ދުނިޔެ

ކުށްވެރިން ބަދަލުކުރިއެއް ކަމަކު އީރާނަށް ލުޔެއް ނުދެން: އެންތަނީ ބްލިންކެން

އީރާނާ އެކު ކުށްވެރިން ބަދަލުކުރަން އެމެރިކާއިން ޑީލެއް ހެދިއެއް ކަމަކު، އެ ނޫން ލުޔެއް ނުދެއްވާ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

އީރާންގެ ޖަލުތަކުގައި ނުހައްގުން ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ފަސް މީހަކު ދޫވާން އޮތީ ބްލިންކެން ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާގެ މަރުކަޒީ ބޭންކްގައި -- އެމެރިކާގެ އަމުރަށް ހިފަހައްޓާފައި ހުރި ހަ ބިލިއަން ޑޮލަރު އީރާނަށް ދޫކޮށްގެން ކަމެވެ.

ބްލިންކެން އަދި ވިދާޅުވީ އީރާނާ އެކު ހެދި އެއްބަސްވުން އެ ހިސާބުން އެ ނިމުނީ ކަމަށެވެ.

އެމެރިކާއިން އީރާނަށް އިތުރު ލުޔެއް ނުދޭ ކަމުގެ ހެއްކެއްގެ ގޮތުން ބްލިންކެން ދެއްކެވީ ގަލްފުގައި ހަރަކަތްތެރިވަމުން އަންނަ އެމެރިކާގެ އަސްކަރީ އުޅަނދުތަކެވެ.

ބްލިންކެން ވިދާޅުވީ އަސްކަރީ ދަރަޖައިގެ އުޅަނދުތައް ގަލްފަށް ފޮނުވުމުގެ ބޭނުމަކީ ވެސް އީރާން މަތަކޮށްފައި ބޭއްވުން ކަމަށެވެ.

އީރާނަށް ފައިސާ ދޫކުރިއެއް ކަމަކު އެ ފައިސާ ބޭނުންކުރާ ގޮތް އެމެރިކާއިން ވަރަށް ގާތުން ބަލާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.

ނިއުކްލިއާ ޕްރޮގްރާމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމަށް މަގުފަހިކުރުމަށް އެ ފައިސާއިން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އިރާން ބުނި ގޮތުން ހަ ބިލިއަން ޑޮލަރު މުޅިހެން ހޭދަކުރާނީ، އީރާނަށް އަޅާފައި އޮތް ދަތިކުރުންތަކުން ލިބުނު ގެއްލުންތައް ފޫބެއްދުމަށެވެ.

ގައުމަށް ކޮންމެހެން ބޭނުންވާ މުހިންމު ސާމާނު ގަތުމަކީ ވެސް އެ ފައިސާއިން ކުރާނެ ކަމެއް ކަމަށްވެސް އީރާނުން ބުންޏެވެ.

އީރާނަށް އެހާ ގިނަ ފައިސާތަކެއް ދިނުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ނޫން ކަމެއް ނުކުރާނެ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާޙޫ ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އިޒްރޭލަށް ބޮޑު ބިރެއް ގޮތުގައި އޮތް އީރާނަށް ދޫދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ޔަހޫދީ ބޮޑުވަޒީރު ވިދާޅުވި އެވެ. ނަމަވެސް، ބްލިންކެން ވިދާޅުވީ ޖޯ ބައިޑަންގެ ސަރުކާރުން އީރާނަށް އަޅާފައި ހުރި ދަތިކުރުންތަކަށް ލުޔެއް ނުދެއްވާ ކަމަށެވެ. އަދި އެމެރިކާ ސަރުކާރުގެ ސިޔާސަތަށް އެފަދަ އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.