އެމްޓީސީސީ

އަލިފުށި އެއާޕޯޓުގެ މަސައްކަތަށް ތައްޔާރުވެއްޖެ

Apr 12, 2022

ރ. އަލިފުށީ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް އެމްޓީސީސީ އިން ތައްޔާރު ވެއްޖެ އެވެ.

އެމްޓީސީސީ އިން މިއަދު ބުނީ އަލިފުށީގައި މި މަޝްރޫއު ފެށުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 50.5 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކާނެ އެވެ. ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދި މި މަޝްރޫއުގެ ދަށުން ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސާވިސް ރޯޑް ހަދާނެ އެވެ. މީގެ އިތުރުން ޓާމިނަލް ބިލްޑިން އަކާއި ފަޔާ ބިލްޑިންއެއްގެ އިތުރުން 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީ އިން ބުނެ އެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އެމްޓީސީސީ އާއި ސަރުކާރުން ހަވާލުކޮށްފައި ވަނީ އެ މަސައްކަތް 750 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކުރި މި މަސައްކަތަށް 451.6 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

އަލިފުށީގައި އެއާޕޯޓެއް އަޅަން ސަރުކާރުން ކުއްލިގޮތަކަށް ނިންމުމުން، އެ ޕްރޮޖެކްޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެގޮތުން ރ. އަތޮޅު އިފުރުގައި އެއާޕޯޓެއް އޮންނައިރު އަލިފުށިން ފުރައިގެން އެ އެއާޕޯޓަށް 20 މިނެއް ދެވޭއިރު ކުއްލިއަކަށް އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަގްސަދާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ނެވެ.