ލައިފްސްޓައިލް

ދެ ފައި ނެތް ޒުވާނެއްގެ ނަމޫނާ އެކުވެރިން!

ރަނގަޅު އެކުވެރިންނަކީ ކޮންމެ އިންސާނަކަށް ވެސް ލިބޭނެ ވަރަށް ބޮޑު ނިއުމަތެކެވެ. އިންޑިޔާގެ ކޮލެޖެއްގައި ކިޔަވާ މި ފިރިހެންކުއްޖާ އާއި އޭނާގެ އެކުވެރިންގެ ވާހަކައަކީ މީގެ ރަނގަޅު މިސާލެކެވެ. އަދި ރަނގަޅު އެކުވެރިން ލިބިއްޖެނަމަ ކިތަންމެ އުނދަގޫ ދިރިއުޅުމެއް ވެސް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާކަން މި ކުއްޖާގެ ވާހަކައިން ސާބިތުވެ އެވެ.

އަލިފު މުހައްމަދު އަކީ ކެރެލާގެ ކޮލެޖެއްގެ ދަރިވަރެކެވެ. އަލިފަކީ އުފަންވީއިރު ވެސް ދެފައި ނެތް ކުއްޖެކެވެ. ނަމަވެސް ދެ ފައި ނެތުމަކީ ތައުލީމު ހާސިލު ކުރުމަށް އަލިފަށް އޮތް ހުރަހެއް ކަމަކަށް އޭނާ ނުދެކެ އެވެ. އަދި މަތީ ތައުލީމު ހާސިލު ކުރުމަށް އޭނާ ކުރާ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުން ދަނީ ގާތް އެކުވެރިންގެ ފަރާތުންނެވެ.

"ހަގީގީ އެކުވެރިންނަކީ ކަމަކާ ޖެހޭ ވަގުތު އެހީތެރިވާ އެކުވެރިންނޭ" ބުނެ އުޅެ އެވެ. އެގޮތުން އަލިފުގެ އެކުވެރިންނަކީ ހަގީގަތުގައި ވެސް އޭނާ ދެކެ ލޯބިވާ އޭނާ އާ އަޅާލާ އެކުވެރިންކަން އެކުދިން ވަނީ އަމަލާ ބަހުން ދައްކާފަ އެވެ. އަލިފުގެ ހުރި ނުކުޅެދުންތެރިކަމާއެކު ވެސް އޭނާގެ އެކުވެރިން އަލިފަށް ކިޔަވަން ކްލާހަށް ގެންގޮސްދީ ގެނެސްދީ ހަދަނީ އުފަލާ އެކުގަ އެވެ.

ކެރެލާގެ ކޮއްލަމް ޑިސްޓްރިކްޓްގައި ހުންނަ ޑީބީ ކޮލެޖުގެ ބީކޮމް އަލިފު އެއް ކްލާހުން އަނެއް ކްލާހަށް ގެންގޮސްދީ ހަދަނި ވެސް އޭނާއާއެކު އެއް ކްލާހެއްގައި ކިޔަވާ ދެ އެކުވެރިންނެވެ.

އަލިފުގެ ދެ އެކުވެރިންނަކީ ޒުވާން ދެ އަންހެންކުދިންނެވެ. އަރްޗަނާ އާއި އާރްޔާ އެވެ. މި ކުދިން އަލިފު އުފުއްލާލައިގެން އެއް ކްލާހުން އަނެއް ކްލާހަށް އެއް ތަނުން އަނެއް ތަނަށް ގެންގޮސްދެ އެވެ.

މި ކުދިން އަލިފު އުފުލާލައިގެން ގެންދާ ވީޑިއޯއެއް މިހާރު ވައިރަލް ވެފައިވާއިރު ވީޑިއޯ ޝޫޓްކުރި މީހާ ކަމަށްވާ ޖަގަތު ތުލަސީދަރަން ބުނީ އަލިފުގެ އެކުވެރިން އޭނާ އުފުއްލައިގެން ތަންތަނަށް ގެންދާ މަންޒަރަކީ އެ ކޮލެޖުން އާއްމުކޮށް ފެންނަ މަންޒަރެއް ކަމަށެވެ.