ފުޅީގައި ބަންދުކުރި ފެނުގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން ފެން ވިއްކާ ކުންފުނިތަކުން ފެން ވިއްކުން ލިމިޓްކޮށްފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ މިއީ އަހަރުގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވާތީ ފެނުގެ ޑިމާންޑް ބޮޑު ކަމަށެވެ. ވަކިން ހާއްސަކޮށް މިދުވަސްވަރު އަތޮޅު ތެރެއަށް ފެން ގެންދިއުން އިތުރުވެފައިވާތީ ފެން ލިމިޓް ކުރީ ކަމަށެވެ.
ފެން ކުންފުނިން މިއަދު މާލޭގެ ފިހާރަތަކަށް ވިއްކަނީ ފަސް ލީޓަރުގެ ފަސް ކޭސް ފެނެވެ.
މާދަމާގެ ވަގުތެއްގައި ލިމިޓް އުވާލައި އާންމު ހާލަތުގައި ފެން ވިއްކާ އުސޫލުން ވިއްކަން ފެށޭނެ ކަމަށްވެސް އެމްޑަބްލިއުއެސްސީން މައުލޫމާތުދެ އެވެ.
މިދުވަސްވަރު ހޫނު ގަދަ ކަމުން ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެނުގެ ޑިމާންޑް ބޮޑު ކަމަށް ފެން ވިއްކާ އެހެން ކުންފުނިތަކުން ވެސް ބުނެ އެެވެ.
ފެން ފޯރުކޮށްދިނުމުގައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ގަނޑުކޮށް ފެން ވިއްކުމުގެ ބަދަލުގައި ފެން ބޭނުންވާ ހުރިހާ ފިހާރަތަކާއި އެހެން ކަސްޓަމަރުންނަށް ވެސް ފެން ފޯރުކޮށްދިނުމަށް ކަމަށް ކުންފުނިތަކުން ބުނެ އެވެ.