ހަބަރު

އަލްޢަސްރުގެ ރޯދަ ހަދިޔާ: މުހިންމު ފޮތްތަކެއް ނެރެފި

Apr 12, 2022

އަލްޢަސްރު ޕަބްލިކޭޝަންސްގެ ފަރާތުން ރޯދަ މަހަށް މުޅިން އާ ފޮތްތަކެއް ނެރެފި އެވެ.

މި ފޮތްތައް ނެރެދެއްވީ ރޯދަ މަހަށް ޢަސްރުން ކުރިއަށް ގެންދާ "ލައިފް ލެސަންސް ފްރޮމް ގުރުއާން" މި ސީރީސް ގެނެސް ދިނުމަށް ރާއްޖެ ވަޑައިގެންނެވި އައްޝައިޚް އިބްރާހީމް މެންކްއެވެ.

އިސްލާމިކް މިނިސްޓްރީ ޢަސްރު ގުޅިގެން ޣާޒީ ސްކޫލުގައި ބޭއްވި "ސީކިން ސޮލަސް" ދަރުހަށްފަހު އެ މިނިސްޓްރީގެ ލައިބްރަރީއަށްވެސް ވަނީ މި ފޮތްތައް ހަދިޔާކޮށްފައެވެ.

މި ފަހަރު ނެރުނު ފޮތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ނެރެމުންދާ ކޮއްކޮ ސީރީސްގެ ތެރެއިން "ކޮއްކޮގެ ނަމާދު ފޮތް" އަދި "ކޮއްކޮގެ ވުޟޫ ފޮތް" ހިމެނެއެވެ.

މީގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމާ ގުޅޭގޮތުން "ދަރިން ތަރުބިއްޔަތު ކުރުމަށް 10 އުސޫލު" މިނަމުގައި ލިޔެފައިވާ ފޮތަކާއި ކުޑަކުދިންނަށް ހާއްސަ އަގީދާ ފޮތެއް ކަމަށްވާ "ކޮއްކޮމެންގެ އަގީދާ ފޮތް" ވެސް ހިމެނެއެވެ.

އަދި "އަލިވޮށް" މި ނަމުގައި މަޝްހޫރުވެގެންދިޔަ ނަބިއްޔާގެ ސިޔަރަތު ފޮތުގެ ދެވަނަ އެޑިޝަން އިތުރު އާ ބަދަލުތަކަކާއެކު އަލްޢަސްރު ޕަބްލިކޭޝަންސްގެ ފަރާތުން ވަނީ ނެރެފައެވެ.

ފޮތްތަކުގެ އިތުރުން ކުޑަކުދިންނާ ގުޅޭ ތަފާތު ކާޑު ގޭމުތަކެއްވެސް އަލްއަސްރުން ވަނީ ގެނެސްފައެވެ. އަދި އިތުރު ކާޑު ގޭމުތަކެއް ވަރަށް އަވަހަށް އަންނާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އަލްޢަސްރުން ބުނީ މި ފޮތްތަކާއި ކާޑު ގޭމުތައް މެސެޖް އޮފް އިސްލާމް އިން ލިބެން ހުންނާނެ ކަމަށެވެ. އަދި ބުކްޝޮޕްތަކުން ލިބޭނެގޮތް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެންވެސް މި ފޮތްތަކަށް އޯޑަރު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ދުނިޔެއަށް މަޝްހޫރު ދާއީ މުފްތީ މެންކްއަށް ބޮޑުބެ ވިދާޅުވާ އައްޝައިޚް އިބްރާހިމް މެންކް ރާއްޖެ ވަޑައިންގެނެވީ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހު ނޫރު މިސްކިތުގައި "ލައިފް ލެސަންސް ފްރޮމް ގުރުއާން" ގެ ނަމުގައި ސިލްސިލާކޮށް އަސުރު ނަމާދު ފަހުން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ރާއްޖެ ގެނެވުނުއިރު އައްޝައިޚް އިބްރާހީމް މެންކް ވަނީ ރޯދައިގެ ކުރިން އދ.މަހިބަދޫގައިވެސް އިވެންޓުތަކެއް ކުރިއަށް ގެންގޮސްފައެވެ.