ދުނިޔެ

އިންސާނީ ހައްގުތަކަށް އަހަރެމެން ވެސް ކަމޭހިތަން: ޖައިޝަންކަރު

އިންޑިއާއަކީ ވެސް އިންސާނީ ހައްގުތަކަށް އިހުތިރާމްކުރާ ގައުމެއް ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އިންޑިއާގެ ފަސްގަނޑުގައި އިންސާނިއްޔަތާ ޚިލާފު -- ހައްގު ނިގުލައިގަތުމަށް ކުރެވޭ އަލަމުތައް ހޯދާބަލައި ހުއްޓުވާ ވެސް ހަދާ ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ އެކު އޮތް މަޝްވަރާ ބައްދަލުވުމެއްގައި، އިންޑިއާގައި ހިންގާ ލާއިންސާނީ އަމަލުތައް ވަރަށް ގާތުން އެމެރިކާ ބަލަމުން ގެންދާ ކަމަށް ބްލިކެން ވަނީ ވިދާޅުވެފަ އެވެ.

އަދި އިންޑިއާގައި މިފަހަކަށް އައިސް ހައްގު ނިގުޅައިގަތުމުގެ އަމަލުތައް ގިނަވަމުން އަންނަ ކަމަށާއި އެއީ އެމެރިކާގެ ބައިވެރިންގެ ކިބާގައި ހުރެގެން ނުވާނެ ސިފައެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ބްލިންކެން ވިދާޅުވީ ހައްގު ނިގުޅައިގަތުމުގެ އަމަލުތައް އެންމެ ގިނައި ހިންގަނީ ސަރުކާރު ސްޕޮންސާކޮށްގެން ކަމަށާއި ފުލުހުން އަދި ޖަލުތަކުގައި ވެސް އަނިޔާވެރި އަމަލުތައް ހިންގާ ކަމަށެވެ.

އެންތަނީ ބްލިންކެންއާ އެކު އޮތް ބައްދަލުވުމުގައި އޭނާ ދެއްކެވި ވާހަކަތަކަށް ޖައިޝަންކަރު ވަކި ޖަވާބެއް އެއިރު ނުދެއްވަ އެވެ. އެހެން ނަމަވެސް އޭގެ ދެ ދުވަސް ފަހުން އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޖައިޝަންކަރު ވިދާޅުވީ އެމެރިކާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ މެދު އިންޑިއާ ވެސް ކަންބޮޑުވާ ކަމަށެވެ.

ޖައިޝަންކަރުގެ މައިގަޑު ވިދާޅުވުމަކީ އެގައުމެއްގައި ހިނގާ ކަންކަމާ މެދު އެބަޔަކު ވިސްނަން ދޫކޮށްލާފައި އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމެވެ.

އޭނާ އަދި ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އެހެން މީހުން ޝައުގުވެރިވާ ކަހަލަ ހާދިސާތައް ހިނގާނެ ކަމަށާއި އެކަމު ފެންނަހާ ތަނަކުން އެވާހަކަތައް ތަކުރާރު ކުރުމަކީ އިންޑިއާ ކުރާ ކަމެއް ނޫން ކަމަށެވެ.

ޖައިޝަންކަރުގެ އިހުސާސްތައް މިފަދައިން ހަބަރުތަކަށް އަރާފައި މިވަނީ އެމެރިކާގެ ނިއުޔޯކް ސިޓިގައި އިންޑިއާ ދެމީހަކަށް އަންގާރަ ދުވަހު ހަމަލާދީ އަނިޔާ ކުރުމާ ގުޅިގެން އެވެ. އަދި އޭގެ ކުރިން ހަމަ އެ ސަރަހައްދުން އިންޑިއާގެ އެހެން މީހަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން އެމެރިކާގައި އިންޑިއާ ސިކުންގެ 500،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެވެ. އަދި ބުނެވޭ ގޮތުގައި ސިކުން އެއްބޮނޑިއަކަށް އެންމެ ގިނައިން އުޅެނީ ވެސް އެމެރިކާގަ އެވެ.