އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ނިމުމާ ގާތަށް އައިސްފި އެވެ.
އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ.
އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ހަތް މީހަކާއި ކުޑަކުއްޖެއްގެ މައްޗަށް ދައުވާކުރެ އެވެ. އެއީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން ގ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ސިމާހު މޫސާ ހުށަހަޅާފައިވާ ދެ ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން ފިޔަވައި ދައުވާލިބޭ މީހުން ހުށަހަޅާފައިވާ ދިފާއީ ހެކިވެރިންގެ ހެކިބަސް ނަގައި ވަނީ ނިންމައިލައިފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ސިމާހު އަދި ޖުނައިހުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ޖުނައިހުގެ ފަރާތުން ހާޒިރުކުރި ދެ ހެކިވެރިން ވެސް ބުނެފައިފަނީ އަނަސް މަރައިލި ރޭ އެމީހުން އުޅުނީ މާލޭގައި ނޫން ކަމަށާއި އުފަން ރަށުގައި ކަމަށެވެ. އެވަގުތު އުޅުނީ އެންމެން އެއްކޮށް ކަމަށް ހެކިބަސް ދީފައިވެ އެވެ.
ސިމާހު ދިފާއުވާން ހުށަހެޅި ހެކިވެރިޔާ ވެސް ބުނެފައި ވަނީ އެރޭ ސިމާހު އުޅުނީ ހެކިވެރިޔާއާ އެކުގައި ކަމަށެވެ. ސިމާހު ދެން ހުށަހަޅާފައިވާ ދެ ހެކިވެރިން މިވަގުތު ޖަލުގައި ތިބުމުން އެމީހުން ހެކިބަސް ނެގުން އެހެން ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.
ގާޒީ އަލީ އާދަމް ވަނީ ޖުނައިހުގެ ބޭސްފަރުވާއަށް 30 ދުވަހަށް ދޫކޮށްލަން ވެސް ނިންމަވާފަ އެވެ. އޭނާ ބޭސްފަރުވާއަށް ދޫކޮށްލާފައި ވަނީ ކަރެކްޝަނަލް ސާވިސް އިން ބޭސްފަރުވާއަށް ފަރުވާކުޑަކޮށްފައިވާތީ އެވެ. ކުރިން ވެސް އޭނާ ހުރީ ޝަރުތުތަކަކާއެކު ލޮލުގެ މައްސަލަތަކަކާއި ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ދޫކޮށްލައިފަ އެވެ. ގާޒީ ވިދާޅުވެފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިހުރި މުއްދަތުން އިތުރު 30 ދުވަސް ސަސްޕެންޑްކުރާ ކަމަށެވެ.
މި މައްސަލައިގައި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް ގާޒީ މިއަދު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް ގާޒީ ވިދާޅެއް ނުވެ އެވެ.