ވަކިކުޅިވަރެއް ތަފާތު ނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރުތަކެއް ކުރިއެރުވުމަށް ސަރުކާރުން އެހީތެރިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާ މުލިއާގޭގައި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރޭސިން އެސޯސިއޭޝަނުގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާ ގުޅޭގޮތުންނާ ދާއިމީ ރޭސިން ޓްރެކެއްގެ ބޭނުންތެރިކަމާއި މިކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރައްވާފަ އެވެ.
މީގެ އިތުރުން މި ކުޅިވަރުގައި ހަރަކާތްތެރިވާ މީހުން ފަރިތަކުރުންތައް ކުރިއަށް ގެންދާނެ ސަރަޙައްދެއް ބޭނުންވާ ކަމާއި އެފަދަ ސަރަހައްދެއް ހަމަޖައްސައިދިނުމަށްވެސް އެދިފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ވަކި ކުޅިވަރެއް ތަފާތު ނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށް ވެސް މިސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައި ވިދާޅުވެފަ އެވެ. އަދި އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމަށް ހުރި ފުރުސަތުތަކާ އެކަމުގައި ސަރުކާރަށް އަދާކުރެވިދާނެ ދައުރާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެެ.