ދުނިޔެ

އީރާން، އެމެރިކާ ކުށްވެރިން ބަދަލުކުރަން މަޝްވަރާކުރަ ނީ

އީރާން އާއި އެމެރިކާގެ ޖަލުތަކުގައި ތިބި ކުށްވެރިން ބަދަލުކުރުމާ ބެހޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތަކެއް ދެ ގައުމުގެ އޮފިޝަލުން ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި ގޮތެއް ނިންމަން މަޝްވަރާކުރީ އީރާންގައި ހައްޔަރުކޮށްފައި ތިބި އެމެރިކާ މީހުން ދޫކުރާ ބެހޭ ގޮތުންނާއި އެމެރިކާ ބަލަހައްޓާ ޖަލުގައި ތިބި އީރާން މީހުން މިނިވަންކުރުމާ ބެހޭ ގޮތުންނެވެ.

އެމެރިކާގެ ގޮށްމުށުން އީރާނަށް އަޅާފައި ހުރި ތަތިކުރުންތަކުގެ ސަބަބުން ގައުމުތަކުގައި ތާށިވެފައި ހުށި އީރާންގެ މުދާ -- ޚާއްސަކޮށް ފައިސާތައް ދޫކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

އެމެރިކާ މީގެ ކުރިން މަސައްކަތްކުރީ އީރާނަށް އަޅާފައި ހުރި ދަތިކުރުންތަކަށް ލުޔެއް ދިނުމެއް ނެތި ކުށްވެރިން ބަދަލުކުރުމަށެވެ. އަދި ވިއެނާގައި މަޝްވަރާކޮށް ގޮތެއް ނިންމަން އުޅުނު ނިއުކްލިއާ ޑީލްގައި ކުށްވެރިން ދޫކުރުމާ ބެހޭ މާއްދާއެއް ހިމަނަން ވެސް މަސައްކަތްކުރި އެވެ.

އެހެން ނަމަވެސް، އީރާން ބުނީ ކުށްވެރިން ދޫކުރުމާއި ނިއުކްލިއާ ޑީލަކީ ތަފާތު ދެ ކަމަކަށް ވާން ޖެހޭ ކަމަށެވެ. އެ ނޫން ގޮތެއްގައި މަޝްވަރާކުރި ނަމަވެސް ގޮތެއް ނިންމަން ދަތިވާނެ ކަމަށެވެ.

އީރާންގެ ޖަލުތަކުގައި ތިބި އެމެރިކާ މީހުން އެހާ ގިނަ ނޫން ނަމަވެސް، މިހާރު ތިބި ހަތަރު މީހުން ހައްޔަރުކޮށްފައި ތިބޭތާ ޒަމާންތަކެއް ވެއްޖެ އެވެ. މީގެތެރޭގައި އެމެރިކާ އާއި އީރާންގެ ރައްޔިތުކަން އޮންނަ މީހުން ވެސް ހިމެނެ އެވެ.

އީރާން ބުނާ ގޮތުން ޖަލުތަކުގައި ތިބީ ކުށްވެރިންނެވެ. އެމީހުން ކުރި ކުށް ސާބިތުވެ ޝަރުއީ މަރުހަލާތައް ފުރިހަމަކޮށް ޖަލުގައި ތިބީ އަދަބު ލިބިގަތުމަށް ކަމަށް ވެސް އީރާން ބުނެ އެވެ.

އެހެންކަމުން، އީރާނަށް ބަދަލުގައި ރަނގަޅު އެއްޗެއް ނުވަތަ ކަމެއް -- އިތުރު ޝަރުތަކާ ނުލައި ލިބޭ ނަމަ ކުށްވެރިން ބަދަލުކުރެވިދާނެ ކަމަށް އީރާން އޮތީ ބުނެފަ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވި ގޮތުގައި އެމެރިކާ ރައްޔިތުންދެ ދިފާއުގައި ވަކާލާތުކުރުމަކީ ބައިޑަން ސަރުކާރުގެ ވައުދެކެވެ.

އޭނާ އަދި ވިދާޅުވީ އެމެރިކާ އެއްވެސް ރައްޔިތަކު ދުނިޔޭގެ ތަނެއްގައި ތާށިވެފައި ހުރި ނަމަ މިނިވަން ނުކޮށް ދޫކޮށް ނުލައްވާނެ ކަމަށެވެ.