އެޗްއައިވީ ޕޮޒިޓިވްވާ މީހުންނަށް މުޖުތަމައުގައި ދިރިއުޅުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެއެވެ. އެމީހުންނާ ދޭތެރޭ ގެންގުޅޭ ތަފާތު ކުރުންތަކާއި އެކަހެރި ކުރުންތަކުގެ ސަބަބުންނެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ރައްދު ކުރާތީ އެވެ.
މުޖުތަމައުގައި ހުރި މިކަހަލަ ނޭދެވޭ ކަންކަމާ ހަނގުރާމަކޮށް އެޗްއައިވީ މީހުންނަށް ވެސް އެނޫން މީހުންނެކޭ އެއްގޮތަށް ދިރިއުޅުމުގެ ހައްގު އޮތްކަން ސާބިތު ކޮށްދިނުމުގެ މަސައްކަތް ބަލިޖެހިފައިވާ ބަޔަކު މިހާރު ވަނީ ފަށާފަ އެވެ.
އެޗްއައިވީ މީހުންނޭ ކިޔާފައި ހަރުކަށިކޮށް ކަންތައް ކުރަން ނުޖެހޭނެކަމުގެ ހޭލުންތެރިކަން އިތުރު ކުރުމަށް އިންޑިޔާގެ ޗައިލްޑް ރައިޓްސް އެކްޓީވިސްޓް ޑރ. ކައްލޯލް ގޯޝް އިސް ނަންގަވައިގެން ފަށާފައި ވަނީ ނަމޫނާ މަސައްކަތެކެވެ. އޭނާ ވަނީ އެ ގައުމުގެ ކަލްކަތާގައި ވަނީ "ކެފޭ ޕޮޒިޓިވް" ގެ ނަމުގައި ރެސްޓޯރަންޓެއް ހުޅުވާފަ އެވެ. މި ކެފޭގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ވެސް އެޗްއައިވީ-ޕޮޒިޓިވް މީހުންނެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޑރ. ގޯޝް ބުނީ އެ ގައުމުގައި އެޗްއައިވީ ޖެހިފައިވާ ކުޑަކުދިންނާއި ޒުވާނުން ވަރަށް ގިނަ ކަމަށެވެ. އެހެންކަމުން އެޗްއައިވީ ޕޮޒިޓިވް ކުދިންގެ ތެރެއިން 18 އަހަރު ފުރޭ ކުދިންނަށް މަސައްކަތް ކޮށްގެން އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެއް ކަމަށެވެ.
އެގޮތުން އޭނާ ހުޅުވި ކެފޭގައި ކާނާ އާއި ބުއިންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވަނީ މުޅިން ވެސް އެޗްއައިވީ ޕޮޒިޓިވް މީޙުންނެވެ.
ޑރ. ގޯޝް ބުނި ގޮތުގައި މުޅި ކަލްކަތާގައި ވެސް މިފަދަ ރީތި އަދި އެޗްއައިވީ ޕޮޒިޓިވް ސްޓާފުން ތިބި ކެފެޓީރިއާ އެއް ނެތް ކަމަށެވެ.
ޑރ. ގޯޝް އާއި އޭނާގެ ކުންފުނީގެ އުންމީދަކީ އިންޑިޔާގެ އިތުރު ހިސާބުތަކުގައި މިފަދަ 30 ކެފެޓީރިއާ ހުޅުވައި އެޗްއައިވީ ޖެހިފައިވާ އެތައް ޒުވާނުންނަކަށް އަމިއްލައަށް މަސައްކަތް ކޮށްގެން ފައިސާ ހޯދައިގެން ދިރިއުޅެވޭނެ ގޮތް ހަދައިދިނުމެވެ.
އެގޮތުން ޑރ. ގޯޝް ހުޅުވަން ހަމަޖެހިފައިވާ 30 ކެފެޓީރިއާ އަށް ބޭނުންވާ 800 ވަރަކަށް މީހުން މިހާރުވެސް ޝޯޓްލިސްޓްކޮށް އެމީހުންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
އެޗްއައިވީ ޕޮޒިޓިވް އޭ ކިޔާފައި އެއްވެސް މީހަކު މިފަދަ މީހުން ބާކީ ނުކުރުމަށާއި އެމީހުންނަށް ވެސް ދިރިއުޅުމުގެ ހައްގު އޮތްކަން ގަބޫލުކޮށް އެމީހުންނަށް ގަދަރު ކުރުމަށާއި އާމްދަނީގެ ވަސީލަތްތައް ތަނަވަސްކޮށްދިނުމަށް ޑރ. ގޯޝް އިލްތިމާސް ކުރި އެވެ.
"އެމީހުންނަކީ ވެސް ހަމަ އަހަރެމެން ކަހަލަ އިންސާނުން. އެމީހުންނަށް އާމްދަނީ ހޯދަން މަސައްކަތްކުރުމުގެ ހައްގު ލިބިގެންވޭ. އަދި އެހެން މީހުންނާ ކުރާ ގަދަރު އެމީހުންނަށް ވެސް ކުރަން ވާނެ،" ޑޮކްޓަރު ބުންޏެވެ.
ޑަބްލިޔުއެޗްއޯގެ ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގައި މިހާރުވެސް އެޗްއައިވީ ޖެހިފައިވާ 36.3 މިލިއަން މީހުން ދިރިއުޅެ އެވެ. މި ބައްޔަށް މިހާތަނަށް ވެސް ބޭހެއް ހޯދިފައި ނުވާއިރު ބަލީގެ ވައިރަސް ހަށިގަނޑުގައި ހުއްޓަސް އެކަށީގެންވާ ގޮތަކަށް ބޭސް ފަރުވާކޮށް ހަށިގަނޑަށް ބަލައިގެން އުޅުމުން މި މީހުންނަށް ވެސް ދިގު އުމުރެއް ސަލާމަތް ސިއްހަތެއްގައި އުޅުމުގެ ފުރުސަތު އޮވެ އެވެ.
ޑރ. ގޯޝްގެ ކެފެޓީރިއާގައި މަސައްކަތްކުރާ އެޗްއައިވީ ޕޮޒިޓިވް ޒުވާނަކު ބުނި ގޮތުގައި ސޭންޑްވިޗް އާއި ބާގާ އަދި ފްރެންޗް ފްރައިޒް ފަދަ ތަކެތި އޭނާ ތައްޔާރުކުރެ އެވެ. އަދި އޯޑަރު ކުރާ އެކި ކަހަލަ ބުއިންތައް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ކުރެ އެވެ.
"ބައެއް ކަސްޓަމަރުންނަށް އަހަރެމެންގެ ހާލަތު އެނގޭ. އަނެއް ބަޔަކަށް ނޭނގޭ. ނޭނގޭ މީހުން ކައިރީ އަހަރެމެން ބުނަން. ބައެއް މީހުން ކައިރީ އެ ވާޙަކަ ބުނުމުން އެއީ މާ ބޮޑު ކަމަކަށް ނުހަދާ. ނަމަވެސް ޕޮޒިޓިވްކޮށް ނުދެކި ރުޅިއަންނަ މީހުން ވެސް އުޅޭ. އަހަރެން ބޮޑުވީ ހޮސްޓެލްއެއްގައި ހުރެ. އަދި މި ރެސްޓޯރަންޓްގައި މަސައްކަތްކުރާތާ ތިން އަހަރުވެއްޖެ،" އެ ޒުވާނާ ބުންޏެވެ.
މި ކެފޭ މުޅި ހިސާބުގަނޑަށް މަޝްހޫރުވެފައިވަނީ އެތަނުން ލިބޭ މީރު ކޮފީގެ ސަބަބުންނާއި އެތަނުގެ މާހައުލުގައި އޮންނަ ޕޮޒިޓިވް ކަންކަމުންނެވެ. ޕްރޮފެޝަނަލް މަސައްކަތްތެރިންނާއި ކޮލެޖަށް ދާ ކުދިން އަދި ޒުވާނުން ވަދެ މުޅި ތަން އޮންނަނީ އަބަދުވެސް ފުރާލާފަ އެވެ.
މި ކެފޭގައި މަސައްކަތްކުރާ ހުރިހާ ޒުވާނުންނަކީ ވެސް ކޮންމެވެސް ގޮތަކުން އެކުދިންގެ ގަޔަށް ބަލި އަރާފައިވާކަން އެނގުމުން އާއިލާއިން ބަލަން ބޭނުން ނުވެގެން މަގުމައްޗަށް އެއްލާލާފައި ތިބި ކުދިންނެވެ.
އެ ކެފޭއަށް އާއްމުކޮށް ދާ މީހަކު ބުނި ގޮތުގައި އެ ތަނުގެ މާހައުލު އޭނާއަށް ވަރަށް ކަމުދެ އެވެ. އަދި ތަނުގެ މުވައްޒަފުންނެކޭ އާދައިގެ މީހުންނެކޭ ބަލާ ބެލުމެއް އެއްވެސް ތަފާތެއް ނުހުރެ އެވެ. ވީމާ އެމީހުން ތައްޔާރުކޮށް ގެނެސްދޭ އެއްޗެތި ކެއުމުގައި އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ.