ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވި ފަހުން ފޯމް ހުށައެޅުމުން ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓްގެ ފޯމް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީއަށް ގެއްލިއްޖެ އެވެ.
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީން ހުޅުވާލީވެސް އިއްޔެ އެވެ. އެހެން ކަމުން ވަގުތު ހަމަވުމުގެ ކުރީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށައެޅިދާނެ ކަމާމެދުވެސް އޮތީ ސުވާލު އުފެދިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެމްޑީޕީން އެ ޕާޓީގެ ކެންޑިޑޭޓްގެ ފޯމް ހުށައަޅާފައިވަނީ ސުންގަޑި ހަމަވި ފަހުން ކަމަށެވެ. އެހެން ކަމުން އެ ފޯމް ބަލައިނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ފުއާދު ވިދާޅުވީ ވަގުތު އިތުރުކޮށް ނުދިނުމަށާއި ސުންގަޑީގެ ފަހުން ހުށައަޅާ ފޯމް ބަލައިނުގަތުމަށް ކޮމިޝަަންގެ މެންބަރުންގެ އަޣުލަބިއްޔަތުން ކުރީންވެސް ނިންމާފައިވާ ކަމަށެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ބަންދުވީ މިއަދު މެންދުރު 12 ޖެހިއިރުއެވެ. އެމްޑީޕީން ފޯމް ހުށައެޅީ އޭގެ ފަހުންނެވެ.
އެހެން ކަމުން މި އިންތިހާބުގައި ވާދަކުރާނީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. އެ ދެ ޕާޓީން ވަނީ ސުންގަޑީގެ ކުރީން ފޯމް ހުށައަޅާފައެވެ. އެ ދެ ކެންޑިޑޭޓުންގެ މެދުގައި ގުރު ނެގުން އޮންނާނީ ހޮނިހިރު ދުވަހުގެ މެންދުރު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްުރާ ކޮމެޓީގެ މެމްބަރުކަމުގެ ގޮނޑި ހުސްވެފައިވަނީި ކުރިން އެމަގާމުގައި ހުރި އައިމިނަތު އީމާން ނިޔާވުމުގެ ސަބަބުންނެވެ. އީމާން ނިޔާވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު ހިނގި ނުރައްކާރެތި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުންދަނިކޮށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އީމާން އަކީވެސް އެމްޑީޕީގެ މެންބަރެކެވެ.
ވިލިމާލެ ދާއިރާގެ ބައި އިލެކްޝަނުން އެމްޑީޕީއަށް ފުރުސަތު ގެއްލިފައިވާއިރު މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ މަގާމުވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ. މާލެ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ މަގާމުގައި ކުރީން ހުންނެވި އެމްޑީޕީއަށް ނިސްބަތްވާ ފާތިމަތު ޝިފާ މާޗް 15 ވަނަ ދުވަހު ވަނީ އިސްތިއުފާ ދެއްވާފައެވެ. އައު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި އެމްޑީޕީގެ މެންބަރަކު ވާދަކުރި ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ އެވެ.
އޭނާއާ ވާދަކުރީ އެމްޑީޕީގެ މެމްބަރު ރަޝީދާ ރަޝާދު އެވެ. އޭނާ ހޮވަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރުނުއިރު 12 މެންބަރުންނާއެކު މެޖޯރިޓީ އޮތީވެސް އެމްޑީޕީއަށެވެ.
ވިލިމާލެ ދައިރާގެ ޑަބްލިއުޑީސީ ގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 16 ވަނަ ދުވަހަށެވެ. ކުރިން ހަމަޖެއްސީ އަންނަ މަހުގެ 14 ވަނަ ދުވަހަށެވެ. އެތާރީހު ބަދަލުކުރީ ކުރިން އިންތިހާބު ބާއްވަން ހަމަޖެއްސި ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އެދުވަހު އޮންނާތީ އެވެ.