ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވާން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވަޑައިގަތުމަށް ކުރައްވާ ކެމްޕެއިންގައި ކ އަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ގަމު ދާއިރާ ތަމްސީލު ކުރައްވާ ފައްޔާޒް ވިދާޅުވީ ޗެއާޕާސަން ކަމަށް ނިކުމެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދާ ދެއްވާ ވެރިކަމުގައި އެމްޑީޕީ ދެމި އޮތުމުގެ މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެކަން ކާމިޔާބު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ 2023 އެމްޑީޕީއަށް ލިބޭނީ ޕާޓީގެ މެންބަރުން ވަރަށް ހަރަކާތްތެރި ބަޔަކަށް ވެގެން ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކުރެއްވުނުއިރު އެމްޑީޕީގެ ހަރަކާތްތައް ފެންނަނީ މަޑުޖެހިފައިވާ މަންޒަރު ކަމަށާ ޕާޓީގެ ހަރުތައް ހުރީ ދޫކޮށްލެވިފައި ކަމަށެވެ. އެއީ އެމްޑީޕީގެ ރަސްމީ އޮފީހާއި ރަށްރަށުގެ ގޮފިތަކާއި އޮތް ގުޅުން ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޗެެއާޕާސަން ކަމަށް އިންތިހާބު ކޮށްދެއްވައިފިނަމަ އެކަންކަން ބަދަލު ކުރައްވާ އެމްޑީޕީގައި ކުރީން އޮތް ޖޯޝާއި ފޯރި އަލުން ގެނެސްދެއްވާ މެންބަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ މެންބަރުން ހަރަކާތްތެރި ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި 2023 ލިބެން އޮތީ ސަރުކާރާއި ޕާޓީގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާ ވެގެން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ އާއި ސަރުކާރާ ގުޅުމެއް ނެތި ކިތަންމެ މަސައްކަތެއް ކުރިނަމަވެސް 2023 ގައި ކާމިޔާބު ހޯދެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ 2023 ހިފޭތަނެއް، ޕާޓީގެ މެންބަރުން އެކްޓިވް ވެގެން ނޫނީ. ޕާޓީ މެންބަރުން އެކްޓިވްވެ ޕާޓީއާ މެންބަރުންނާ ދެމެދު އޮތް ގުޅުން ބަދަހިވެގެން ހަމަ އެ ގޮތަށް އެ ގުޅުމާ އެއްކޮށް ސަރުކާރާ ޕާޓީ [އެމްޑީޕީ] އާވެސް ގުޅުން ބަދަހިވެގެން ނޫނިއްޔަކާ 2023 ހިފޭތަނެއް އަޅުގަނޑަށް ނުފެނޭ، ކިތަންމެ މަސައްކަތެއް ކުރިޔަސް އެނގޭތޯ،" ފައްޔާޒު ވިދާޅުވިއެވެ.
ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވާ އެމްޑީޕީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންްގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.
މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.