މޯލްޑިވްސް ޕޮލިސް ސާވިސް

ނަޝީދަކީ އުމުރަށް ޖަލަށްލާފައި ހުރި މީހެއް

Apr 10, 2022
3

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ ތެރޭގައި އަތުލައިގެން 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މާލެ، މ. ނޫރުއް، އަބްދުﷲ ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައިވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ލިބިގެން 42 ކިލޯގެ މަސްތުވާތަކެތި ހޯދައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގީ މިދިޔަ މާޗް މަހުގެ 24 އަދި 25 ވަނަ ދުވަހު އެވެ. މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ނަޝީދުގެ އިތުރުން އިދިކޮޅު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު ހުސައިން އެވެ.

މި ދެ މީހުންގެ ތެރެއިން ނަޝީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުލުހުން ބުނީ ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށްލާފައިވާ މީހެއް ކަމަށެވެ.

މަސްތުވާތެކެތީގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށް ވުރެ ދަށުން މަސްތުވާތަކެތި ގެންގުޅެގެން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ އެފަދަ މީހުންނަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުން ޕެރޯލް ލިބޭނެ އެވެ.

ފުލުހުން ބުނާ ގޮތުން ނަޝީދު މުޖުތަމައަށް ދޫވެފައި ހުރީ އެ އުސޫލުންނެވެ.

ނަޝީދުގެ ބަންދަށް އެންމެ ފުރަތަމަ ޖެހި 15 ދުވަސް އިއްޔެ އަށް ވަނީ ހަމަވެފަ އެވެ. ކްރިމިނަލް ކޯޓުން ނަޝީދުގެ ބަންދަށް ދެވަނަ ފަހަރަށް ވެސް އިއްޔެ ޖެހީ 15 ދުވަހެވެ.

މާފަންނުގައި ހުރި ގެއެއްގައި ވަޅުލާފައި ހުއްޓާ 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސް މީހާގެ ގޮތުގައި ފުލުހުން ބުނާ އަހްމަދު ހުސައިން ވެސް ހުރީ ޖަލު ބަންދުގަ އެވެ.