އެމްއެންޑީއެފް

އާ އަހަރު ފެށުން ފާހަގަކުރަން ހަވާ އަރުވާނެ: އެމްއެންޑީއެފް

އާ އަހަރުގެ ފެށުމާއި "ވިޒިޓް މޯލްޑިވްސް އިޔާ" ފެށުން ފާހަގަ ކުރަން ހަވާ އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އާހަރު ފަށާ ރޭ ހަވާ އަރުވަނީ ހަވާ ނާރުވާތާ ގިނަ ދުވަސްތަކެއް ވުމަށްފަހު އެވެ. އެންމެ ފަހުން ހަވާ އަރުވާފައި ވަނީ މިނިވަން ދުވަސް ރަސްމިއްޔާތުތަކުގެ ތެރޭގަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިމަހުގެ 31 ވާ ދުވަހުގެ ރޭ އާ އަހަރުގެ ކައުންޑައުން ގުނާއިރު ބަޑިބޭހުގެ ކުޅިވަރު އޮންނާނެ ކަމަށެވެ. ނަމަވެސް ހަވާ އަރުވާނީ ކޮން ތަނެއްގައި ކަމާއި، އަރުވާނީ ކިހާ އިރަކަށް ކަން އަދި ބުނަން ނޭނގޭ ކަމަށެވެ. 

"ފަޔާވޯކްސް [ހަވާ] އަރުވާ ގޮތަށް މިފަހަރުވެސް ޕްލޭންކޮށްފަ އޮތީ. އެކަމަކު އެއީ ކޮން ގޮތަކަށް ކޮންތާކު ކަމެއް އެހެން ބުނަން އަދި ނޭނގޭ،" އޭނާ ވިދާޅުވި އެވެ.

ހާއްސަ ހަފުލާތަކާއި މުނާސަބާތަކުގައި ހިތްގައިމު އެކި ކުލަތަކުގެ ހަވާއެރުވުން ރާއްޖޭގައި އާންމުވެފައިވަނީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެވެ. އެކަމަކީ ރައީސް ޔާމީންގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އަހުމަދު އަދީބު ހާއްސަ އިސްކަމެއް އިސްކަމެއް ދެއްވައިގެން ކުރެއްވި ކަމެކެވެ. އެހެންކަމުން އަދީބަށް މަގާމު ގެއްލުމުން ކުރިއެކޭ އެއްގޮތަށް ހަވާ އަރުވާނެ ކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. 

ބަޑިބޭހުގެ ކުޅިވަރުތަކާއެކު މިއަހަރެކޭވެސް އެއްގޮތަށް، އާ އަހަރުގެ ފެށުން ވެސް ވަރަށް ކުލަގަދަ ވާނެ ކަމަށް ބެލެވެއެވެ. މިއަހަރުގެ "ވިޒިޓް މޯލްޑިވްސް އިޔާ" ފެށުމަށް 31 ވަނަ ދުވަހުގެ ރޭ ބާއްވާ ވިޒިޓް މޯލްޑިވްސް އިޔާގެ ޝޯއަށް ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ރާއްޖެ އަންނާނެ އެވެ. އަދި އިންޑިއާގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމް ގެނެސްދޭ ޒީޓީވީގެ "ޑާންސް އިންޑިއާ ޑާންސް"ގެ ނެށުންތެރިންވެސް އެ ޝޯއަށް ރާއްޖެ އަންނަ ގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.