ. ނަމަވެސް އެ ފަހަރު އަޕަރްނާ އެއްބަހެއް ނުވި އެވެ. އެކަމާ ސުބްރާތާގެ ހިތް ހަލާކުވެ މުސްކުޅިން ބައިތިއްބާ ގެއިން ނުކުމެގެން ގޮސް އެތާ ކައިރީ ތަނަކުން ކޮޓަރިއެއް ކުއްޔަށް ހިފައިގެން ދިރިއުޅެން ފެށި އެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކުއްލިއަކަށް ސުބްރާތާ ވަރަށް ބަލިވި އެވެ. އަދި އަޕަރްނާ އަށް މި ޚަބަރު ލިބުނެވެ. އަދި ސުބްރާތާ ބަލިކަން އެނގުމުން އޭނާ ކައިރިއަށް ހާލު ބަލަން ނުގޮސް އަޕަރްނާ އަކަށް ކެތެއް ނުވި އެވެ.

ސުބްރާތާ ދިރިއުޅޭ ތަނަށް އަޕަރްނާ ގޮސް ސުބްރާތާއަށް ޚިދުމަތް ކޮށްދޭން ފެށި އެވެ. އެކަކު އަނެކަކަށް ބޭނުން ޖެހިފައިވާ މިންވަރު އެމީހުންނަށް އިހްސާސްކުރެވުނީ އެ ދުވަސްވަރު އެވެ. އަދި އަޕަރްނާގެ ބޭނުން ސުބްރާތާ އަށް ވަރަށް ބޮޑުކަން އަޕަރްނާ އަށް ވިސްނުނެވެ. އެހެންވެ ކައިވެންޏަށް އެއްބަސްވީ އެވެ.

ބެންގާލްގެ ރަށްފުށު ހިސާބުގައި ދުވަސްވީ މީހުން ކައިވެނި ކުރުމަކީ އެއްގޮތަކަށް ވެސް ކޮށް އުޅޭ ކަމެއް ނޫނެވެ. އެ މުޖުތަމައުގައި މިކަމަކީ ވަރަށް ހަޑި ހުތުރު އަމަލެއްގެ ގޮތުގައި ދެކެ އެވެ. ނަމަވެސް މީހުން ކިޔާފާނެ އެއްޗަކަށް ކޮށްފާނެ ކަމަކަށް ބެލުމެއް ނެތި އަޕަރްނާ އާއި ސުބްރާތާ އެ މީހުން ދިރިއުޅުނު އޯލްޑް އޭޖް ހޯމްގެ އެންމެ އިސް ވެރިޔާ ގޯރްހަރީ ސަރުކާރުގެ ކައިރިއަށް ގޮސް ކައިވެނި ކުރުމަށް އެ ދެ މީހުންގެ ހިތުގައި އޮތް ޝައުގުވެރިކަން ފާޅު ކުރި އެވެ.

ކޯޓުގައި ރަޖިސްޓްރީކޮށް ދެ މީހުންގެ ކައިވެނި ކޮށްދީފައިވަނީ ގޯރްހަރީ ސަރްކާރްގެ ހާޒިރުގަ އެވެ. މިއީ ދެ މީހުންގެ ވެސް އަލަތު ކައިވެންޏެވެ.